19 އެޕްރީލް 2020 - 17:07

ތޮޮއްޖެހިފައި ހުންނަ ތަންތަނުގައި ދިރިއުޅޭ ބިދޭސީން، ބައިތިއްބަން 1،000 މީހުންގެ ޖާގައިގެ ފެސިލިޓީއެއް އަމިން ކޮންސްޓްރަކްޝަނުން އިކޮނޮމިކް މިނިސްޓްރީގެ ބޭނުމަށް ދީފި އެވެ.
އަމިން ކޮންސްޓްރަކްޝަންގެ އޮޕަރޭޝަންސް މެނޭޖަރު މުހައްމަދު ސާޖިދު "މިހާރު" އަށް ވިދާޅުވީ އެތަނަކީ އެ ކުންފުނިން މީގެ ކުރިން ވެސް ބޭނުންކުރަމުން އައި ތަނެއް ކަމަށެވެ. ކޮވިޑް-19 ފެތުރޭތީ ރައްކާތެރިކަމުގެ ގޮތުން، ބިދޭސީން ތޮއްޖެހިގެން އުޅޭ ތަންތަނުން އެހެން ތަންތަނަށް ބަދަލުކުރަން ސަރުކާރުން ނިންމުމުން، އިކޮނޮމިކް މިނިސްޓްރީއަށް އެ އިމާރާތުން 1،000 ޖާގަ ދޭން ނިންމީ ކަމަށް ސާޖިދު ވިދާޅުވި އެވެ.
"އަމިން ހިޔާ" ކިޔާ އެ އިމާރާތުގައި 1،200 މީހުންނަށް ތިބެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"1،200 ޖާގައިގެ ތަނެއް އެއީ. އަޅުގަނޑުމެން ސަރުކާރަށް ދިނީ 1،000 ޖާގަ،" ސާޖިދު ވިދާޅުވި އެވެ.
ނަމަވެސް އެ ފެސިލިޓީ ސަރުކާރުން ބޭނުންކުރަނީ އެނދުތަކުގެ ދެމެދުގައި ހުންނަ ޖާގަ އިތުރުކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، ސަރުކާރުން އެތަން ބޭނުން ކުރާ އިރު 1،000 އަށް ވުރެ ޖާގަ މަދުވާނެ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ތަން މަރާމާތުކޮށްދިނުމުން، މިދިޔަ ހަފުތާގައި ސަރުކާރުން އެ އިމާރާތް ބޭނުންކުރަން ފަށާފައިވާ ކަމަށެވެ.
ކޮވިޑް-19 އާ ބެހޭ ގޮތުން ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) ގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވި ގޮތުގައި އަމީން ހިޔާ އަށް ބަދަލުކުރި ބިދޭސީންގެ ތެރެއިން މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފަ އެވެ. އަދި އެތަން މިހާރު ވަނީ ކަރަންޓީނުކޮށްފަ އެވެ.
ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 މާލެ އިން މިދިޔަ ބުދަ ދުވަހު ފެނުމުން، ކޮންޓެކްޓް ޓްރޭސިން މަސައްކަތް ކުރުމަށާއި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މި މަހުގެ ނިޔަލަށް މާލެ ސަރަހައްދު ވަނީ ލޮކްޑައުންކޮށްފަ އެވެ. މި ބައްޔަށް ރޭ ބަންގްލަދޭޝް މީހަކު ޕޮޒިޓިވްވެފައިވާ އިރު، އެ ގައުމަށް ނިސްބަތްވާ އިތުރު 13 މީހަކު ވެސް މިއަދު ވަނީ ޕޮޒިޓިވްވެފަ އެވެ. އަދި އިންޑިއާ ދެ މީހަކު ވެސް ކޮވިޑަށް މިއަދު ޕޮޒިޓިވްވި އެވެ.
ފަރުވާއެއް ހޯދިފައި ނުވާ މި ބަލިން ރައްކާތެރިވުމަށްޓަކައި އެޅޭނެ އެންމެ ރަނގަޅު އެއް ފިޔަވަޅަކީ މީހުން އެއްވެ އުުޅޭ ތަންތަނަށް ނުދިއުމެވެ. އެހެން މީހުންނާ ކައިރީ ނުހުރުމަށާއި މަދުވެގެން ހަ ފޫޓު ދެ މީހުން ދޭތެރޭ ބެހެއްޓުމަށް ސިއްހީ ތަޖުރިބާކާރުން އަންނަނީ އަންގަމުންނެވެ.