18 އެޕްރީލް 2020 - 12:59

ދިވެހި ޑޮކްޓަރުންގެ ދުވަސް މިއަދު ފާހަގަ ކުރަމުން އަންނައިރު ފެންނަނީ އެ ޑޮކްޓަރުން ރައްޔިތުންނަށްޓަކައި ވަމުން އަންނަ ގުރުބާނީ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
ދިވެހި ޑޮކްޓަރުންގެ ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވަނީ އާއްމުންގެ ރައްކާތެރިކަމަށްޓަކައި ޑޮކްޓަރުން ވަމުން އަންނަ ގުރުބާނީއަށް ޝުކުރު އަދާ ކުރައްވައިފަ އެވެ.
"ކޮވިޑް-19 އިން އަޅުގަނޑުމެން ރައްކާތެރި ކުރުމަށް ސިއްހީ މާހިރުން ރިސްކް ނަގައިގެން ކުރައްވާ މަސައްކަތްތަކަށް އަޅުގަނޑުމެން ދަރާފައިވާ ދަރަނި ބޮޑު،" ރައީސްގެ ޓްވީޓްގައިވެ އެވެ.
މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާގައި ފެތުރެން ފެށި ނުރައްކާތެރި ކޮވިޑް-19 އިން ރާއްޖެ ސަލާމަތް ކުރުމަށް ސިއްހީ މާހިރުން ގެންދެވީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އަދި މިދިޔަ ބުދަ ދުވަހު މާލެއިން އެ ބައްޔަށް މީހަކު ޕޮޒިޓިވްވެ މުޖުތަމައުގެ ތެރޭގައި ބަލި ފެތުރެން ފެށުމާއެކު ސިއްހީ ހިދުމަތްތެރިންގެ މަސައްކަތް ވަނީ ބޮޑުތަނުން ބުރަވެފަ އެވެ.
ޑޮކްޓަރުންގެ ދުވަސް މިއަދު ފާހަގަ ކުރަމުން އަންނައިރު އެ ޑޮކްޓަރުން އާއްމުންގެ ފަރާތުން އެދޭ އެދުމަކީ ރައްކާތެރިކަމާއެކު ގޭގައި ތިބުމަށެވެ. އެއީ ކޮވިޑް-19 އިތުރަށް ފެތުރުނަ ނުދިނުމަށްޓަކަ އެވެ.
ޑޮކްޓަރުންގެ ދުވަހާ ގުޅުވައިގެން އެ ބޭފުޅުންގެ އަގުވަޒަންކޮށް ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ޝުކުރު އަދާ ކުރަމުންނެވެ.
މިހާތަނަށް ރާއްޖެ އިން ވަނީ ކޮރޯނާވައިރަހަށް 32 މީހަކު ޕޮޒިޓިވް ވެފައިވެ އެވެ. އޭގެ ތެރެއިން 16 މީހުންނަކީ ދިވެހިންނެވެ. މާލެއިން ކޮވިޑް-19 އަށް ބަންގްލަދޭޝް މީހަކު ޕޮޒިޓިވްވެފައިވާ ކަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ވަނީ އާއްމުކޮށްފަ އެވެ.