ކުލި ނުދެއްކުނަސް ގެއިން ނެރުން ގާނޫނަކުން މަނާކުރަން މަޝްވަރާކޮށްފި
ކުލި ނުދެއްކުނަސް ގެއިން ނެރުން ގާނޫނަކުން މަނާކުރަން މަޝްވަރާކޮށްފި

ކޮވިޑް-19 ގެ ހާލަތުގައި، ކުލި ނުދެއްކޭ ފަރާތްތައް ގެއިން ނެރުން މަނާކުރާށާއި، އެފަދަ ހާލަތްތަކުގައި ކުއްޔަށްދޭ ފަރާތްތަކަށް މާލީ ގޮތުން އެހީތެރިކަމެއް ލިބޭނެ ގޮތަށް ސަންސެޓް ގާނޫނެއް ވުޖޫދަށް ގެނައުމާ މެދު ބަންޑާރަ ނާއިބާ މަޝްވަރާކުރަން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން މިއަދު ނިންމައިފި އެވެ.

ކުލި ނުދެއްކުނަސް ގެއިން ނެރުން ގާނޫނަކުން މަނާކުރަން މަޝްވަރާކޮށްފި
ކުލި ނުދެއްކުނަސް ގެއިން ނެރުން ގާނޫނަކުން މަނާކުރަން މަޝްވަރާކޮށްފި

މިއީ ކޮވިޑް-19 އާ ގުޅިގެން ވަޒީފާ ގެއްލިގެން ނުވަތަ ފައިސާ ލިބުން ދަތިވެގެން ކުލި ނުދެއްކުމުގެ ސަބަބުން ގެއިން ނުކުތުމަށް ބައެއް ގޭގެ ވެރިން މަޖުބޫކުރަމުންގެންދާ ކަމުގެ މައުލޫމާތު ލިބި އެކަމަށް ހައްލެއް ހޯދައިދިނުމަށް އެދި އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ފެމިލީ ލީގަލް ކްލިނިކުން މަޖިލީހަށް ރޭ ސިޓީއެއް ފޮނުވުމުން މިއަދު އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ނިންމި ނިންމުމެކެވެ.

ކޮމިޓީގެ މުގައްރިރު ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު "މިހާރު" އަށް ވިދާޅުވީ މިފަދަ މައްސަލަތައް ކުރިއަށް އޮތްތަނުގައި ގިނަވެގެންދާނެ ކަމަށް އަންޒާދާކުރެއްވޭ ކަމަށާއި އެހެންވެ މިކަމަށް ގާނޫނީ އަވަސް ހައްލެއް ހޯދުމަށް ބަންޑާރަ ނާއިބު އިބްރާހިމް ރިފްއަތުއާ މަޝްވަރާކުރައްވަން ނިންމެވީ ކަމަށެވެ. އަދި ފަހަރުގައި، މިފަދަ ގާނޫނެއް ވުޖޫދުކުރުމުގެ ވިސްނުމެއް ބަންޑާރަ ނާއިބު މިހާރު ވެސް ގެންގުޅުއްވަފާނެ ކަމަށާއި އެހެންވެއްޖެ ނަމަ، ކޮމިޓީ އޮންނާނީ އެކަމުގެ އިންތިޒާރުގައި ކުރިއަށް ދިއުމަށް ތައްޔާރުގައި ކަމަށް ޖީހާން ވިދާޅުވި އެވެ.

ސަންސެޓް ގާނޫނެއް މެދުވެރިކޮށް، މި މައްސަލަ އަށް ކޮމިޓީން ފަރުވާދޭނީ ތިން ނިންމުމެއްގެ މައްޗަށް ބިނާކޮށެވެ. ފުރަތަމަ ނިންމުމަކީ، ކުލި ނުދެއްކުނަސް ގެއިން ނެރުން މަނާކުރުމެވެ. ދެ ވަނަ ނިންމުމަކީ މިހާރު ކުއްޔަށް ދީފައިވާ އަގު ބޮޑުކުރުން މަނާކުރުމެވެ. އަދި ތިން ވަނަ ގޮތަކީ، ކުލި ނުދެއްކުނަސް، ގެއިން މީހުން ނުނެރެ އޯގާތެރިކަން އިސްކުރާ ފަރާތްތަކަށް މާލީ އެހީއެއް ފޯރުކޮށްދިނުމެވެ.

