ރަށްރަށަށް ބޭނުންވާ މުދާ މާލެއިން ގެންދެވޭނެ އިންތިޒާމް ހަމަޖައްސައިފި
ރަށްރަށަށް ބޭނުންވާ މުދާ މާލެއިން ގެންދެވޭނެ އިންތިޒާމް ހަމަޖައްސައިފި

މާލެ ސަރަހައްދު ލޮކްޑައުން ކުރިޔަސް، އެހެން ރަށްރަށަށް ބޭނުންވާ މުދާ މާލެއިން ގެންދެވޭނެ އިންތިޒާމް ހަމަޖައްސައިފި އެވެ.

ކޮވިޑް-19 އަށް މާލެއިން ބަޔަކު ޕޮޒިޓިވްވުމާ އެކު، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން 14 ދުވަހަށް މާލެ ސަރަހައްދު ލޮކްޑައުންކޮށް، މާލެ ސަރަހައްދަށް އަރައި ފޭބުން ވަނީ މަނާކޮށްފަ އެވެ.

ފުލުހުން މިއަދު ކުރި ޓްވީޓެއްގައި ބުނީ ރަށްރަށާއި ރިސޯޓްތަކަށް ބޭނުންވާ މުދަލާއި ފެން ގެންދިއުމަށްޓަކައި މާލޭ ނޯތު ހާބަރަށް އެހެން ރަށްރަށުން އަންނަ އުޅަނދުތަކަށް ވަދެވޭނެ ކަމަށާއި އެކަމަކު އެފަދަ އުޅަނދުތަކުގެ ކްރޫއިން ފިޔަވައި އިތުރު ބަޔަކު އައިސްގެން ނުވާނެ ކަމަށެވެ. އަދި އެފަދަ ދަތުރުތައް ފެށުމުގެ ކުރިން އެ ރަށެއްގެ ކައުންސިލަށް އެކަން އެންގުމަށް ވެސް އެދޭ ކަމަށް އެ ޓްވީޓްގައިވެ އެވެ.

ރަށްރަށަށް ބޭނުންވާ މުދާ މާލެއިން ގެންދެވޭނެ އިންތިޒާމް ހަމަޖެއްސިއިރު، ހުއްދަ ނެތި ރަށްރަށުން އެހެން ރަށްރަށަށް ދަތުރުކުރުން ވެސް މިހާރު އޮތީ ރާއްޖޭގައި މަނާކޮށްފަ އެވެ. އަދި ގިނަ މީހުން އެއްވެގެން އެއްވެސް ރަށެއްގައި ހަރަކާތްތައް ނުހިންގުމަށް ވެސް އޮތީ އަންގައިފަ އެވެ.

މާލެ ސަރަހައްދު ލޮކްޑައުން ކުރުމުން، ގޭގެއަށް ބޭނުންވާ މުދަލާއި ކާބޯތަކެތި ޚާއްސަ ހުއްދައެއްގެ ޑެލިވަރީ ކުރެވޭނެ ގޮތް ވެސް ވަނީ ހަމަޖައްސައިފަ އެވެ.

ކޮވިޑް-19 އަށް މާލެއިން މިހާތަނަށް 12 މީހަކު ޕޮޒިޓިވް ވެފައިވާއިިރު، އޭގެ ތެރޭގައި ބިދޭސީއަކު ވެސް ހިމެނެ އެވެ. އަދި އޭގެކުރިން އިނގިރޭސިވިލާތުން ރާއްޖެ އައި ހަތަރު ދިވެއްސަކާއި ފިލިޕީންސް އިން ރާއްޖެ އައި ދިވެއްސަކު ވެސް އެ ބައްޔަށް ޕޮޒިޓިވްވި އެވެ.