19 އެޕްރީލް 2020 - 14:31

ވޫހާން (އެޕްރީލް 19) - ކޮރޯނާވައިރަހަކީ ޗައިނާގެ ވޫހާން ސިޓީގެ ލެބަކުން ދޫވި އެއްޗެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރައްވާ ތުހުމަތު ވޫހާން ލެބުގެ ޑިރެކްޓަރު ދޮގުކުރައްވައިފި އެވެ.
ވޫހާން އިންސްޓްޓިއުޓް އޮފް ވައިރޮލޮޖީގެ ޑިރެކްޓަރު ޔުއާން ޒިމިން ވިދާޅުވީ އެ ލެބުން ވައިރަހެއް ބޭރުވާނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ. އަދި އެއީ ހީތަކެއްގެ މައްޗަށް ބިނާކޮށް ދައްކާ ވާހަކައެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ލެބުގައި މަސައްކަތް ކުރާ އެއްވެސް ސްޓާފަކަށް ބަލިޖެހިފައެއް ނުވޭ. ކޮރޯނާވައިރަހާ ގުޅޭ ވަރަށް މުހިންމު ރިސާޗްތައް ލެބުގައި ކުރިއަށް ދޭ. ޚާއްސަކޮށް ޕީ4 ލެބަކީ ނުރައްކާތެރި ވައިރަސް ތަކަށް ޚާއްސަ ތަނަކަށް ވާތީ އެ ތަނުގެ ސަލާމަތީ ކަންކަން ވަރަށް ވަރުގަދަވާނެ،" ސީޖީޓީއެން އަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވި އެވެ.
ލެބުން ވައިރަހެއް ބޭރުވެދާނެތޯ ސުވާލު ކުރުމުން އޭނާ ވިދާޅުވީ "އެއީ ނުވާނެ ކަމެއް" ކަމަށެވެ.
ނޮވެލް ކޮރޯނާވައިރަހަކީ ވޫހާންގެ ލެބަކުން ދޫވި އެއްޗެއް ކަމަށް ތުހުމަތު ކުރަން ފެށުމާ އެކު އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވަނީ އެކަން ތަހުގީގު ކުރާނެ ކަމަށް ވިދާޅުވެފަ އެވެ.
ވޫހާން ލެބުން ވައިރަސް ދޫވީ އެކްސިޑެންޓަކުން ކަމަށް ވޮޝިންޓަން ޕޯސްޓާއި ފޮކްސް ނިއުސް އިން ބުނެފައި ވާތީ ޒިމިން ވިދާޅުވީ އެއީ އެއްވެސް އަސްލެއްގެ މައްޗަށް ބިނާކޮށް ދައްކާ ވާހަކައެއް ނޫން ކަމަށެވެ.
ޗައިނާގެ ސައެންސްވެރިން ބުނެފައި ވަނީ ކޮރޯނާވައިރަހަކީ ޖަނަވާރުންގެ ފަރާތުން އިންސާނުންނަށް ވާސިލްވި އެއްޗެއް ކަމަށެވެ. އެކަމަކު ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނަކު ވިދާޅުވެފައި ވަނީ އެއީ އެމެރިކާ ސިފައިން ވޫހާން އަށް ދޫކުރި އެއްޗެއް ކަމަށެވެ.