އެންމެ ފަހުން ފެނުނީ ޕޮޒިޓިވް އެހެން މީހުންނާ ގުޅުމެއް ނެތް މީހެއް
އެންމެ ފަހުން ފެނުނީ ޕޮޒިޓިވް އެހެން މީހުންނާ ގުޅުމެއް ނެތް މީހެއް

ކޮވިޑް-19 އަށް މާލެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 15 އަަށް އެރި އިރު މިރޭ ޓެސްޓްގެ ނަތީޖާ ލިބުނު 15 ވަނަ މީހާ އަކީ އާ ކްލަސްޓާއެއް ކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން މިރޭ ބުނެފި އެވެ.

އެންއީއޯސީން ބޭއްވި މީޑިއާ ބްރީފިން އަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަނިކޮށް، ކޭސް 35 ގެ ނަތީޖާ ލިބުމުން، ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ އެ ކޭހަކީ އާ ކްލަސްޓާއެއް ކަމަށެވެ. އެކަމަކު އެ ކްލަސްޓާގައި ޑައިރެކްޓް ކޮންޓެކްޓްސް ހޯދިފައި ވަނީ ކިހާވަރަކަށް ކަމެއް އަދި ސާފެއް ނުވެ އެވެ.

މާލެ އިން މިހާތަނަށް ފެނިފައިވާ ހަަތަރު ކްލަސްޓާގެ ތެރެއިން އެންމެ ގިނަ ކޮންޓެކްޓްސް ތިބީ ފުރަތަަމަ ފެނުނު (ރާއްޖޭގެ 21 ވަނަ ކޭސް) ހިމެނޭ ކްލަސްޓާ ގަ އެވެ. އެ ކްލަސްޓާގައި 200 އަށް ވުރެ ގިނަ މީހުން ތިބި އިރު އެ މީހުން ހޯދައި އައިސޮލޭޓްކޮށް ޓެސްޓް ކުރުމުގެ މަަސައްކަތް އެޗްޕީއޭ އިން އަންނަނީ ކުރަމުންނެވެ. ދެވަނަ ކްލަސްޓާގައި ވެސް 100 އަށް ވުރެ ގިނަ ކޮންޓެކްޓްސް ތިބިކަން ހޯދިފައިވާ ކަަމަށް މަބްރަޫކް ވިދާޅުވި އެވެ.

މާލެ އިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ރިސްކް ބޮޑު ކެޓަގަރީއެއް ކަމަށްވާ އުމުރުން ދުވަސްވީ މީހުންނެެއް ނުހިމެނެ އެވެ. އެކަމަކު އެ ކޭސްތަކުގެ ކޮންޓެކްޓުންގެ ތެރޭގައި އެ އުމުރުގެ މީހުން ހިމެނޭ ކަމަށް މަބްރޫކް މިރޭ ވިދާޅުވި އެވެ.

"މި ތިން ކްލަސްޓާގެ ކޮންޓެކްޓް ޓްރޭސިންގެ ތެރޭގައި އެ އުމުރު ފުރައިގެ މީހުންތައް އަޅުގަނޑުމެންނަށް ފާހަގަ ކުރެވިފައި ކޮންމެވެސް ވަރަކަށް އެބަތިބި އަދި އެމީހުންގެ ސާމްޕަލްތައް ނެގުމުގެ މަސަައްކަތް ވެސް މިހާރު ހަމަ ކުރިއަށް އެބަދޭ،" އޭނާ ވިދާޅުވި އެވެ.

މިދިޔަ 24 ގަޑިއިރު ތެރޭ މާލޭން ވަނީ ޕޮޒިޓިވް ހަތް މީހަކު ފެނިފަ އެވެ. މިއީ އެއް ދުވަހަކަށް މިހާތަނަށް އެންމެ ގިނަ ކޭސް ފެނުނު ދުވަހެވެ.

މަބްރޫކް ވިދާޅުވި ގޮތުގައި މިމަހުގެ 19 ވަނަ ދުވަހު ފެނުނު ކޮވިޑް-19 ގެ ފުރަތަމަ ކްލަސްޓާގައި ހިމެނެނީ އެ ދުވަހު ފުރަތަމަ ޕޮޒިޓިވްވި، އުމުރުން 35 އަހަރުގެ އަންހެން މީހާ އާއި އޭނާގެ ދެ އަހަރުގެ ދަރިއަކާއި އޭނާއާ ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ އުމުރުން 30 އަހަރުގެ އަންހެނެކެވެ. ފުރަތަމަ މީހާ އަަކީ ރާއްޖޭގެ ކޭސް 21 އެވެ. ކޭސް 22 އަކީ އޭނާގެ ދަރިފުޅެވެ. އަދި ކޭސް 23 އަކީ 42 އަހަރުގެ އަންހެނެކެވެ. އެ ކްލަސްޓާގައި ދެން ހިމެނެނީ ކޭސް 23 ގެ ފިރިމީހާ (ކޭސް 24) އާއި އެ ދެމަފިރިންގެ އަންހެން ދަރިއެއް (ކޭސް 24) ވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފަ އެވެ. އޭގެ އިތުރުން އެ ފިރިހެން މީހާއާ ޑައިރެކްޓް ކޮންޓެކްޓުވި 37 އަހަރުގެ އަންހެނެއް ވެސް އެ ކްލަސްޓާގައި ހިމެނެ އެވެ. އެއީ ކޭސް 26 އެވެ.

"މިގޮތުން ބަލާއިރު، ޖުމްލަ، މި ފުރަތަމަ ކްލަސްޓާގައި މިވަގުތު ޕޮޒިޓިވް ވެފައި ތިބިކަން އަޅުގަނޑުމެންނަށް އެނގެން މިއޮތީ ތިން އަންހެން ބޭފުޅުން އަދި އެއް ފިރިހެނެއް އަދި ކުޑަ ދެކުދިން، " މަބްރޫކް ވިދާޅުވި އެވެ.

ދެވަނަ ކްލަސްޓާގައި ހިމެނެނީ އޭޕްރީލް 17 ގައި ޕޮޒިޓިވްވި 37 އަހަރުގެ އަންހެންމީހާ އާ ހިސާބުން ފެށުނު ކްލަސްޓާ އެވެ. އެ ކްލަސްޓާގައި ހިމެނެނީ މަބްރޫކް ވިދާޅުވި ގޮތުގައި އެ މީހާ އަށް ކޮވިޑް-19 ޖެހިފައިވާކަން އެނގުނީ ފްލޫ ކްލިނިކަށް ގޮސް ޓެސްޓް ކުރުމުންނެވެ. އެއީ ކޭސް 27 އެވެ. އެ ކްލަސްޓާގައި ދެން ހިމެނެނީ އޭނާއާ ބައްދަލުވި 33 އަަހަރުގެ އަންހެނެއް (ކޭސް 28)، 37 އަހަރުގެ ފިރިހެނެއް (29) އަދި 24 އަހަރުގެ އަންހެނެއް (ކޭސް 30) އެވެ. ކޭސް 30ގެ ފިރިމީހާ އަކީ 32، އަހަރުގެ މީހެކެވެ. އެއީ އަކީ ކޭސް 32 އެވެ.

ތިން ވަނަ ކްލަސްޓާގެ ފެށުމަކީ އޭޕްރިލް 17 ގައި ޕޮޒިޓިވް ވި 47 އަހަރުގެ ފިރިހެނެކެވެ. އެ ކްލަސްޓާގައި ދެން ހިމެނެނީ އޭނާގެ އަނބިމީހާއާ އާއި އެމީހުންގެ ދަރިފުޅެވެ.