ކުއްޔަށްދީގެން އުޅޭ އެންމެންނަކީ ރިއަލް އެސްޓޭޓް އުސޫލުން ކުއްޔަށްދީގެން އާމްދަނީ ހޯދާ މީހުން ނޫން ކަމަށް އިޝާރާތްކުރައްވައި ޖީހާން ވިދާޅުވީ ކުއްޔަށްދީގެން އުޅޭ ބައެއް މީހުންނަކީ، އެ ބަޔަކު ދިރިއުޅޭ އެޕާޓްމަންޓަކުން އެއް ކޮޓަރި ކުއްޔަށް ދީގެން ނުވަތަ އެޕާޓްމަންޓެއް ކުއްޔަށް ދީގެން އެގޮތުން ލިބޭ އާމްދަނީން ދިރިއުޅުމުގެ ކަންކަން ހަމަޖައްސާ މީހުން ކަމަށެވެ. އަދި ބައެއް މީހުންނަކީ އެގޮތަށް ލިބޭ އާމްދަނީން، ބޭރުގައި ކިޔަވަން ހުންނަ ދަރިފުޅަށް ފޮނުވާ މީހުން ކަމަށާއި އެހެންވެ އަމުދުން މިފަދަ ހާލަތެއްގައި އެފަދަ ފަރާތްތަކަށް އާމްދަނީ ނުލިބޭ ނަމަ އެއީ ކުރިމަތިވާނެ މައްސަލައެއް ކަމަށްވާތީ ކުލި ކުޑަކުރަން މަޖުބޫރުކުރުވުމަކީ ވެސް ރަނގަޅު އުސޫލަކަށް ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއީ ވެސް އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭ ހަގީގަތެއް،" ޖީހާން ވިދާޅުވި އެވެ. "މި ކޮމިޓީން ނިންމީ ގާނޫނެއް ހަދައި އެވިކްޝަން (ގެއިން ނެރުން) މަނާކުރަން. އަދި އެއާ އެކު، ލޭންޑްލޯޑަށް ވެސް އެހީތެރިކަމެއް ލިބެން ޖެހޭ ކަމަށް ވެސް ނިންމި. އަނެއް ކަމަކީ ބޮޑުކުރުން މަނާކުރުން،" ޖީހާން ވިދާޅުވި އެވެ.

މި މައްސަލައިގައި އިތުރަށް ވިސްނަންޖެހޭ ކަންކަމާއި ސިޔާސަތު ބިނާކުރާނެ ސީދާ ގޮތްތަކެއް ހޯދުމަށް، ކޮމިޓީން ވަނީ ކަމާބެހޭ އިދާރާތަކުން މައުލޫމާތު އެއްކުރަން ވެސް ނިންމައިފަ އެވެ. އެގޮތުން ހައުސިން މިނިސްޓްރީ އާއި މާލޭ ސިޓީ ކައުންސިލް މެދުވެރިކޮށް، މިހާރު ހުށަހެޅިފައިވާ މިފަދަ މައްސަލަތަކުގެ ތަފްސީލްތައް ހޯދާނެ އެވެ. އަދި ވަޒީފާ ގެއްލިގެން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުގެ މައުލޫމާތު އިކޮނޮމިކް މިނިސްޓްރީން ހޯދައި އޭގެ ތެރެއިން ކުއްޔަށް އުޅޭ މީހުން ލިސްޓްކުރާނެ އެވެ.

މީގެ އިތުރުން އިކޮމޮނިކް މިނިސްޓްރީން މިހާރު ދޫކުރަން ނިންމާފައިވާ ރިލީފް ޕެކޭޖްތަކަށް، ކުއްޔަށް ދޭ ފަރާތްތައް ޝަރުތު ހަމަވޭތޯ ބަލައި އަދި އެފަދަ ފަރާތްތައް ނުހިމެނޭ ނަމަ އެ ޕްރޮގްރާމުގެ ދަށުން އެހީތެރިކަމެއް ފޯރުކޮށްދެވޭނެ ގޮތްތަކެއް އޮތްތޯ ބަލާނެ އެވެ.

