18 އެޕްރީލް 2020 - 18:08

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ހިންގަމުން އަންނަ އޮޕަރޭޝަންގައި ވޮލަންޓިއަރުންގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު ކުރީގެ ސިފައިންނަށް އެމްއެންޑީއެފުން މިއަދު ހުޅުވާލައިފި އެވެ.
އެމްއެންޑީއެފްގައި މީގެ ކުރިން މަސައްކަތްކޮށްފައިވާ ސިފައިން މި އޮޕަރޭޝަންގައި ބައިވެރިވާން ބޭނުން ނަމަ[email protected]އަށް އެ މީހެއްގެ ނަމާއި ފޯނު ނަންބަރު އީމެއިލް ކުރަން އެ ތަނުން އެދެ އެވެ. އަދި 3322496 ނުވަތަ 3323708 އަށް ގުޅައިގެން ވެސް މި އޮޕަރޭޝަންގައި ބައިވެރިވާން ނަން ނޯޓު ކުރެވޭނެ ކަމަަށް ދިވެހި އަސްކަރިއްޔާ އިން ބުނެ އެވެ.
ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 މާލެއިން ފެނުނީ މިދިޔަ ބުދަ ދުވަހެވެ. ކޮންޓެކްޓް ޓްރޭސިން މަސައްކަތަށާއި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސަރުކާރުން މިހާރު ވަނީ މި މަހުގެ ނިޔަލަށް މާލެ، ވިލިމާލެ، ހުޅުމާލެ ލޮކްޑައުންކޮށްފަ އެވެ. މި ހާލަތުގައި އާންމުންގެ ޒަރޫރީ ބޭނުންތަކާއި އެހެނިހެން ހިދުމަތްތައް ދިނުމުގައި ފުލުހުންނާއި ސިފައިން އަދި ސިއްހީ އިދާރާތަކުން ގުޅިގެން ހާއްސަ އޮޕަރޭޝަންތަކެއް ވަނީ ފަށައިފަ އެވެ.
މާލެ ސަރަހައްދުގައި އުޅޭ މީހުން، ފިހާރަތަކުން އޯޑަރުކުރާ ތަކެތި ލިބުމުގައި ދަތިތަކެއް ހުރުމުން އެ ތަކެތި ޑެލިވާ ކޮށްދިނުމުގައި މަސައްކަތުގައި ވެސް ސިފައިންނާއި ފުލުހުން އިއްޔެ ވަނީ ބައިވެރިވެފަ އެވެ.
ކޮވިޑް-19 ރާއްޖެ އިން އެންމެ ފުރަތަމަ ފެނުނީ މިދިޔަ މަހުގެ ހަތް ވަނަ ދުވަހެވެ. ނަމަވެސް މިދިޔަ ބުދަ ދުވަހުން ފެށިގެން މިހާތަނަށް މާލެ އިން ވަނީ އެ ބަލީގެ 14 މީހަކު ފެނިފަ އެވެ. އޭގެ ތެރެއިން އެކަކީ ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ ފިރިހެނެކެވެ. އެއީ ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ މީހެކެވެ.