ދެއްކުންތެރިކަމުގެ ވާހަކަ އަކްޝޭ އަށް ނިސްބަތް ނުކުރާ ކަމަށް ބުނެފި
ދެއްކުންތެރިކަމުގެ ވާހަކަ އަކްޝޭ އަށް ނިސްބަތް ނުކުރާ ކަމަށް ބުނެފި

ބައެއް މީހުން ހައިރާތަށް ފައިސާ ހޭދަކުރަނީ ދެއްކުންތެރިކަމުގެ ގޮތުން ކަމަށް ބުނެ ދިން އިންޓަވިއުގައި 25 ކްރޯޑް ރުޕީސް ހަދިޔާކުރި މީހެއްގެ ވާހަކަ ދެއްކީ އަކްޝޭ ކުމާރަށް ނިސްބަތްކޮށް ނޫން ކަމަށް ކުރީގެ އެކްޓަރު ޝަތުރުގަން ސިންހާ (ސަތަރޭ) ބުނެފި އެވެ.

ކޮރޯނާވައިރަހާ ދެކޮޅަށް މަސައްކަތްކުރުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުޅުއްވި ފަންޑް "ޕީއެމް-ކެއާޒް" އަށް އަކްޝޭ 25 ކްރޯޑް ރުޕީސް (4 މިލިއަން ޑޮލަރު) ގެ އިތުރުން ބައެއް ހޮސްޕިޓަލްތަކަށް ބޭނުންވާ މެޑިކަލް ސާމާނު ހޯދަން އިތުރުން ތިން ކްރޯޑް ރުޕީސް ހަދިޔާ ކުރި އެވެ. ބޮޑުވަޒީރުގެ ފަންޑަށް ފައިސާ ހަދިޔާކުރި ވާހަކަ އަކްޝޭ ޓްވިޓާގައި މިދިޔަ މަހުގެ 28 ގައި ހިއްސާކޮށްފައިވެ އެވެ.

އެގޮތަށް ދޭ އެހީތަކުގެ ވާހަކަ އަމިއްލަ އަށް ފާޅުގައި އެކި ޕްލެޓްފޯމްތަކުގައި ބައެއް މީހުން ދައްކާތީ އެކަމަށް ފާޑުކިޔައި ސަތަރޭހެ އިންޓަވިއުގައި 25 ކްރޯޑްގެ ވާހަކަ އިޝާރާތްކުރުމުން އަކްޝޭގެ ވަފާތެރި ބައެއް ފޭނުން ވަނީ ސަތަރޭއާ ދެކޮޅަށް ސޯޝަލް މީޑިއާގައި އެކި ކަހަލަ ޝުއޫރުތައް ފާޅުކޮށްފަ އެވެ.

މިކަމާ ގުޅިގެން، ކުރިން ވެސް އިންޓަވިއު ދިން ބޮލީވުޑް ހަންގާމާ އަށް ބަތަލާ ސޮނާކްޝީ ސިންހާގެ ބައްޕަ ބުނީ ވަކި އަދަދެއްގެ ވާހަކަ ފާހަގަކުރީ އެއްގޮތަކަށް ވެސް އަކްޝޭ އަށް ނިސްބަތްކޮށް ނޫން ކަމަށާއި އެފަދަ ވިސްނުމެއް ވެސް އޭނާގެ ސިކުނޑީގައި އެ ވާހަކަ ދެއްކި އިރަކު ނެތް ކަމަށެވެ.

"އަކްޝޭ އަކީ ހަމައެކަނި އަހަރެންގެ ދަރިފުޅާ އެކު ފިލްމު ކުޅުނު މީހެއް ނޫން. އޭނާ އަކީ ވަރަށް ގާތް ރައްޓެއްސެއް ވެސް މެ. އަދި އަހަރެމެންނަކީ އަބަދު ވެސް އެކަކު އަނެކަކާ ބައްދަލުކޮށް އުޅޭ ބައެއް." ސަތަރޭ ބުންޏެވެ.

އަކްޝޭއާ އެކު 2004 ގެ "އާން: މެޓް އެޓް ވޯކް" ގައި މަސައްކަތްކުރި ސަތަރޭ ބުނީ އަކްޝޭ އަކީ އަބަދު ވެސް ވަރަށް ދީލަތި ފަންނާނެއްކަން އެނގޭ ކަމަށާއި އަބަދު ވެސް ބޮޑެތި ކަންކަމާ ގުޅިގެން އެހީ ދިނުމަކީ އޭނާގެ ފަރާތުން ފެންނަ ކަމެއް ކަމަށެވެ.

"އެހެންވެ ދީލަތިކަމުގައި އަކްޝޭ އަކީ ނަމޫނާއެކޭ އަހަރެން ބުނާނީ." ސަތަރޭ ބުންޏެވެ.

އޭނާ ކުރީގެ އިންޓަވިއުގައި ވަނީ ޚައިރާތަށް ދޭ އެހީތަކަކީ ދެއްކުންތެރިކަމުގެ ގޮތުން ކުރާ ކަމެއް ނަމަ އެކަމުގައި މާ ބޮޑު މާނައެއް ނެތް ކަމަށާއި އެހީދޭ ބައެއް މީހުންގެ ތެރޭގައި މިކަން އޮންނަނީ ސްކޫލް ދަރިވަރުންގެ މެދުގައި މުބާރާތްތަކުގައި ވާދަކުރާ އުސޫލުން ކަމަށް ބުނެ ފާޑުކިޔައިފަ އެވެ.