20 އެޕްރީލް 2020 - 09:25

ކަލާޒް ޗެނެލުން މިހާތަނަށް ގެނެސްދިން އެންމެ ކާމިޔާބު ސިލްސިލާތަކުގެ ތެރޭގައި ހިމެނޭ "ބަލިކާ ވަދޫ" އަލުން ގެނެސްދޭން ނިންމައިފި އެވެ.
ކޮރޯނާވައިރަހާ ހެދި ޓީވީ އުފެއްދުންތަކުގެ މަސައްކަތްތައް ހުއްޓި ޝޯތަކުގެ އާ އެޕިސޯޑްތައް މި ދުވަސްވަރު ނުގެނެސްދޭވީ ދިވެހިންގެ މެދުގައި އެންމެ މަގުބޫލު އިންޑިއާގެ ވަރަށް ޓީވީ ޗެނެލްތަކުން މިހާރު އަންނަނީ ކުރީގެ ޝޯތައް ދައްކަމުންނެވެ.
އެގޮތުން ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު "ބަލިކާ ވަދޫ" ކަލާޒުން ގެނެސްދޭނީ ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހުން ހުކުރު ދުވަހަށް ރާއްޖެ ގަޑިން ހަވީރު 5:30 ގަ އެވެ. މި ސިލްސިލާ އަލުން ގެނެސްދިނުމަކީ ކުރިން ނުބަލާ މީހުންނާއި ކުރި ބެލި މީހުންނަށް ވެސް ހަނދާންތައް އާކޮށްލަން ލިބޭނެ ފުރުސަތަކަށް ވާނެ އެވެ.
"ބަލިކާ ވަދޫ" އަކީ އިންޑިއާގައި ކުޑަ އަންހެން ކުދިން ކައިވެނިކުރުވާ މައްސަލަ އަށް ބިނާކޮށް ހަދާފައިވާ އެއްޗެކެވެ.
ކަލާޒުން މި ސިލްސިލާ ގެނެސްދިނީ ޖުލައި 21، 2008 އިން ޖުލައި، 31، 2016 އަށެވެ. ދެ ސީޒަނަކަށް ގެނެސްދިން "ބަލިކާ ވަދޫ" ގެ ޖުމްލަ 2،245 އެޕިސޯޑް ދައްކާފައިވެ އެވެ.