18 އެޕްރީލް 2020 - 14:25

ކޮވިޑް-19އަށް ރާއްޖެއިން ޕޮޒިޓިވްވި ބިދޭސީ މީހާއަކީ ރާއްޖޭގައި މަސައްކަތްކުރާ އެހެން ބިދޭސީންނާ އެކު ލޭބާ ކުއާޓާއެއްގައި ދިރިއުޅޭ މީހެއް ނޫން ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
ވައިރަހަށް ޕޮޒިޓިވް ބިދޭސީއަކު މާލެ އިން ފެނުމުން ގިނަ ބަޔަކު ދަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ. މާލޭގައި ބިދޭސީން ދިރިއުޅޭ ހާލަތު ބަލަން މާލޭ ސިޓީ ކައުންސިލުން ވަރަށް ފަހުން ކުރި ސާވޭ އަށް ފަހު އެތަނުން ބުނެފައި ވަނީ ކުދި ތަންތަންކޮޅުގައި އެއްފަހަރާ ގާތްގަނޑަކަށް 50 ބިދޭސީން ވެސް ދިރިއުޅެމުންދާ ކަމަށެވެ. މިހާ ތޮއްޖެހުން ބޮޑުއިރު އެކަކު ވެސް ބަޔަށް ޕޮޒިޓިވްވުމަކީ ވަރަށް ބޮޑު ނުރައްކަލެއް އޮތް ކަމެކެވެ.
ކޮވިޑް-19އަށް ސަކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް "މިހާރު"އަށް ވިދާޅުވީ ރާއްޖެއިން ޕޮޒިޓިވްވި ބިދޭސީ މީހާއަކީ ދިވެހި އަންހެނަކާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅެމުން އަންނަ މީހެއް ކަމަށެވެ. އަދި އެމީހާ އަކީ ތޮއްޖެހިގެން ދިރިއުޅެމުން އަންނަ ބިދޭސީންގެ ތެރޭގައި ދިރިއުޅޭ މީހެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖެއިން ކޮވިޑް-19އަށް މިހާތަނަށް 32 ކޭސް ވަނީ ފެނިފަ އެވެ. އޭގެ ތެރެއިން 12 މީހުންނަކީ މާލެ އިން ޕޮޒިޓިވްވި މީހުންނެވެ. މާލެއިން އެންމެ ފުރަތަމަ މި ބަލި ފެނުނު މީހާއަކީ އެއްވެސް ޓްރެވަލް ހިސްޓްރީއެއް ނެތި ބައްޔަށް ޕޮޒިޓިވްވި މީހެކެވެ. މި މީހާއާ ކޮންޓެކްޓް ވި މީހުންގެ ތެރެއިންވެސް ބަޔަކު މި ބައްޔަށް ޕޮޒިޓިވްވެފައިވާއިރު މި އިން އެއްވެސް ބަޔަކާ ގުޅުމެއް ނެތް ދެ މީހަކު ވެސް މި ބައްޔަށް ޕޮޒިޓިވްވެފައި ވެ އެވެ.
ބައްޔަށް ޕޮޒިޓިވްވެފައިވާ ބަންގްލަދޭޝް މީހާ އަކީ ރާއްޖެއިން މި ބަލި ފެނުނު 30 ވަނަ މީހާއާ ޑައިރެކްޓް ކޮންޓެކްޓް ވީ މީހެކެވެ.