13 އޮކްޓޯބަރ 2016 - 21:12

ކޮރަޕްޝަންގެ ކަންކަމުގެ މައުލޫމާތު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ ހިއްސާކުރާ ފަރާތްތައް ނުވަތަ ވިސްލް ބްލޯވާސް އަށް ހިމާޔަތް ދިނުމާ އެކު އެ ފަރާތްތަކަށް ދައުވާ ނުކުރާ ގޮތަށް ހަމަޖައްސައި، އެކަމުގެ އުސޫލަށް އަމަލުކުރަން ފަށައިފި އެވެ.
އެ އުސޫލު ބުނާގޮތުން ވިސްލް ބްލޯވަރު އޭސީސީއަށް ރިޕޯޓްކުރާ މައްސަލައަކީ އެކަމެއްގައި އޭނާ ބައިވެރިނުވާ މައްސަލައަކަށް ވެފައި އޭނާ ދިނީ ދޮގު މައުލޫމާތަކަށް ނުވާ ނަމަ އެ މީހަކު އެކަން ރިޕޯޓް ކުރީތީ އެކަމާ ގުޅިގެން އޭނާއަށް ދައުވާއެއް ނުކުރާނެ އެވެ. އެކަމަކު އޭނާ ދިނީ ދޮގު މައުލޫމާތެއް ނަމަ އެ މީހަކާ މެދު ގާނޫނީ ފިޔަވަޅު އެޅޭނެ ކަމަށް އެ އުސޫލުގައިވެ އެވެ.
ވިސްލްބްލޯކުރާ މީހާއަށް ޖިސްމާނީ ނުވަތަ އެ ނޫން ވެސް ގެއްލުމެއް ލިބިދާނެ ކަމަށް ބެލެވޭ ހާލަތެއްގައި އެ މީހަކަށް ރައްކާތެރިކަން ދޭން ފުލުހުންނަށް އޭސީސީން ހުށަހަޅަންޖެހޭނެ ކަމަށް އެ އުސޫލުގައިވެ އެވެ. އަދި އެ މީހާގެ އިންސާނީ ހައްގެއް ގެއްލިދާނެ ކަމަށް ބެލެވޭ ހާލަތުގައި އެކަން ހިއުމަން ރައިޓްސް ކޮމިޝަނަށް އޭސީސީން ހުށަހަޅަންޖެހޭނެ ކަމަށް ވެސް އުސޫލުގައި ބުނެފައިވެ އެވެ.
ވިސްލްބްލޯ ކުރާ ފަރާތެއްގެ ވަޒީފާއާ މެދު ފިޔަވަޅެއް އަޅައިފި ނަމަ އެކަން އޭސީސީން ބަލައި، ފިޔަވަޅު އެޅުމާއި އެ މީހަކާ މެދު އެޅި ފިޔަވަޅު އަޅާފައިވަނީ ގާނޫނާ ޚިލާފަށް ކަމަށް އޭސީސީއަށް ފެނިއްޖެ ނަމަ އެ މައްސަލައެއް ޝަރީއަތަށް ހުށަހަޅަން އޭސީސީއަށް އެހީތެރިކަން ދެވިދާނެ ކަމަށް ވެސް އުސޫލުގައިވެ އެވެ.
އެ އުސޫލުގެ ދަށުން އެ ކޮމިޝަނާ ހިއްސާކުރެވޭނީ ދައުލަތުގެ ތިން ބާރާއި ދައުލަތުގެ މުއައްސަސާތަކުގައި މަސައްކަތް ކުރާ ފަރާތްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މަސައްކަތް ކުރާ ފަރާތްތަކާއި ސަރުކާރުން ފައިސާ ދޭ ޖަމްއިއްޔާތަކާއި ސިޔާސީ ޕާޓީތަކުގެ މެމްބަރުންނާއި މުވައްޒަފުންގެ އިތުރުން ދައުލަތާ އެކު މަސައްކަތް ކުރާ ފަރާތްތައް އަދި ދައުލަތުން ނިންމާ ނިންމުމަކާ ގުޅުންހުރި ފަރާތްތަކަށެވެ.
ވިސްލްބްލޯ ކުރާ ފަރާތްތަކުގެ މައުލޫމާތަކީ އޭސީސީގެ މުވައްޒަފުންގެ ތެރެއިން ކޮންމެހެން އެ މައުލޫމާތު އެނގެންޖެހޭ މީހުން ފިޔަވައި އިތުރު ބަޔަކަށް އެނގިގެން ނުވާނެ މައުލޫމާތުތަކެވެ. އަދި އެފަދަ މައުލޫމާތެއް ހާމަވެއްޖެ ނަމަ އެކަމާ މެދު ގާނޫނީ ފިޔަވަޅު އޭސީސީން އެޅުމަށް ކަނޑައަޅާފައިވެ އެވެ.
ވިސްލްބްލޯ ކުރާ ފަރާތަކުން އެ މައުލޫމާތު އޭސީސީއަށް ދިނުމުގެ ކުރިން ނުވަތަ އެ މައްސަލައެއް އޭސީސީން ބަލައި ނިމުމުގެ ކުރިން ފުލުހުންނާއި ކޯޓުތަކާއި ޕްރޮސެކިއުޓާ ޖެނެރަލް ފިޔަވައި އެހެން އެއްވެސް ފަރާތަކަށް އެ މައުލޫމާތު ދީފި ނަމަ އެ އުސޫލުގެ ދަށުން އެ މީހަކަށް ހިމާޔަތެއް ނުލިބޭނެ އެވެ.