ޑޮކްޓަރުންގެ މިންނެތް މަސައްކަތަށް މިނިސްޓަރުގެ ޝުކުރު
ޑޮކްޓަރުންގެ މިންނެތް މަސައްކަތަށް މިނިސްޓަރުގެ ޝުކުރު

ކޮވިޑް-19 ރާއްޖޭގައި ވެސް ފެތުރެމުން ދާ ނުރައްކާތެރި ވަގުތުގައި ޑޮކްޓަރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އަގު ވަޒަންކުރައްވައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ޝުކުރު އަދާކުރައްވައިފި އެވެ.

މިއަދު ފާހަގަކުރާ ދިވެހި ޑޮކްޓަރުންގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި އުނދަގޫ ވަގުތުގައި އެކަށީގެންވާ ފަރުވާ ދެއްވުމަށް ޑޮކްޓަރުން ކުރައްވަމުން ގެންދަވާ މިންނެެތް މަސައްކަތަށް ޝުކުރު ދަންނަވާ ކަމަށެވެ.

"އިންސާނިއްޔަތު ސަލާމަތްކުރުމަށް ޓަކައި އެ ބޭފުޅުން އެކުރައްވާ މަސައްކަތް މިއަދު ވެސް އަދި ކޮންމެ ދުވަހަކު ވެސް ޝުކުރުވެރިކަަމާ އެކު ބަލައިގަންނަން،" އަމީންގެ ޓްވީޓްގައި ވިދާޅުވެފައިވެ އެވެ.

ދިވެހި ޑޮކްޓަރުންގެ ދުވަހުގެ މުނާސަބަތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރެއްވި ޓްވީޓުގައި ވެސް ވަނީ ޑޮކްޓަރުންގެ ހިދުމަތް ފާހަގަކުރައްވައި ޝުކުރު އަދާކުރައްވައިފަ އެވެ. ރައީސް ވިދާޅުވީ ދިވެހި ޑޮކްޓަރުންގެ ދުވަސް މިއަދު ފާހަގަ ކުރަމުން އަންނައިރު ފެންނަނީ އެ ޑޮކްޓަރުން ރައްޔިތުންނަށްޓަކައި ވަމުން އަންނަ ގުރުބާނީ ކަމަށެވެ.

އާއްމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޑޮކްޓަރުން ވަމުން އަންނަ ގުރުބާނީ އަށް ގިނަ ބަޔަކު އަންނަނީ ޝުކުރު އަދާކުރަމުންނެވެ. ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ޝުއޫރު ފާޅުކޮށް ޑޮކްޓަރުންނަށް އަންނަނީ ޝުކުރު އަދާކުރަމުންނެވެ.

ދިވެހި ޑޮކްޓަރުންގެ ދުވަސް މިއަހަރު ބައްދަލުކޮށްފައި މި ވަނީ ޑޮކްޓަރުންނަށް ބިރުވެރި އަދި ބުރަ ދުވަސްވަރެއްގަ އެވެ. ކޮވިޑް-19 އަށް މިދިޔަ ބުދަ ދުވަހު މާލޭން މީހަކު ޕޮޒިޓިވްވެ މުޖުތަމައުގެ ތެރެއަށް އެ ބަލި ފެތުރެން ފަށާފައިވާތީ ޑޮކްޓަރުންނާއި ސިއްހީ ހިދުމަތްތެރީންގެ މަސައްކަތް ވަނީ ވަރަށް ބުރަވެފަ އެވެ.

މިހާތަނަށް ރާއްޖެ އިން ވަނީ ކޮރޯނާވައިރަހަށް 32 މީހަކު ޕޮޒިޓިވް ވެފައިވެ އެވެ. އޭގެ ތެރެއިން 16 މީހުންނަކީ ދިވެހިންނެވެ. މާލެއިން ކޮވިޑް-19 އަށް ބަންގްލަދޭޝް މީހަކު ޕޮޒިޓިވްވެފައިވާކަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ވަނީ އާއްމުކޮށްފަ އެވެ.