18 އެޕްރީލް 2020 - 23:52

ކޮވިޑް-19 މާލޭގައި ފެތުރެމުން ދާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާލެ ސަރަހައްދު ލޮކްޑައުންކޮށްފައި އޮންނަ ދުވަސްތަކުގައި ދައުލަތުގެ މީޑިއާ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ މުވައްޒަފުން އޮފީހުން ނުނިކުމެ މަސައްކަތުގައި ތިބެން ނިންމައިފި އެވެ.
ޕީއެސްއެމް އިން ބުނީ އިއްޔެ އިން ފެށިގެން، އެ ތަނުގެ ރޭޑިއޯ ހިންގާ އިމާރާތާއި ޓީވީ ހިންގާ އިމާރާތަށް ވަދެނިކުތުން ހުއްޓާލާފައިވާ ކަމަށެވެ.
ޕީއެސްއެމުން ބުނީ ރައްޔިތުންނަށް ޚަބަރު ފޯރުކޮށްދިނުމުގައި ދެމިތިބުމަށްޓަކައި، ވީހާ ވެސް މަދު މުވައްޒަފުންނާ އެކު އެ ކުންފުނިން އަންނަނީ މަސައްކަތް ކުރަމުން ކަމަށެވެ. މުވައްޒަފުން ތިބޭ ދެ އިމާރާތަށް ވަދެ ނުކުތުން ހުއްޓާލީ ޕީއެސްއެމްގެ މުވައްޒަފުންނާއި އާންމު ރައްޔިތުންގެ ސަލާމަތަށްޓަކައި ކަމަށް އެތަނުން ބުންޏެވެ. އަދި ޕީއެސްއެމުން ކަވަރުކުރާ މީޑިއާ ބްރީފިންތަކާއި އިވެންޓުތަކުގެ ފީޑު އެހެން ޗެނެލްތަކަށް ހިއްސާ ކުރާނެ ކަމަށް ބުންޏެވެ.
މި މަހުގެ ނިޔަލަށް މާލެ ސަރަހައްދު ލޮކްޑައުން ކުރުމުން މަގުމައްޗަށް ނިކުމެ އުޅުމުގެ ހުއްދަ ލިބިފައި ވަނީ ސަރުކާރުން ކަނޑައަޅާފައިވާ މީހުންނަށް އެކަންޏެވެ. އެ އަމުރާ ހިލާފުވާ މީހުން 1،000 ރުފިޔާ އިން ޖޫރިމަނާ ކުރާނެ ކަމަށާއި އެކަން ތަކުރާރުކުރާ ނަމަ ހައްޔަރު ކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ފަރުވާއެއް ހޯދިފައި ނުވާ މި ބައްޔާ ދެކޮޅަށް އެޅޭނެ އެންމެ ރަނގަޅު ފިޔަވަޅަކީ އަމިއްލަ ސާފުތާހިރުކަން ބެލެހެއްޓުމުގެ އިތުރުން އާންމުންގެ ތެރެއަށް ނުކުމެ ނޫޅުމެވެ.
ކޮވިޑް-19 މިދިޔަ މަހު ރާއްޖެއިން ފެނުނު ފަހުން، ސިއްހީ ނުރައްކަލުގެ ކުއްލި ނުރައްކަލަތުގެ ހާލަތު ވަނީ އިއުލާނުކޮށްފަ އެވެ. އަދި ކޮވިޑް-19 މާލެ އިން ފެނުމުން މާލެ ސަރަހައްދު ވަނީ ލޮކްޑައުންކޮށްފަ އެވެ. މާލެއިން މިހާތަނަށް 15 މީހަކު ޕޮޒިޓިވްވެފައިވެ އެވެ.