މުދާ ލިބުން ލަސްވެ ބާޒާރުން ބައެއް ތަކެތި ހުސްވަނީ
މުދާ ލިބުން ލަސްވެ ބާޒާރުން ބައެއް ތަކެތި ހުސްވަނީ

ބޭރު ގައުމުތަކުން މުދާ ލިބުން ލަސްވާތީ ބާޒާރުން ބައެއް ތަކެތި ހުސްވާން ފަށައިފި އެވެ.

މުދާ ލިބުން ލަސްވެ ބާޒާރުން ބައެއް ތަކެތި ހުސްވަނީ
މުދާ ލިބުން ލަސްވެ ބާޒާރުން ބައެއް ތަކެތި ހުސްވަނީ

ކޮވިޑް-19 ފެތުރޭތީ މާލެ ސަރަހައްދު ބަންދުކޮށް ވިޔަފާރި އަށް ހުރަސްތަކާ ކުރިމަތިވުމާ އެކު ބާޒާރުމަތީގެ ގިނަ ފިހާރަތަކުން ވެސް އިސްކަން ދެނީ މުދާ ޑެލިވަރީކުރުމަށެވެ. ނަމަވެސް އެއް ފަހަރާ ގިނަ އަދަދެއްގެ އޯޑަރު ކުރާތީ ގެންނަ މުދާ ވަރަށް އަވަހަށް ހުސްވަމުން އަންނަ ކަމަށް ބައެއް ވިޔަފާރިވެރިން ބުންޏެވެ.

ބާޒާރުން މިހާރު ލިބެން ހުރި ތަކެތީގެ ތެރެއިން ބިސް، އަލުވި، ފިޔާ އަދި ތަރުކާރީގެ ބާވަތްތަކާއި މޭވާގެ ބާވަތްތަކަށް އޮތް ޑިމާންޑު ވަރަށް ބޮޑެވެ. މި ތަކެތި ހުސްވާތީ ވީހާ ވެސް އަވަހަށް، އެތަކެތި ކައިރި ގައުމުތަކުން ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބައެއް ވިޔަފާރިވެރިން ބުންޏެވެ.

"ރޭގަ މި ގެނައީ 27 ބަސްތާ ފިޔާ މިހާރު އެހުރީ ހުސްވެފައި. އަޅުގަނޑުމެން މިތަކެތި ކޮންޓްރޯލްކޮށްގެން ވިއްކިޔަސް އޯޑަރުތައް ވަރަށް ގިނަ. އެކަމަކު އިންޑިއާއިން އެ ތަކެތި ގެންނަން މިދަނީ މަސައްކަތް ކުރަމުން،" ބާޒާރުމަތީގައި މޭވާ އާއި ތަރުކާރީގެ ވިޔަފާރި ކުރަމުން އަންނަ މީހަކު ބުންޏެވެ.

ބައެއް ވިޔަފާރިވެރިން ބުނާ ގޮތުގައި ބޭރުން ތަކެތި ލިބުމުގައި ދަތިތަކާ ދިމާވެ އެވެ. އެގޮތުން، އިންޑިއާ އަކީ ގިނަ އަދަދެއްގެ ތަކެތި ގެންނަ ގައުމަކަށް ވާއިރު އެ ގައުމު ލޮކްޑައުންގައި އޮތުމުން ތަކެތި ލިބުމުގައި ދަތިތަކާ ދިމާވާ ކަމަށް ބުންޏެވެ.

ބޭރު ގައުމުތަކުން ގެންނަ ތަކެތީގެ އިތުރުން ރާއްޖޭގެ ރަށްރަށުން މާލެއަށް ގެންނަ ތަކެތި ވެސް ބާޒާރުން ވަނީ ހުސްވެފަ އެވެ. މީގެ ތެރޭގައި މިރުހާއި ތަރުކާރީގެ ބައެއް ބާވަތްތައް ހިމެނެ އެވެ. ވިޔަފާރިވެރިން ބުނާގޮތުގައި ރާއްޖެއިން ފުރަތަމަ ފަހަރަށް ކޮވިޑް-19އަށް މިހަކު ޕޮޒިޓިވް ވުމާއެކު ވެސް މިތަކެތި ލިބުމުގައި ވަނީ ދަތިވެފަ އެވެ.

"ރާއްޖެތެރެއިން ތަކެތި ގެންނަން މިހާރު ވަރަށް އުނދަގޫ. ގަނެފައި ހުރި އެއްޗެހި ވެސް ލޮކްޑައުންއާ ހެދި ނުލިބިގެން މިއުޅެނީ. މިހާރު މުޅި މާރުކޭޓުގައި ވެސް ހުރީ ބޭރުން ގެންނަ ތަކެއްޗޭ ބުނުން ދޮގަކަށް ނުވާނެ." ވިޔަފާރިވެރިއަކު ބުންޏެވެ.

ދުނިޔޭގެ އެކި ގައުމުތަކުގައި ކޮވިޑް-19 ފެތުރުމާއި ގުޅިގެން ކާފިއު އިއުލާންކޮށް އެކްސްޕޯޓު ކުރުން މަދުކޮށްފައިވާއިރު ރަށްތަކުގައި ދަނޑު ހެއްދުމަށް ސަރުކާރުން ވަނީ ބާރު އަޅައިފަ އެވެ. އެގޮތުން، ރާއްޖޭގެ އެކި ރަށްތަކުން ދަނޑު ހެއްދުމަށް ހިލޭ ބިން ދޫކުރަން ވެސް ވަނީ ފަށައިފަ އެވެ.