އޯޕެކުން ރާއްޖެއަށް 20 މިލިއަން ޑޮލަރުގެ އިމެޖެންސީ ލޯނެއް ދޭން ނިންމައިފި
އޯޕެކުން ރާއްޖެއަށް 20 މިލިއަން ޑޮލަރުގެ އިމެޖެންސީ ލޯނެއް ދޭން ނިންމައިފި

ގައުމުތަކަށް މާލީ ގޮތުން އެހީވުމަށް އުފެއްފި އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޯފިޑް) އިން ރާއްޖެއަށް 20 މިލިއަން ޑޮލަރުގެ އެމެޖެންސީ ލޯނެއް ދޭން ނިންމައިފި އެވެ.

މިއީ ކޮވިޑް-19އާ ގުޅިގެން އިގްތިސާދީ ގޮތުން ރައްޖެ އަށް ދިމާވާނެ ގެއްލުންތަކުން އަރައިގަތުމަށް އޯފިޑުން ދޭ ލޯނެކެވެ. ރާއްޖޭގެ އިތުރުން މާލީ އާއި ޓެންޒޭނިއާ، މިސްރު އަދި ނިކަރާގުއާ އަށް ވެސް މި ލޯނުގެ އެހީ ދިނުމަށް އެ އޮގަނައިޒޭޝަނުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމުގައި ނިންމައިފަ އެވެ.

ރާއްޖޭގެ އިގްތިސާދު ދަށްވާނެ ކަމަށް ލަފާ ކޮށްފައިވަނީ، ކޮވިޑް-19 އާ ގުޅިގެން ޓޫރިޒަމް އިންޑަސްޓްރީ އެއްކޮށް ހުއްޓިފައި އޮތުމުންނެވެ. އަލުން ޓޫރިސްޓުން ގެންނަން ފަށާނީ މި ހާލަތުން ރާއްޖެއަށް އަރައިގަނެވުމުން ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ ވިދާޅުވެފަ އެވެ.

މި ދަނޑިވަޅު ސައުތު އޭޝިއަގެ ގައުމުތަކުގެ ތެރެއިން އެންމެ ބޮޑު އަސަރެއް ކުރާނެ ކަމަށް ވޯލްޑު ބޭންކުން ވެސް ލަފާ ކޮށްފައިވަނީ ރާއްޖެ އަށެވެ. މީގެ ތެރޭގައި އިގްތިސާދީ ގޮތުންނާއި އިޖުތިމާއި ގޮތުން ލިބޭ ގެއްލުތައް ވެސް ބޮޑުވާނެ ކަމަށް ވޯލްޑު ބޭންކުން ވަނީ ބުނެފަ އެވެ.

ރާއްޖެއިން ކޮވިޑް-19އަށް 29 މީހުން ޕޮޒިޓިވް ވެފައިވާއިރު ފާއިތުވި ދެ ދުވަސްތެރޭ މާލެއިން ވަނީ ނުވަ މީހުން ޕޮޒިޓިވްވެފަ އެވެ. މި ބަލި ފެތުރުން ހުއްޓުވުމަށް ސަރުކާރުން މާލެ ސަރަހައްދު 14 ދުވަހަށް ލޮކްޑައުން ކޮށްފައިވާއިރު މީގެ ސަބަބުން ވެސް އިގްތިސާދަށް ވަރަށް ބޮޑު ގެއްލުމެއް ވާނެ ކަމަށް ވަނީ ލަފާ ކޮށްފަ އެވެ.