މައުލޫމާތު ނުދޭ މީހާއަށް ޕީޖީގެ އިންޒާރު: ތެދު މައުލޫމާތު ދީ، ނޫނީ ޖަލަށް ދޭ!
މައުލޫމާތު ނުދޭ މީހާއަށް ޕީޖީގެ އިންޒާރު: ތެދު މައުލޫމާތު ދީ، ނޫނީ ޖަލަށް ދޭ!

ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކު ކަމާ ބެހޭ އިދާރާތަކަށް ތެދު މައުލޫމާތު ނުދޭތީ، އޭނާއަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު އިންޒާރު ދެއްވައިފި އެވެ.

ކޮވިޑް-19 އަށް މާލެއިން ޕޮޒިޓިވްވި މީހަކާ ބައްދަލުވި މީހުންގެ މައުލޫމާތު ހޯދަން ކުރަމުން އަންނަ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތަށް ތެދު މައުލޫމާތު ނުދޭ މައްސަލައެއް މިހާރު ވަނީ ފެންމަތިވެފަ އެވެ. އޭނާ ތެދު މައުލޫމާތު ނުދީފި ނަމަ، އޭނާގެ މައުލޫމާތު އާންމު ކުރާނެ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއޯއީސީ) އިން މިއަދު ވަނީ ބުނެފަ އެވެ.

އެކަމާ ގުޅިގެން ޕީޖީ ޝަމީމްގެ ފޭސްބުކްގައި ލިޔުއްވީ އެ މީހާ މައުލޫމާތު ނުދިނަސް، އޭނާ ދިޔަ ތަންތަނާއި އޭނާއާ ބައްދަލުވި މީހުންގެ މައުލޫމާތު ފުލުހުންނަށް ހޯދޭނެ ކަމަށެވެ. އަދި އޭނާ ބުނާ ބުނުމާއި ތަހުގީގަށް ހޯދޭ މައުލޫމާތު ދިމާނުވާ ނަމަ، ގާނޫނުލް އުގޫބާތުގެ ދަށުން ގިނަ ދައުވާތަކެއް ކުރެވި، އަހަރެއްހާ ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ ކަމަށް ވެސް ލިއުއްވި އެވެ. އަދި ނުރައްކަލެއް ކުރިމަތިވެދާނެ ފަދަ ކަންކަމުގައި އެއަށް ވުރެ އަދަބު އިތުރަށް ބޮޑު ކުރެވިދާނެ ކަމަށް ވިދާޅުވެ ވެސް އިންޒާރު ދެއްވި އެވެ.

ޝަމީމް ލިޔުއްވި ގޮތުން އޭނާއަށް ދައުވާ ކުރަން ހަމައެކަނި ބޭނުންވާނީ ދޮގު ހެދިކަމުގެ ހެއްކެވެ. އެހެންވެ، އެއީ ވަރަށް ސާފު މައްސަލައެއް ކަމަށް ވިދާޅުވެ، އެ މީހާއަށް އޮތް ހަމައެކަނި ގޮތަކީ ތެދު މައުލޫމާތު ދިނުން ކަމަށް ޝަމީމް ލިޔުއްވާފައިވެ އެވެ.

"މައުލޫމާތު ދީ، އެހެން ނޫނީ ޖަލަށް ދޭ." ޝަމީމް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ މި ހާލަތުގައި ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ބޮޑެތި ބާރުތަކެއް އޮންނާނެ ކަމަށާއި އެގޮތުން މައުލޫމާތު ނުދޭ މީހުންގެ މައުލޫމާތު ވެސް ހާމަކުރެވިދާނެ ކަމަށެވެ.