ދަރިފުޅު ސަލާމަތްކުރަން ބައްޕަގެ ފުރާނަ ދުއްވާލައިފި
ދަރިފުޅު ސަލާމަތްކުރަން ބައްޕަގެ ފުރާނަ ދުއްވާލައިފި

ޗައިނާގެ އަވަށެއްގައި ހުރި މީހުން ދިރިއުޅޭ އިމާރާތެއް ވެއްޓުނު ހާދިސާއަށްފަހު އެތަނުގެ ދަށުވެފައި ތިބި މީހުން ސަލާމަތްކުރަން އުޅުނު މީހުންނަށް ވަރަށް އާދަޔާޚިލާފު މަންޒަރެއް ފެނިފައިވެ އެވެ. އެއީ އިމާރާތުން ވެއްޓުނު ބަރު ބެރިތަކުން ކުޑަ ކުއްޖަކު ސަލާމަތްކުރުމަށް ކުއްޖެއްގެ ގައިގައި ބައްދައިގެން އޮތް މީހެކެވެ. ކުއްޖާ ސަލާމަތްވި އެވެ. އެކަމަކު އެ މީހާ އޮތީ މަރުވެފަ އެވެ.

ދަރިފުޅު ސަލާމަތްކުރަން ބައްޕަގެ ފުރާނަ ދުއްވާލައިފި
ދަރިފުޅު ސަލާމަތްކުރަން ބައްޕަގެ ފުރާނަ ދުއްވާލައިފި

އޮކްޓޯބަރު 10 ވަނަ ދުވަހު ހިނގި މި ހާދިސާގައި ކުއްޖާގެ ބައްޕަ މަރުވެފައި އޮތީ އެ ކުއްޖާގެ ހިމާޔަތްކުރަން އުޅެނިކޮށްކަން ފޮޓޯތަކުން ވަރަށް ރީތިކޮށް އެނގެ އެވެ. އެ އިމާރާތް ފުނޑުވެގެން ފޭބިއިރު ވެއްޓުނު ބޮޑު ސިމެންތި ގަނޑެއް ކުއްޖާގެ ގައިގައި ޖެހުނު ނުދިނުމަށްޓަކައި ބައްޕަ އޮތީ ކުއްޖާގެ ގަޔާ ދިމާލަށް ގުދުވެގެންނެވެ. އެ އޮތްގޮތަށް އޮވެ އެމީހާގެ ފުރާނަ ގޮސްފައިވާއިރު ކުއްޖާގެ މަންމަ ވެސް އޮތީ ކުއްޖާގެ ގައިގައި ބައްދައިގަނެގެން އޮވެ މަރުވެފަ އެވެ.

ދަރިފުޅު ސަލާމަތްކުރަން ބައްޕަގެ ފުރާނަ ދުއްވާލައިފި
ދަރިފުޅު ސަލާމަތްކުރަން ބައްޕަގެ ފުރާނަ ދުއްވާލައިފި

ހަތަރު ބުރިއަށް ހުރި އިމާރާތުގެ އެންމެ އަޑިން ކުއްޖާ ނަގާފައިވަނީ ހާދިސާ ހިނގިތާ 12 ވަރަކަށް ގަޑިއިރު ފަހުންނެވެ. މި ހާދިސާގައި 22 މީހުން މަރުވެފައިވެ އެވެ. ތިން އަހަރުގެ ވުން ނިންޒީ އަށް ކުދިކުދި އަނިޔާތައް ލިބިފައި ހުއްޓަސް ބައްޕަގެ ހިމާޔަތުގައި އޮތުމުގެ ސަބަބުން މާ ބޮޑެތި ގެއްލުންތަކެއް ލިބިފައެއް ނުވެ އެވެ.

ޗައިނާ ޔޫތު ޑެއިލީން ބުނެފައިވާ ގޮތުގައި އިމާރާތުގެ ބައިތައް ވެއްޓިގެން ދިޔައިރު ވެއްޓުނު ބައިތަކުން ކުއްޖާގެ ގައިގައި ޖެހިދާނެތީ ކުއްޖާގެ ބައްޕަ އޮތީ އައްޑަނައަކަށް ވެގެންނެވެ. އެހެންވެ އިމާރާތުން ވެއްޓުނު ބޮޑެތި ބެރިފަދަ ތަކެތި ޖެހިފައި ހުރީ ފިރިހެން މީހާގެ ބުރަކަށީގަ އެވެ.

ކުއްޖާގެ ބައްޕަ އަކީ ފައިވާން ފެކްޓްރީއެއްގައި މަސައްކަތްކުރާ 26 އަހަރުގެ ޒުވާނެކެވެ.
މީހުން ސަލާމަތްކުރަން އުޅުނު މީހުންނަށް އެމީހާ ފެނުނީ ބޮޑު ސިމެންތި ބެރިއެއްގެ ދަށުވެފައި އޮއްވަ އެވެ. ނަމަވެސް ކުއްޖާ އޮތީ އެމީހާގެ ދަށުގަ އެވެ.

އެ އާއިލާ ވަޅުލެވިފައި ތިބީ އެމީހުން ދިރިއުޅުނު އެޕާޓްމަންޓްގެ ސިޓިންގްރޫމުގައި ތިއްބަ އެވެ.
މީހުން ސަލާމަތްކުރާ މީހުން ބުނި ގޮތުގައި ވެއްޓުނު އިމާރާތުގެ ދަށުން ދިރިހުއްޓާ ސަލާމަތްކުރެވުނީ މި ކުޑަކުއްޖާއާ އެކު އިތުރު ފަސް މީހެކެވެ.

މި ވެއްޓުނު އިމާރާތަކީ 1970ގެ އަހަރުތަކުގައި ހަދާފައިވާ ތަނެކެވެ. މިއީ ވަރަށް ފެންވަރު ދަށްކޮށް ހަދާފައި ތަނެއް ކަމަށް ވެސް ޒިންހުއާ ނިއުސް އެޖެންސީން ބުނެފައިވެ އެވެ.

ވެއްޓުނު އިމާރާތުގައި ދިރިއުޅެނީ ޗައިނާގެ ފަގީރު ހިސާބުތަކުން ވަޒީފާގެ ބޭނުމުގައި ބޮޑެތި ރަށްތަކަށް ހިޖުރަކޮށްފައިވާ މީހުންނެވެ. މިފަދަ އެތައް މިލިއަން ބަޔަކު މިކަހަލަ ދުވަސްވީ ބާ އިމާރާތްތަކުގައި ދިރިއުޅެ އެވެ.