ކޮވިޑް-19 ޖެހުނުކަން ޑިބްރޭނާ އަށް ޔަގީނެއް ނޫން
ކޮވިޑް-19 ޖެހުނުކަން ޑިބްރޭނާ އަށް ޔަގީނެއް ނޫން

މެންޗެސްޓާ (އޭޕްރީލް 18) - ވޭތުވެދިޔަ ދެ ހަފްތާއެއްހާ ދުވަހު އޭނާގެ އާއިލާ މެމްބަރުންތަކެއް ބަލިވެ އުޅުނު ކަމަށާއި އެއީ ކޮރޯނާވައިރަހުން ޖެހޭ ކޮވިޑް-19 ގެ ސަބަބުން ވީ ކަމެއް ކަމެއް ބުނަން ނޭނގޭ ކަމަށް މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ކެވިން ޑިބްރޭނާ ބުނެފި އެވެ.

ސްކައިސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ޑިބްރޭނާ ބުނީ އޭނާ އާއި އާއިލާގެ ފަރާތުން ބަލީގެ އަސަރުތައް ފެންނަމުންދާތާ ގިނަ ދުވަސްތަކެއް ވީ ނަމަވެސް ކޮވިޑް-19 އަށް ޓެސްޓެއް ކޮށްފައިނުވާނެ ކަމަށެވެ.

"މިހާރު އަހަރެމެންގެ ހާލު ރަނގަޅު. އަހަރެމެންނަކަށެއް ނޭނގޭ ޖެހުނީ (ކޮވިޑް-19) ވައިރަސް ކަމެއް. އަހަރެމެން އެންމެންގެ ހާލަތު މިހާރު އަންނަނީ ރަނގަޅުވަމުން،" ޑިބްރޭނާ ބުންޏެވެ.

އޭނާ ބުނީ ބަލިވެ އުޅުނު ދުވަސްވަރުގައި ބައެއް ފަހަރަށް ވަރަށް ބޮޑަށް އުނދަގޫވި ފަހަރުތަކެއް ދިޔަ ކަމަށާއި ވެގެން އުޅޭ ގޮތެއް ނޭނގުމުން ކުރެވުނީ ވަރަށް އެހެން ކަހަލަ އިހުސާސްތަކެއް ކަމަށެވެ.

"ކުރެވެން ހުރި ކަމެއް ވިއްޔާ ކޮށްގެން މިހާރު އަހަރެން މި އަންނަނީ ކްލަބް (މެންޗެސްޓާ ސިޓީ)ގެ ފިޒިއޯ އިން އަހަރެމެންނަށް ދީފައިވާ އިރުޝާދާ އެއްގޮތަށް ކަސްރަތުތަށް ކުރަމުން. މިހާރު އަހަންނަށް މާ ބޮޑު އުނދަގޫތަކެއް ނެތް،" ކުރިން ޗެލްސީ އަށް ވެސް ކުޅުނު ޑިބްރޭނާ ބުންޏެވެ.

ޕްރިމިއާ ލީގުގެ އެސްޓަން ވިލާ އަށް މިހާރު ކުޅެމުން އަންނަ ސްޕެއިންގެ ގޯލްކީޕަރު ޕެޕޭ ރެއިނާ ވެސް ވަނީ އޭނާ އަށް ކޮވިޑް-19 ޖެހުނުކަން އެނގުނީ އަލާމަތްތައް ފެންނަން ފެށިތާ އެތަށް ދުވަހެއް ފަހުން ކުރި ޓެސްޓްތަކަކުން ކަމަށް ބުނެފަ އެވެ. އަދި ޓެސްޓް ކުރުން ލަސްކުރުމުން އޭނާގެ ހާލަތު ގޯސްވި ކަމަށް ބުންޏެވެ.

އިންގްލެންޑުގައި ވެސް ކޮވިޑް-19 ގެ ނުރައްކާ ބޮޑުވެފައިވާއިރު އެންމެ ފުރަތަމަ އެ ބައްޔަށް ޕޮޒިޓިވްވި ފުޓްބޯޅަ އާއިލާގެ މެމްބަރުންނަކީ އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ އާއި ޗެލްސީގެ ވިންގް ކަލުމް ހަޑްސަން އޮޑޯއި އެވެ. އާޓެޓާ އާއި އޮޑޯއި މިހާރު ވަނީ ބަލިން ފަސޭހަވެފަ އެވެ. ކޮވިޑް-19 ޖެހިފައިވާ މީހަކާ ގާތްކޮށް ސިޓީގެ ބެންޖަމިން މެންޑީ އުޅެފައިވާތީ އޭނާގެ ކިބައިން ވައިރަހުގެ އަލާމާތެއް ފެނޭތޯ އެކަހެރި ކުރި ނަމަވެސް އޭނާ ވަނީ ކުރި ޓެސްޓްތަކުން އެ ބައްޔަށް ނެގެޓިވްވެފަ އެވެ.