13 އޮކްޓޯބަރ 2016 - 13:17

ނިއު ޔޯކް (އޮކްޓޯބަރު 13) - އެކި އަންހެނުންނާއި ޖިންސީ ގޮތުން ގޯނާކޮށްފައިވާ ކަމަށް ބުނެ ބައެއ ފަރާތްތަކުން ދަނީ އޭނާގެ ޝަހުސިއްޔަތު ކަތިލަމުން ކަމަށް އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޓްރަމްޕުގެ ކެމްޕޭނުން މިހެން ބުނީ ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޖިންސީ ގޯނާކޮށްފައިވާ ހަތަރު އަންހެނެއްގެ ވާހަކަ ނިއު ޔޯކް ޓައިމްސްގައި ލިޔުމާ ގުޅިގެންނެވެ.

ޓްރަމްޕުގެ ވައިޓް ހައުސްގެ ރޭހަށް ފަހަކަށް އައިސް އެންމެ ބޮޑު ހުރަހެއް ކުރިމަތިވެފައި ވަނީ އަންހެނުންނަށް ޖިންސީ ގޯނާ ކުރާ ކަމަށް 2005 ވަނަ އަހަރު ޓްރަމްޕު ދައްކަވާފައިވާ ވީޑިއޯ ދެ ވަނަ ރިޔާސީ ބަހުސުގެ ކުރިން ލީކުކޮށްލުމާ ގުޅިގެންނެވެ. ޓްރަމްޕު ވަނީ އެ ވާހަކަތަކަށް މައާފަށް އެދިވަޑައިގެންފަ އެވެ.
ނޮވެމްބަރު 8 ވަނަ ދުވަހުގެ އިންތިޚާބަށް 27 ދުވަހަށްވެފައި ވަނިކޮށް ވާދަވެރި ކެންޑިޑޭޓް ހިލަރީ ކްލިންޓަނުގެ ކެމްޕޭން ވަރުގަދަ ކުރަމުން ދަނިކޮށް ޓްރަމްޕަށް ޖެހިފައި ވަނީ ދިފާއަށް ކުޅޭށެވެ. އެންމެ ފަހުން ނިއު ޔޯކް ޓައިމްސް އިން އާއްމުކުރި ހަތަރު އަންހެނުންގެ ވާހަކަތަކުގެ ތެރޭން 74 އަހަރުގެ މީހަކު ބުނެފައި ވަނީ 1980 ގެ އަހަރުތަކުގެ ތެރޭގައި ފްލައިޓެއްގެ ތެރޭން ޓްރަމްޕް އޭނާއާ ބެހިފައިވާ ކަމަށެވެ. އެހެން އަންހެނަކު ބުނީ އޭނާގެ އުމުރުން 22 އަހަރުގައި ޓްރަމްޕުގެ ކުންފުނީގެ ރިސެޕްޝަނިސްޓެއްގެ ގޮތުގައި މަސައްކަތް ކުރި އިރު ޓްރަމްޕް ވަނީ 2005 ވަނަ އަހަރު ލިފްޓުގެ ބޭރުގައި އޭނާއާ ބެހިފައިވާ ކަމަށެވެ. އަދި މިހާރު އުމުރުން 36 އަހަރުގެ އަންހެނަކު ވަނީ ފްލޮރިޑާގެ ރިސޯޓެއްގައި އޭނާ އަށް ޓްރަމްޕް ގޯނާކޮށްފައިވާ ކަމަށާ އަދި މިސް ވޮޝިންޓަން 2013 ވަނީ ޓްރަމްޕް ތަކުރާރުކޮށް އޭނާ އަށް ޖިންސީ ފުރައްސާރަކޮށް އަދި އޭނާގެ ހޮޓަލުގެ ކޮޓަރި އަށް ދިއުމަށް ދައުވަތު ދީފައި ކަމަށް ބުނެފަ އެވެ.
މި ހުރިހާ ވާހަކަތަކަށް ޓްރަމްޕް ވަނީ ވަރަށް ބޮޑަށް ކޯފާ އިސްކުރައްވާ ރައްދު ދެއްވައިފަ އެވެ. ޓްރަމްޕުގެ ކެމްޕޭން އޮފީހުން ބުނެފައި ވަނީ ނިއު ޔޯކް ޓައިމްސްގައި ލިޔެފައިވާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ކަމަށާއި އެ ވާހަކަތަކުގެ ބޭނުމަކީ ޓްރަމްޕުގެ ޝަހުސިއްޔަތު ކަތިލުން ކަމަށެވެ.
ފްލޮރިޑާގައި އިއްޔެ އޮތް ކެމްޕޭން އެއްވުމެއްގައި ޓްރަމްޕް ވަނީ ހިލަރީ އަށް ބަހުގެ ހަމަލާތައް ދެއްވައިފަ އެވެ. ޓްރަމްޕް ވިދާޅުވީ ހިލަރީ އަކީ މުޖްރިމެއް ކަމަށާއި އަމިއްލަ އީމެލް ބޭނުންކޮށްގެން ގައުމީ ސަލާމަތަށް ނުރައްކާކޮށްފައިވާ މީހެއް ކަމަށެވެ. އަދި ހިލަރީ އަކީ ޖަލަށްލާން ޖެހޭ މީހެއް ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.