އެސްޓީއޯއަށް ބާރުބޮޑުވެ ގޭގެއަށް މުދާ ޑެލިވާ ކޮށްދޭން ސިފައިން
އެސްޓީއޯއަށް ބާރުބޮޑުވެ ގޭގެއަށް މުދާ ޑެލިވާ ކޮށްދޭން ސިފައިން

އެސްޓީއޯ އިން ގޭގެ އަށް ޑެލިވަކޮށްދޭންޖެހޭ މުދާ ގިނަވެ ބާރުބޮޑުވުމާ އެކު މުދާ އުފުލައިދޭން ސިފައިން މިއަދު ނުކުމެއްޖެ އެވެ.

އެސްޓީއޯގެ މީޑިއާ ކޯޑިނޭޓަރު އަބްދުﷲ މުހައްމަދު ވިދާޅުވީ ކާބޯތަކެއްޗާއި ތަފާތު އެކި ބާވަތްތަކަށް ގިނަ އޯޑަރުތަކެއް ލިބިފައިވާ ކަމަށެވެ. އެހެންވެ މި ވަގުތު އޯޑަރު ނެގުން މަޑުޖައްސާލައި، އެ އެއްޗެހި ޑެލިވަރީކޮށްދޭން ފަށާފައިވާ ކަމަށް ވިދާޅުވި އެވެ.

"ހާލަތަށް ބަލާފައި ސިފައިން އެހީތެރިވާން ފެށީ. އިރާދަކުރެއްވިއްޔާ މިހާރު ޕެންޑިންގައި ހުރި އެއްޗެހި ވަރަށް އަވަހަށް ނިންމާފައި، އޯޑަރަށް އަނެއްކާ ވެސް ހުޅުވާލާނަން،" އަބްދުﷲ ވިދާޅުވި އެވެ.

އެސްޓީއޯގެ މުދާ ސިފައިން ގޭގެއަށް ޑެލިވާކޮށްދޭން ފަށާފައިވަނީ، ކޮވިޑް-19 އަށް މާލެއިން މީހަކު ޕޮޒިޓިވްވެ، މުޅި މާލެ ސަރަހައްދު ލޮކްޑައުން ކުރުމުންނެވެ. އެސްޓީއޯގެ އިތުރުން ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިތަކަށް ބާރުބޮޑުވެ، މުދާ ޑެލިވަރީ ކޮށްދިނުމުގައި ވަނީ ދަތިތަކާ ދިމާވެފަ އެވެ. އެކަމަށް އެހީވާން ޔޫތު މިނިސްޓްރީން މިހާރު ވަނީ ވޮލެންޓިއަރުން ހޯދަން އިއުލާނުކޮށްފަ އެވެ.

ވިޔަފާރިތަކަށް ބާރުބޮޑުވުމުގެ ސަބަބުން ފުލުހުން ވަނީ 24 ގަޑިއިރަށް ޑެލިވަރީގެ ހިދުމަތް ދިނުމުގެ ހުއްދަ ދީފަ އެވެ.