އެމްޕީއެލްގެ ތެލުގެ މައްސަލަ އޭސީސީން ބަލަން ނިންމައިފި
އެމްޕީއެލްގެ ތެލުގެ މައްސަލަ އޭސީސީން ބަލަން ނިންމައިފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މެރީޑިއަމް ސާވިސަސް އިން ތެލުގެ ވިޔަފާރިކުރުމުގައި ދިމާވެފައިވާ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ތަހުގީގުކުރަން ނިންމައިފި އެވެ.

އެ ކޮމިޝަންގެ ނައިބު ރައީސް މުއައްވިޒު ރަޝީދު މިއަދު ވިދާޅުވީ އެމްޕީއެލް އިން މެރީޑިއަމް މެދުވެރިކޮށް ތެޔޮ ގަތުމުގައި ދިމާވެފައިވާ މައްސަލައިގެ ތަހުގީގު އަންނަ ހަފުތާގައި ފަށާނެ ކަމަށެވެ.

"މި މައްސަލަ އަޅުގަނޑުމެން މިބަލަނީ ކޮމިޝަނުން އިސްނައިގެން ބަލާ މައްސަލައެއްގެ ގޮތުގައި. އަޅުގަނޑުމެންނަށް ވެސް އެ މައްސަލައިގެ މައުލޫމާތުތައް މިހާތަނަށް ލިބުނީ މީޑިއާއިން،" އޭނާ ވިދާޅުވި އެވެ.

އޭސީސީން އެ މައްސަލަ ބަލަން ނިންމިއިރު، މެރީޑިއަމުން އެމްޕީއެލަށް ސަޕްލައިކޮށްދޭ ތެޔޮ އެތައް ގުނައެއް އިތުރުކޮށްގެން ބިލްކޮށް، އޮޅުވާލާފައިވާ ކަމަށް އެމްޕީއެލްގެ ސީއީއޯ މުހައްމަދު ޖުނައިދު އިއްޔެ ވަނީ ތުހުމަތުކުރައްވައިފަ އެވެ.

އެމްޕީއެލްގެ ވެހިކަލްތަކަށް ބޭނުންވާ ތެޔޮ ސަޕްލައިކުރުން މެރީޑިއަމް ނޫން އެހެން ފަރާތަކާ ހަވާލުނުކުރަން އަންގައި، އެ ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން ވަނީ އަންގާރަ ދުވަހު ވަގުތީ އަމުރެއް ވެސް ނެރެފަ އެވެ.

ސިވިލް ކޯޓުން ނެރުނު އަމުރާ ގުޅިގެން އެމްޕީއެލް އިން ބޭއްވި ނިއުސް ކޮންފަރެންސެއްގައި ޖުނައިދު ވިދާޅުވީ މެރިޑިއަމުން ތެޔޮ ވިއްކަނީ މާކެޓުގެ އަގަށް ވުރެ ބޮޑުކޮށް ލިޓަރެއް 12ރ. ގެ ރޭޓުން ކަމަށެވެ. އަދި އެ ކުންފުންޏަށް މަހަކު 60،000 ލީޓަރުގެ ތެޔޮ ބޭނުންވާ ކަމަށް ތަފާސްހިސާބުތަކުން ދައްކާއިރު މެރީޑިއަމުން މަހަކު 160،000 ލިޓަރުގެ ތެޔޮ ވިއްކާ ކަމަށް މެރީޑިއަމުން ބިލްކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެއީ މިހާރު ބިލް ކުރާ ރޭޓުން ބަލާއިރު ގާތްގަނޑަކަށް ދެ މިލިއަނެއްހާ ރުފިޔާ އެވެ.

މެރީޑިއަމްގެ ޗެއާމަނަކީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދެވެ.

މެރީޑިއަމުން ތެޔޮ ސަޕްލައި ކުރުމުގައި ގަވާއިދާ ހިލާފަށް އެއްވެސް ކަމެއް ހިންގާފައި ނުވާނެ ކަމަށާއި މައްސަލަ އުޅެނީ އެމްޕީއެލް ތެރޭގައި ކަމަށް ރިޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ތެޔޮ ސަޕްލައި ކުރުމުގައި މަކަރެއް ހަދާފައި އޮތް ނަމަ، އެއީ އެމްޕީއެލްގެ އެތެރެއިން ހިނގާފައި އޮތް ކަމެއް ކަމަށެވެ. އަދި މެރީޑިއަމުން އުފުލަން ޖެހޭ އެއްވެސް ޒިންމާއެއް ނޯންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.