ކޮވިޑް-19: ލިވަޕޫލް-އެތުލެޓިކޯ މެޗު ކުޅުނީ ގޯސް ވަގުތެއްގައި
ކޮވިޑް-19: ލިވަޕޫލް-އެތުލެޓިކޯ މެޗު ކުޅުނީ ގޯސް ވަގުތެއްގައި

މެޑްރިޑް (އޭޕްރީލް 19) - ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ދެ ވަނަ ލެގުގައި ލިވަޕޫލް ދަނޑުގައި އެތުލެޓިކޯ މެޑްރިޑާއި ދެކޮޅަށް ކުޅުނު މެޗު ކުރިއަށްދިޔައީ ގޯސް ވަގުތެއްގައި ކަމަށް މެޑްރިޑްގެ މޭޔަރު ހޯސޭ ލުއިޒް މާޓިނޭޒް-އަލްމެއިޑާ ވިދާޅުވެއްޖެ އެވެ.

މިދިޔަ މަހު 11 ވަނަ ދުވަހު ކުޅުނު މެޗުގެ އިތުރުވަގުތުގައި ޖެހި ގޯލުތަކާ އެކު އެތުލެޓިކޯ އިން 3-2 އިން މޮޅުވި މެޗު ބަލަން ސްޕެއިނުން 3000 ސަޕޯޓަރުން ލިވަޕޫލްގެ ދަނޑަށް ދިޔަ އެވެ. ހަލުވިކަމާ އެކު ކޮވިޑް-19 ސްޕެއިންގައި ފެތުރޭތީ ލިވަޕޫލާއި އެތުލެޓިކޯ މެޗު ކުޅުމުގެ ދެ ދުވަހެއް ކުރިން ސްޕެއިންގެ އެކި ސަރަހައްދުތަކުގައި ވަނީ 1000 މީހުންނަށް ވުރެން ގިނަ މީހުން އެއްވެސް ތަނެއްގައި އެއްވެ އުޅުން މަނާކޮށް ސްކޫލުތައް ވެސް ބަންދުކޮށްފަ އެވެ. އެ ފަދަ ހާލަތެއްގައި ސްޕެއިންގެ ބަޔަކު ވެސް އެހެން ގައުމަކަށް ގޮސް ގިނަ ބަޔަކު އެއްވެ އުޅުން ރަނގަޅު ނޫން ކަމަށް މޭޔަރު އަލްމެއިޑާ ވިދާޅުވި އެވެ.

"އެންފީލްޑް (ލިވަޕޫލް) ދަނޑުގައި އެ ވަގުތު 3000 އެތުލެޓިކޯ ސަޕޯޓަރުން ތިބުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން. އެއީ ހެދުނު ބޮޑު ގޯހެއް. އެ ކަންތައްތަކާ މެދު މިހާރު ވިސްނާލާއިރު ވަރަށް ބޮޑަށް މާޔޫސްވޭ،" އަލްމެއިޑާ ވިދާޅުވި އެވެ.

ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ވެސް ވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާ ދަނޑިވަޅެއްގައި އެ މެޗު ކުރިއަށްގެންދިއުމަށް ޔުއެފާ އިން ނިންމީތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ކްލޮޕްގެ އެ ވާހަކަތަކަށް އެވަޓަންގެ ކޯޗު ކާލޯ އަންޗެލޮޓީ ވެސް ތާއީދުކުރި އެވެ.

ލިވަޕޫލް ސަރަހައްދުގެ ޕަބްލިކް ހެލްތު ކައުންސިލްގެ ޑިރެކްޓަރު މެތިއު އެޝްޓަން، އިނގިރޭސި މީޑިއާ އަކަށް ދިން އިންޓަވިއުއެއްގައި ބުނީ ލިވަޕޫލާއި އެތުލެޓިކޯ މެޗަށް ފަހު އެ ސަރަހައްދުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު އިތުރުވެގެންދިޔަ ކަމަށާއި އެ މެޗަށް ދިޔަ ގިނަ ބަޔަކަށް ވެސް އެ ބަލި ޖެހިފައިވާ ކަމަށެވެ. އަދި ލިވަޕޫލާއި ދެކޮޅަށް އެތުލެޓިކޯ ކުޅުނު މެޗު ބަލަން ގިނަ ސަޕޯޓަރުންތަކެއް މެޑްރިޑުން އައިސް ލިވަޕޫލްގެ މަގުތައް މަތީގައި އުޅުމަކީ ވެސް މި ވައިރަސް އިތުރަށް ފެތުރިގަތް ސަބަބެއް ކަމަށް ބެލެވޭ ކަމަށް ބުންޏެވެ.

އިޓަލީ އާއި ސްޕެއިނުގައި ކޮވިޑް-19 ރޯގާ ފެތުރުން އިތުރުވި އެއް ސަބަބަކީ ޗެމްޕިއަންސް ލީގުގައި މިދިޔަ ފެބްރުއަރީ މަހު އެޓަލަންޓާ އާއި ވެލެންސިއާ ބައްދަލުކުރި މެޗު ކަމަށް އިޓާލީގެ ލޮމްބާޑީ ރީޖަންގެ މޭޔަރު ޖިއޮޖީއޯ ގޯރީ ވެސް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހު މިލާނުގައި ސްޕެއިނުގެ ވެލެންސިއާއާ ދެކޮޅަށް ކުޅުނު ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގު މެޗު ބަލަން ދެ ގައުމުގެ ގިނަ ސަޕޯޓަރުންތަކެއް ދިޔަ އެވެ. އެޓަލަންޓާ އެ މެޗުން 4-1 އިން މޮޅުވިއިރު، އެ މެޗަށް ފަހު ކުޅުންތެރިންނާއި ސަޕޯޓަރުން ވަނީ ވަރަށް ބޮޑަށް އެކުގައި އުފާފާޅުކޮށްފަ އެވެ. މި މެޗުގެ ދުވަސްތަކެއް ފަހުން އެޓަލަންޓާ އާއި ވެލެންސިއާގެ ގިނަ ކުޅުންތެރިން ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ.

ޗެމްޕިއަންސް ލީގު މިހާރު ވަނީ މުއްދަތެއް ނެތްގޮތަށް ފަސްކޮށްފަ އެވެ. ޔުއެފާ އިން މެޗުތައް އަލުން ފަށަން މަސައްކަތްކުރަނީ ސަޕޯޓަރުން ނުވައްދައި ކުޅޭ ގޮތަށެވެ. އެންމެ ފަހުގެ މަޝްވަރާތަކަށް ބަލާއިރު ޔުއެފާގެ ވިސްނުމަކީ ޗެމްޕިއަންސް ލީގުގެ ފައިނަލް އޮގަސްޓް 29 ވަނަ ދުވަހު ކުޅެވޭތޯ ބެލުމަށެވެ.