19 އެޕްރީލް 2020 - 15:26

ކޮވިޑް-19 އާ ދެކޮޅަށް ބޭނުންކުރާ ގިނަ އަދަދެއްގެ މެޑިކަލް ސާމާނު، މެޑްޓެކް މޯލްޑިވްސް އިން ރާއްޖެ އަށް ގެނެސްފި އެވެ.
މާލޭގައި ކޮވިޑް-19 ބާރަށް ފެތުރެން ފަށާފައިވާއިރު، އެ ބައްޔަށް ފަރުވާދޭން ބޭނުންވާ ގިނަ އަދަދެއްގެ ސާމާނު މެޑްޓެކުން ރާއްޖެ އަށް ގެނައީ މިދިޔަ ހުކުރު ދުވަހުގެ ރޭ މޯލްޑިވިއަންގެ ކާގޯ ފްލައިޓެއްގަ އެވެ. އެގޮތުން އެއިން ގެނައި ފަސް ޓަނުގެ މުދަލުގެ ތެރެއިން 4.5 ޓަނުގެ މުދަލަކީ މެޑްޓެކުން ރާއްޖެ އަށް އެތެރެކުރި މެޑިކަލް ސާމާނެވެ.
އެ ފްލައިޓުގައި މެޑްޓެކުން ރާއްޖެ އަށް އެތެރެކުރި މެޑިކަލް ސާމާނުގެ ތެރޭގައި ހިމެނެނީ 105 ކޭހުގެ ސާންޕަލް ކެރިއާ އާއި ސާންޕަލް އެއްތަނުން އަނެއްތަނަށް އުފުލުމުގައި ބޭނުންކުރާ ޓްރިޕްލް ޕެކޭޖިން ބޮކްސްގެ 40 ކޭސް އަދި 13،600 ޑިސްޕޯސަބަލް ފޭސް ޝީލްޑެވެ.
ދުނިޔޭގެ މަޝްހޫރު ގިނަ ބްރޭންޑްތަކެއްގެ މެޑިކަލް ސާމާނު ރާއްޖެ އަށް ސަޕްލައިކުރާ މެޑްޓެކުން އަންނަނީ ކޮވިޑް-19 އަށް ފަރުވާދިނުމަށް ބޭނުންވާ މެޑިކަލް ސަޕްލައިސް ރާއްޖެ އަށް ގެނައުމަށް މަސައްކަތް ކުރަމުންނެވެ. ހުކުރު ދުވަހުގެ ރޭ އޮތް ފްލައިޓުން އިތުރު ސާމާނު ނުގެނެވުނީ ޖާގަ ނުލިބުމުން ކަމަށް އެ ކުންފުނިން ބުންޏެވެ.
ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ އަދަދު 51 އަށް އަރާފައިވާ އިރު މިއަދުގެ މިހާތަނަށް އެކަނި ވެސް މާލެއިން 16 މީހަކު މިބައްޔަށް ވަނީ ޕޮޒިޓިވްވެފަ އެވެ. ކޮވިޑް-19 ގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުން ބުނާ ގޮތުގައި މިހާރު ފެތުރެމުންދާ ސްޕީޑުގައި ބަލި ފެތުރޭ ނަމަ، ބަލީގެ ޕީކަށް އަރާ އިރު ރާއްޖޭގެ ސިއްހީ ހިދުމަތް ދިނުމުގެ ކެޕޭސިޓީއަށް ވުރެ ބަލިމީހުން އިތުރުވާނެ އެވެ.
މިހާރު ހުރި ކެޕޭސިޓީ އިތުރު ކުރުމަށްޓަކައި އިތުރު ވެންޓިލޭޓަރާއި އެހެނިހެން ސާމާނު ވެސް ސަރުކާރުން އަންނަނީ ހޯދަމުންނެވެ.