އެސްޓީއޯގެ އެމްޑީ އަމިއްލަ އަށް އައިސޮލޭޝަނަށް
އެސްޓީއޯގެ އެމްޑީ އަމިއްލަ އަށް އައިސޮލޭޝަނަށް

ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވި މީހަކާ ކޮންޓެކްޓްވި މީހަކާ އެކު ކޮންޓެކްވެ، އޭނާ ނެގެޓިވް ވި ނަމަވެސް، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އަމިއްލަ އަށް އެކަހެރިވެ ވަޑައިގެންފި އެވެ.

މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާއާ ކޮންޓެކްޓްވި މީހަކު ކ ކާށިދު އަށް ދަތުރުކޮށްފައިވާތީ އެޗްޕީއޭއިން އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައި ވެއެވެ. އަދި އެ މީހާ ޓެސްޓު ކުރުމަށް ފަހު ނެގެޓިވްވުމުން އެ ރަށް ވަނީ އާންމު ހާލަތަށް ބަދަލުކޮށްފަ އެވެ. މި ދަތުރަކީ އަމްރު ވެސް ބައިވެރިވެވަޑައިގެންނެވި ދަތުރެކެވެ.

މި ކޭސްއާ ގުޅިގެން އަމްރު ކަރަންޓީންކުރަން އެޗްޕީއޭ އިން މަސައްކަތް ކުރުމުން ކަރަންޓީނަށް ވަޑައިގަންނަވަން ދެކޮޅު ހައްދަވާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވާހަކަތައް އޭނާ ވަނީ ދޮގުކުރައްވައިފަ އެވެ.

އަމްރު ވިދާޅުވީ ކަރަންޓީން ވާން އެޗްޕީއޭއިން އަންގާފައި ނުވާ ކަމަށެވެ. އަދި ކޮންޓެކްޓްވި މީހާ ވެސް ނެގެޓިވް ކަމަށާއި އެކަމަކު އެންމެންގެ ރައްކާތެރި ކަމަށް ވިސްނައި މިހާރު ހުންނެވީ އަމިއްލަ އަށް އައިސޮލޭޓް ވެގެން ކަމަށް ވެސް ވިދާޅުވި އެވެ.

މި ދަނޑިވަޅުގައި މައުލޫމާތުތައް އާންމުކުރާއިރު ރަނގަޅަށް ތެދުދޮގު ބެލުމަށް ފަހު ނޫނީ އެކަން ނުކުރުމަށް އަމްރު ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.

މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ފުރަތަމަ ކޭސްގައި ހިމެނޭ މީހާއާ 200 އަށް ވުރެ ގިނަ މީހުން ކޮންޓެކްޓް ވެފައިވާއިރު، މިއީ މުޅި ދުނިޔެ އަށް ބަލާފައި ވެސް ރެކޯޑު އަދަދެއް ކަމަށް ސަރުކާރުން ބުނެ އެވެ. މާލެއިން މިހާތަނަށް 14 މީހަކު މި ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރޭގައި ފުރަތަމަ ކޭސްއާ އެއްވެސް ގުޅުމެއް ނެތް ދެ މީހަކު ހިމެނެ އެވެ. އަދި ބިދޭސީއަކު ވެސް ހިމެނެ އެވެ.