"އަޅުގަނޑުމެންގެ އެންމެ ބޮޑު ބޭނުމަކީ ކުލި ނުދެއްކޭ އެއްވެސް ފަރާތެއް މަގުމަތިނުވުން. އެކަމަކު ކުލި ނުލިބޭ ނަމަ، އާމްދަނީ ގެއްލޭނެ އެތައް ބަޔަކު ވެސް ތިބުމާ އެކު އެފަދަ ފަރާތްތަކަށް ވެސް އެހީތެރިކަމެއް ލިބޭނެ މަގެއް ހޯދަން ޖެހޭ،" ޖީހާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮވިޑް-19 މާލެ ސަރަހައްދުގައި ކޮމިއުނިޓީ ސްޕްރެޑަކަށް ނުދިޔަ ނަމަ، މިކަމާ ފަސޭހައިން ކުރިމަތިލެވުނީސް ކަމަށް ގަބޫލުކުރެއްވޭ ކަމަށެވެ. އެގޮތުން "އެހެން ނޯމަލް" އެއް ނުވަތަ "ނިއު ނޯމަލް" އެއްގެ ތެރެއިން މަސައްކަތަށް ނުކުމެވި، އިގްތިސާދު ހިނގައިގަތުމަށް ފުރުސަތު ދެވި، މިފަދަ މައްސަލަތައް މަދުކުރުމުގެ ފުރުސަތު އެހެން ނަމަ ލިބުނީސް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކަމަކު ދެން މިފަދަ މައްސަލަތައް އިތުރުވާނެ. އެއީ ގަބޫލުކުރަން ޖެހޭ ހަގީގަތެއް. އެކަމާ ކުރިމަތިލާން ޖެހޭ. މިއަދު އައީ ދެ ތިން މައްސަލަ ކަމަށް ވެއްޖެއްޔާ ކުރިއަށް އޮތް ދެ ތިން މަހުގައި ބައިވަރު މައްސަލަ އަންނާނެ،" ޖީހާން ވިދާޅުވި އެވެ.

މިއަދުގެ ޖަލްސާގައި ކޮމިޓީ އަށް ޖީހާން ވިދާޅުވެދެއްވި، ފެމިލީ ލީގަލް ކްލިނިކުގެ ސިޓީގައި އެ ޖަމިއްޔާ އިން ވަނީ މި މައްސަލަ ހައްލުކޮށްކޮށްދިނުމަށް ދައުލަތުން ފިޔަވަޅެއް ނާޅައިފި ނަމަ، ކުލި ނުދައްކައިގެން ގެއިން ނުކުންނަންޖެހުމުގެ ސަބަބުން ގިނަ އާއިލާތަކެއް ހާލުގައި ޖެހި، ބަލި އިތުރަށް މުޖުތަމައުގައި ހަލުވިކަމާ އެކު ފެތުރިގެން ހިނގައިދާނެކަމުގެ ބިރު އޮތް ކަމަށެވެ. އަދި އޭގެ ސަބަބުން އެ ބަލި މުޖުތަމައުގައި ފެތުރުން ކޮންޓްރޯލްކުރުމަށް ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުތަކަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވެގެން ހިނގައިދާނެކަމަށް ދެކޭ ކަމަށް ބުނެފައިވެ އެވެ.

އާއިލީ މައްސަލަތަކާއި ގެވެށި އަނިޔާގެ މައްސަލަތައް ހުއްޓުވުމަށް މަސައްކަތްކުރުމާއި އެފަދަ މައްސަލަތަކުގައި ހިލޭ ގާނޫނީ ލަފާދޭ، އެ ޖަމިއްޔާ ބުނެފައިވާ ގޮތުގައި ކޮވިޑާ ގުޅިގެން ވަޒީފާ ގެއްލިގެން ނުވަތަ ފައިސާ ލިބުން ދަތިވެފައިވާ އާއިލާތަކުން ކުލި ނުދެއްކުމުގެ ސަބަބުން ގެއިން ނުކުތުމަށް ބައެއް ގޭގެ ވެރި ފަރާތްތަކުން މަޖުބޫރުކުރަމުންގެންދާ ކަމަށެވެ.

