މުދާ ޑެލިވަކޮށްދޭނެ ވޮލަންޓިއަރުން ހޯދަނީ
މުދާ ޑެލިވަކޮށްދޭނެ ވޮލަންޓިއަރުން ހޯދަނީ

ކޮރޯނާވައިރަސް ފެތުރޭތީ މާލެ ސަރަހައްދު ލޮކްޑައުންކޮށްފައި ވާތީ، އާންމުންނަށް ބޭނުންވާ ތަކެތި ފިހާރަތަކުން ޑެލިވަކޮށްދޭނެ ވޮލަންޓިއަރުން ހޯދަން ޔޫތު މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.

ފިހާރަތަކުން ގޭގެޔަށް މުދާ ޑެލިވާކުރުމުގައި ހިލޭސާބަހަށް މަސައްކަތްކޮށްދޭން ބޭނުން މީހުން 7335426 އަށް މެސެޖުކޮށް ރަޖިސްޓްރީ ވާން ޔޫތު މިނިސްޓްރީން ވަނީ އެދިފަ އެވެ.

ކޮރޯނާވައިރަހުން ޖެހޭ ކޮވިޑް-19 އަށް މާލެ އިން ބަޔަކު ޕޮޒިޓް ވުމުން، މާލެ ސަރަހައްދު ލޮކްޑައުން ކުރީ މިދިޔަ ބުދަ ދުވަހެވެ. އެ މުއްދަތު މިއަދު ވަނީ 14 ދުވަހަށް އިތުރުކޮށްފަ އެވެ. މާލެ ސަރަހައްދު ބަންދުކުރުމުން، އާންމުންނަށް ފިހާރަތަކުން މުދާ ގަންނަން ނުދެވޭތީ ފިހާރަތަކުން ޑެލިވަރީގެ ހިދުމަތް ފެށި ނަމަވެސް މިކަން ކުރުމުގައި ބޮޑެތި ހުރަސްތައް ކުރިމަތިވެ އާންމުންގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ.

އެސްޓީއޯ އިން ވެސް އަންނަނީ ތަކެތި ޑެލިވާ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. މި މަސައްކަތުގައި އެމްއެންޑީއެފުން ވެސް މިހާރު އަންނަނީ އެހީވަމުންނެވެ.

ފަރުވާއެއް ހޯދިފައި ނުވާ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އެޅޭނެ އެންމެ ރަނގަޅު ފިޔަވަޅަކީ ގޭގައި މަޑުކުރުމާއި އެމީހެއްގެ އަމިއްލަ ސާފުތާހިރުކަން ދެމެހެއްޓުމެވެ. މި ބަލި ރާއްޖެއިން އެންމެ ފުރަތަމަ ފެނުނީ މިދިޔަ މަހުގެ ހަތް ވަނަ ދުވަހު އެވެ. މިހާތަނަށް 28 މީހަކު މި ބައްޔަށް ޕޮޒިޓިވްވެފައި ވާ އިރު، 16 މީހަކު ވަނީ ރަނގަޅުވެފަ އެވެ.