19 އެޕްރީލް 2020 - 13:54

ކޮވިޑް-19 ގެ ބަލީގެ މީހުންނަށް ފަރުވާ ދޭން ހުޅުމާލޭގައި ހަދާ މެޑިކަލް ފެސިލިޓީގެ މަސައްކަތުގެ ބޮޑު ބައެއް ނިމިފައިވާ ކަމަށް އެތަނުން ބުނެފި އެވެ.

އެ މެޑިކަލް ފެސިލިޓީ ހެދުމުގައި ހަރަކާތްތެރިވާ ކުންފުންޏެއްގެ އޮފިޝަލަކު ވިދާޅުވީ، މަސައްކަތް ހަލުއިކޮށް، ބީ ބްލޮކް އާއި ޑޮކްޓަރުންގެ އެކަމޮޑޭޝަން މިއަދު ނިންމަން އަމާޒު ހިފާފައިވާ ކަމަށެވެ. އެހެންވެ އޭ ބްލޮކްގެ މަސައްކަތް ކުޑަކޮށް މަޑުޖައްސާލާފައިވާ ކަމަށް ވިދާޅުވި އެވެ.
"މިއަދު ވެސް ބީ ބްލޮކް ނިންމާލުމަށް މި މަސައްކަތްކުރަނީ. އެތަން ގާތްގަނޑަކަށް 99 ޕަސެންޓް ނިމިފައި މި ވަނީ،" އޮފިޝަލް ވިދާޅުވި އެވެ.
ބީ ބްލޮކުގައި 68 އެނދު ހުންނާނެ އެވެ. އޭ ބްލޮކުގެ، ތިން ފްލޯގައި 222 އެނދު ބަހައްޓައިގެން ބަލި މީހުންނަށް ފަރުވާ ދެވޭނެކަމަށް، ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބުނެ އެވެ.
ހުޅުމާލޭ ޓްރީ ޓޮޕް ހޮސްޕިޓަލް ކުރިމައްޗަށް ވާ ގޮތަށް އޮތް ބޮޑު ބިމުގައި ތަރައްގީކުރާ ވަގުތީ ހޮސްޕިޓަލް ނިންމަން އެންއީއޯސީން މުއްދަތު ދީފައިވަނީ މާދަމާގެ ނިޔަލަށެވެ.
ގާތްގަނޑަކަށް 40 މިލިއަން ރުފިޔާ ހޭދަކޮށްގެން ހުޅުމާލެ މެޑިކަލް ފެސިލިޓީ ހެދުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަނީ އެމްއެންޑީއެފާއި ފެނަކަ އެވެ. އޭގެ އިތުރުން ވެސް ސަރުކާރާއި އަމިއްލަ ބައެއް ކުންފުނިތަކުން ބައިވެރިވެ އެވެ. އޭގެ ތެރޭގައި ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، ވެމްކޯ، އާރުސީސީ، އެލިއާ ކޮންސްޓްރަކްޝަން، އަމިން ކޮންސްޓްރަކްޝަން އަދި ލެއޯ ކޮންސްޓްރަކްޝަން ހިމެނެ އެވެ.
ވަގުތީ ހޮސްޕިޓަލްގައި ބައިތިއްބަނީ އެޑްމިޓްކޮށްގެން ފަރުވާދޭ ބަލިމީހުންނެވެ. ހާލު ސީރިއަސްވެ، ވެންޓިލޭޓަރުގެ އެހީ ބޭނުންވާ މީހުން ގެންދާނީ ކުރިމަތީގައި ހުރި ޓްރީ ޓޮޕް ހޮސްޕިޓަލެވެ. އެތަނުގައި 200 ވެންޓިލޭޓަރު ބަހައްޓަން ވަނީ ނިންމައިފަ އެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް 35 މީހަކު ޕޮޒިޓިވްވެފައިވާއިރު އޭގެ ތެރެއިން 15 މީހަކު ޕޮޒިޓިވްވެފައިވަނީ މާލެއިންނެވެ. ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިހާރު ފަރުވާ ދެމުން އަންނަނީ 19 މީހަކަށެވެ.