18 އެޕްރީލް 2020 - 22:58

މާފުށީ ޖަލުގައި ބައެއް ގައިދީން ގޮޅިން ނުކުމެ ހަމަނުޖެހިން ހިންގައިފި އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނީ މި ހަމަނުޖެހުން ހިންގާފައި ވަނީ މާފުށީ ޖަލުގެ ޔުނިޓް ނުވައެއްގައި ތިބި ގައިދީންނަށް ކާންދޭން ގޮޅި ހުޅުވި ވަގުތު ބައެއް ގައިދީން ގޮޅިން ނުކުތުމުން ކަމަށެވެ.
މި ހާދިސާގައި ގައިދީއަކަށާއި، ޖަލު ދެ އޮފިސަރަކަށް އަނިޔާވެފައިވާ ކަމަށް ކަރެކްޝަންސުން ބުންޏެވެ. އަދި މިހާރު ޖަލުގެ ހާލަތު ކޮންޓްރޯލް ކޮށްފައިވާ ކަމަށާއި، މި ހާދިސާ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.
މިހާދިސާ ހިނގައި ދިޔަ ވަގުތު މާފުށީ ޖަލު ކުއްލި ހާތަލަކަށް ގެންގޮސް ޖަލު ތެރޭގައި ސައިރެން އެޅި އަޑު އިވިފައިވާ ކަމަށް ރަށުގެ ބައެއް މީހުން "މިހާރު" އަށް ބުންޏެވެ.