ދަރިފުޅުގެ ވީޑިއޯއިން ޕްރެޒެންޓަރު މުއާޒް ރޮއްވާލައިފި!
ދަރިފުޅުގެ ވީޑިއޯއިން ޕްރެޒެންޓަރު މުއާޒް ރޮއްވާލައިފި!

ހަލުއިކަމާ އެކު ފެތުރެމުން އަންނަ ކޮރޯނާ ވައިރަސްގެ ނުރައްކަލާ ދިވެހިން ކުރިމަތިލާން ޖެހުނު ފަހުން އަދި އެންމެ ހިތްދަތި ދުވަހަކީ އިއްޔެ އެވެ. މާލެ ތެރެއިން އެންމެ ފުރަތަމަ މީހާގެ ގޮތުގައި މިދިޔަ ބުދަ ދުވަހު މީހަކު ޕޮޒިޓިވްވި ފަހުން، އިއްޔެ ވަނީ ހަތް މީހަކު އެ ބައްޔަށް ޕޮޒިޓިވް ވެފަ އެވެ. އެހެންވެ، އެ ބަލީގެ ތަފާސްހިސާބުތަކާއި ތަފްސީލުތައް، ޕީއެސްއެމުން ކޮންމެ ރެއަކު ވެސް ގެނެސްދެމުން ދިޔަ ޕްރެޒެންޓަރު އަބްދުﷲ މުއާޒަށް ވެސް އިއްޔެއަކީ އުނދަގޫ ދުވަހެކެވެ. އެކަމަކު، އޭނާ ރޮއްވާލީ ހަބަރުތައް ގެނެސްދޭން އިން ލައިވް ޕްރޮގްރާމްގެ ތެރެއިން ދައްކާލި، ދަރިފުޅު ޒާކް އަބްދުﷲ މުއާޒުގެ ވީޑިއޯ މެސެޖުންނެވެ.

ދަރިފުޅުގެ ވީޑިއޯއިން ޕްރެޒެންޓަރު މުއާޒް ރޮއްވާލައިފި!
ދަރިފުޅުގެ ވީޑިއޯއިން ޕްރެޒެންޓަރު މުއާޒް ރޮއްވާލައިފި!

ކޮވިޑް-19 މާލެ ތެރޭގައި ފެތުރިގަތުމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މުޅި މާލެ ލޮކްޑައުން ކުރުމުން، ދައުލަތުގެ މީޑިއާ ވެސް ވަނީ 14 ދުވަހުގެ މުއްދަތަށް މުވައްޒަފުންނާ އެކު އިއްޔެ "ބަންދުކޮށްފަ" އެވެ. އިއްތިފާގުން އިއްޔެ ދިމާވީ މުއާޒްގެ އުފަންދުވަހާ އެވެ. އެހެންވެ، އޭނާއަށް ސަޕްރައިޒެއް ދިނުމުގެ ގޮތުން، ލައިވް ޕްރޮގްރާމެއްގައި އިންދާ، ޕީއެސްއެމުން ވަނީ ދަރިފުޅުގެ އުފަންދުވަހުގެ މެސެޖް ޓީވީން ދައްކާލައިފަ އެވެ.

ދެ އަހަރުގެ ދަރިފުޅުގެ ތަހުނިޔާގެ އެ މެސެޖަށް ފަހު މުއާޒަށް ރޮވުނީ އެވެ.

"އެހާ ގާތްގާތުގައި ބަޔަކު ޕޮޒިޓިވްވި ވާހަކަ ގެނެސްދޭން ޖެހުމުން ވަރަށް އަސަރުކޮށްފައި ހުރީ. ދެން ދަރިފުޅުގެ މެސެޖެއް އެހެން ދައްކާލުމުން ހަމަ ނުހިފެހެއްޓުނީ،" ޕީއެސްއެމްގެ އެންމެ އާންމު އެއް މޫނު ކަމަށް ވާ މުއާޒު، "މިހާރު"އާ ވާހަކަ ދައްކަމުން ބުންޏެވެ.

އުފަންދުވަހު ޕީއެސްއެމްގެ ފަރާތުން މުއާޒަށް ދިން މި ހަދިޔާއާ ބެހޭ ގޮތުން، އެކުގައި ޕްރޮގްރާމް ހުށަހަޅަން އިން އަނެއް ޕްރެޒެންޓަރު ނިޝާން މުހައްމަދު ދީދީ ސުވާލު ކުރުމުން އޭނާއަށް ފުރަތަމަ ވާހަކަ ވެސް ނުދެއްކުނެވެ. އިރުކޮޅެއް ފަހުން އޭނާއަށް ބުނެވުނީ "ވަރަށް ސަޕްރައިޒް ވެއްޖެ" ކަމަށެވެ. ލައިވް ޕްރޮގްރާމްގައި ޕްރެޒެންޓަރަށް އެހެން ރޮވުން ވީ ގިނަ ބަޔަކަށް ވެސް އަސަރު ކުރި ކަމަކަށެވެ.

ކޮވިޑް-19ގެ ބަލިމަޑުކަން ދުނިޔެއަށް ފެތުރެން ފެށުމާ އެކުހެން، މުއާޒް އަންނަނީ އެ ބަލި ފެތުރެމުންދާ ގައުމުތަކާއި ޕޮޒިޓިވްވި މީހުންނާއި މަރުވި މީހުންގެ އަދަދުތައް ވަރަށް ތަފްސީލުކޮށް ކޮންމެ ރެއަކު ވެސް ގެނެސްދެމުންނެވެ. އަދި ބައްޔާ ގުޅޭ ގޮތުން ހޭލުންތެރިކުރުވައި، އެކި އިންޓަވިއުތައް ވެސް ގެނެސްދެމުންނެވެ.