އަދި ކުލި ދެއްކޭނެ ގޮތެއް ނެތިފައި ވުމުން ގޭގެ ވެރި ފަރާތުގެ ބަހުގެ ހަމަލާތަކުން ދުރުހެލިވުމަށްޓަކައި ދިރިއުޅޭ ކޮޓަރިތަކުން ނުނިކުމެ ބަންދު ހާލަތުގައި ގިނަ ދުވަސްތަކެއް ވޭތުކުރަންޖެހިފައިވާ ކަމަށް އެ ޖަމިއްޔާގެ ބައެއް ކްލައިންޓުން މައުލޫމާތުދީ، ކުލި ދެއްކުމުގުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެދެމުންދާ ކަމަށް ބުނެފައި ވެ އެވެ.

އެއް އާއިލާއަކަށް މި މަހުގެ ކުލި ދެއްކެން ދަތިވެފައިވާތީވެ ގެއިން ނުކުންނަން ޖެހޭނެ ކަމަށް ގޭގެ ވެރި ފަރާތުން އަންގާފައިވާ ކަމަށް ޖެންޑާ މިނިސްޓްރީ އަށް ހުށަހެޅިފައިވާ މައްސަލައެއް މިހާރު ވެސް އެބައޮތް ކަމަށް މިނިސްޓްރީން ޖަމިއްޔާ އަށް މައުލޫމާތު ދީފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

އެހެންވެ ކޮވިޑްގެ ސަބަބުން މާލެ ލޮކްޑައުންކޮށްފައިވާ މި ނާޒުކު ދަނޑިވަޅުގައި، އަދި ހަލުވިކަމާ އެކު ވައިރަސް ފެތުރެމުންދާ ކަމަށް ސިއްހީ ފަންނުވެރިން އަންގަވަމުންދާ ވަގުތެއްގައި، ކުލި ނުދެއްކޭ އާއިލާތައް މިހާރު ދިރިއުޅެމުންގެންދާ ތަނުން ނެރެއްޖެ ނަމަ އެ އާއިލާތައް ވަންނާނެ އެހެން ތަނެއް ނެތި މަގުމަތިވާނެ ކަމަށާއި އަދި ވަގުތީ ބޯހިޔާވަހިކަމެއް ހޯދަން މި ހާލަތުގައި ދަތިވާނެތީ، އެކަމުގެ ސަބަބުން އެ އާއިލާތައް ކޮރޯނާ ވައިރަސް އަށް ހުށަހެޅުމުގެ އިހުމާލު އޮތްކަން ޖަމިއްޔާ އިން ފާހަގަކުރެ އެވެ.

"އެފަދަ ހާލަތްތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން، އިނގިރޭސިވިލާތާއި އެމެރިކާ ފަދަ ބައެއް ގައުމުތަކުގައި، ކުލި ދެއްކުމަށް ދަތިވެފައިވާ ފަރާތްތައް އެ މީހުން ދިރިއުޅެމުންގެންދާ ތަނުން ނުނެރެވޭނެ ގޮތް ހަމަޖައްސައިދިނުމަށްޓަކައި އިމަޖެންސީ ގާނޫނުތައް އެކުލަވާލާފައިވާކަން ފާހަގަކުރަމެވެ،" އެ ޖަމިއްޔާގެ ސިޓީގައި ބުނެފައި ވެ އެވެ.

އެފަދަ ގާނޫނުތަކުން ލޮކްޑައުންގެ ހާލަތުގައި، ކުލި ނުދެއްކޭ ފަރާތްތައް ގެއިން ނެރުން ހުއްޓުވައި، ކުއްޔަށް ހިފާ ފަރާތްތަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމާ އެކު، އިމަޖެންސީ ހާލަތުން އަރައިގަނެވުމުން ކުއްޔަށް ދޭ ފަރާތްތަކަށް ލިބެން ޖެހޭ ކުލި، ކަނޑައެޅޭ އުސޫލެއްގެ ތެރެއިން ފަސޭހަ ގޮތަކަށް އަނބުރާ ހޯދޭނެ ގޮތްތައް ހަމަޖައްސައިދީފައިކަން އެ ޖަމިއްޔާ އިން ފާހަގަކުރެ އެވެ.

ކޮވިޑް-19 ގެ ހާލަތާ ގުޅިގެން ބައެއް ގެތަކުގެ ވެރިން ވަނީ އަމިއްލަ އަށް ފެނިގެން ކުލި ކުޑަކޮށްދީފަ އެވެ. އެކަމަކު އެއީ ނިސްބަތުން ވަރަށް މަދު އަދަދެއްގެ ގެތަކުންނެވެ.