18 އެޕްރީލް 2020 - 21:02

ކޮވިޑް-19 އަށް ކޮންޓެކްޓް ޓްރޭސިން ހެދުމަށް މައުލޫމާތު ހޯދަން އެދޭނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ސޯޝަލް މީޑިއާ އެކައުންޓުތަކާއި ސަރުކާރުގެ ކަމާ ގުޅޭ ޕްރޮސީޖާތަކުގެ ތެރެއިން ކަމަށް، އެ އިދާރާ އިން މިރޭ ބުނެފި އެވެ.
އެޗްޕީއޭ އިން އެހެން ބުނީ، މާލޭގެ ބައެއް ތަންތަނަށް ދިޔަ މީހުންގެ މައުލޫމާތުތައް ވަކި ނަންބަރުތަކަކަށް ގުޅައި ފޯރުކޮށްދިނުމަށް އެދި މެސެޖުތަކެއް ދައުރުވަމުން ދަނިކޮށެވެ.
އެއް މެސެޖުގައި ވަނީ، ބަނދަރުމަތީގައި ހުންނަ ވަކި ކުންފުންޏެއްގެ ފިހާރައަކަށް ދިޔަ މީހެއް ނަމަ ވީހާ ވެސް އަވަހަކަށް އަންގައިދިނުމަށެވެ. އެއީ ވަރަށް އަވަހަށް ބޭނުންވާ މައުލޫމާތަކަށް ވާތީ ސަމާލުކަން ދިނުމަށް އެދިފައި ވެ އެވެ. ނަމަވެސް އެ ކަމުގެ މައުލޫމާތު ހޯދުމަށް ސަރުކާރުން އަދި އެދިފައެއް ނުވެ އެވެ.
އެޗްޕީއޭއިން އިން ކުރި ޓްވީޓެއްގައި ވަނީ ކަމާބެހޭ އިދާރާތަކުގެ އިރުޝާދުތަކަށް ތަބާވުމަށް އިލްތިމާސްކޮށްފަ އެވެ. އަދި ރައްޔިތުންގެ ފަރާތުން މެދުކެނޑުމެއް ނެތި ލިބެމުން އަންނަ އެއްބާރުލުމަށް ޝުކުރު އަދާކޮށްފައި ވެ އެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް 34 މީހަކު ޕޮޒިޓިވްވެފައިވާއިރު އޭގެ ތެރެއިން 14 މީހަކު ޕޮޒިޓިވްވެފައިވަނީ މާލެއިންނެވެ. އޭގެ ތެރެއިން އެކަކީ ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ ފިރިހެނެކެވެ. އެއީ ދިވެއްސަކާ އިނދެގެން އުޅޭ މީހެކެވެ.