އާއިލާއާ ދުރުގައި، ގައުމީ ހިދުމަތުގައި ހުރި ޕްރެޒެންޓަރަށް ދިން މި ސަޕްރައިޒް ގިނަ ބަޔަކަށް ވަރަށް ކަމުދިޔަ އެވެ. އެ ވީޑިއޯ ސޯޝަލް މީޑިއާގައި މީހުން ޝެއާކުރީ ނޫސްވެރިންނާއި ޕްރެޒެންޓަރުންގެ އަގު ވަޒަން ކުރަމުންނެވެ.

އެ މީހުން ދެކޭ ގޮތުގައި ސިއްހީ ދާއިރާގެ މީހުންނާއި ސިފައިންނާއި ފުލުހުންގެ އިތުރުން، މި ދަނޑިވަޅު ނޫސްވެރިން ކުރާ މަސައްކަތަށް ވެސް ސާބަސް ދޭން ޖެހެ އެވެ. އާއިލާއާ ދުރުގައި ތިބެ، ބައްޔާ ގުޅޭ ގޮތުން މީހުން ހޭލުންތެރިކުރުވަން ކުރާ މަސައްކަތް ބަލައިގަންނަ ކަމަށް އެ މީހުން ބުންޏެވެ. އޭގެ ތެރޭގައި، ބައްޔަށް ފަރުވާ ދެއްވުމަށް އައިޖީއެމްއެޗުގައި މަސައްކަތް ކުރައްވާ ޑރ. މުހައްމަދު އަލީ ވެސް ހިމެނިވަޑައިގަންނަވަ އެވެ.

އިއްޔެ ފާހަގަކުރި ޑޮކްޓަރުންގެ ދުވަހުގެ މުނާސަބަތުގައި އޭނާއަށް ލިބިވަޑައިގެންނެވި ތަހުނިޔާގެ މެސެޖްތައް ޓްވީޓް ކުރައްވަމުން ޑރ. މުހައްމަދު އަލީ ވެސް ވަނީ މުއާޒުމެން ފަދަ ޕްރެޒެންޓަރުންނާއި ކްރޫއިންގެ މަސައްކަތަށް ތައުރީފް ކުރައްވާފަ އެވެ.

"[މުއާޒްގެ ދަރިފުޅުގެ މެސެޖް] ފެނުމާ އެކު އަޅުގަނޑު ބުނެލަން ބޭނުންވޭ ތި ކުރާ މަސައްކަތްތައް ވަރަށް ރަނގަޅޭ،" އޭނާ ވިދާޅުވި އެވެ.

މުއާޒު ބުނިގޮތުގައި މި ފަދަ ދަނޑިވަޅެއްގައި އާއިލާއާ ދުރުގައި ތިބުމަކީ ފަސޭހަ ކަމެއް ނޫނެވެ.

އޭނާގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ގޭގައި އެކަނި ތިބި ބަލި މައިންބަފައިންނެވެ. އެއްޗެއް ގަންނަން ޖެހުނަސް، އެކަން ނުކުރެވޭނެކަން އޭނާއަށް އެނގެ އެވެ. ދަރިފުޅާއި އަންހެނުން ވެސް އެހެން ތަނެއްގައި އެކަނި ދޫކޮށްލާފައި އައުން ފަސޭހައެއް ނޫނެވެ. އެކަމަކު އެ ހުރިހާ ކަމަކަށް ވުރެ، މި ވަގުތު ރައްޔިތުންނަށް ހިދުމަތް ކުރަން އޭނާ ބޭނުންވީ އެވެ.

ރާއްޖޭން އެ ބަލި ފެނުމުގެ މާ ކުރިން ފެށިގެން، އެ ބައްޔާ ގުޅޭ ތަފްސީލާއި އޭގެ ނުރައްކާތެރިކަން ކިޔައިދެމުން ދަނިކޮށް، މާލެ ތެރެއިން އެ ބަލި ފެނުނު ވާހަކަ ރިޕޯޓުކުރުން ވީ، މުއާޒު ބުނިގޮތުގައި، ހީކުރި ވަރަށް ވުރެ އުނދަގޫ ކަމަކަށެވެ.

އޭނާ ބުނިގޮތުގައި ފުރަތަމަ ދުވަހު އެ ވާހަކަ ރިޕޯޓު ކުރި އިރު އަޑާއި ފައި ތުރުތުރު އެޅި އެވެ. އަދި ބެލުންތެރިންނާ ހަމައަށް ހަބަރު ގެނެސްދިނުމަށް ވަރަށް ހިތްވަރުކުރަން ޖެހުނު ކަމަށް ވެސް އޭނާ ބުންޏެވެ. އިއްޔެ ވެސް ހަމަ އެ ހިތްވަރު، ދަރިފުޅުގެ މެސެޖާއި ޕީއެސްއެމްގެ އެކުވެރިން އޭނާއަށް ނޭނގި ދިން ސަޕްރައިޒްގެ ސަބަބުން، ކުރަން ޖެހުނެވެ.

މާލެ ތެރެއިން އެތައް ބަޔަކަށް ކޮވިޑް-19 ޖެހުމުގެ ފުރުސަތު ބޮޑުވެފައިވާއިރު އެކަންކަމާ ގުޅޭ މައުލޫމާތު ގެނެސްދިނުމަށް ނޫސްވެރިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ޓީވީ އާއި އޮންލައިން ނޫސްތަކާއި ރޭޑިއޯތަކުން ވެސް އަންނަނީ ކެނޑިނޭޅި، އާއްމުން ހޭލުންތެރިކުރުވަން މަސައްކަތް ކުރަމުންނެވެ.