17 އެޕްރީލް 2020 - 17:44

ރާއްޖެ ކޮރޯނާވައިރަސްގެ ބިރުވެރިކަމުގެ ހާލަތުގައި އޮތް މި ވަގުތު ސޯޝަލް މީޑިއާގައި ފަތުރަނީ ދޮގު ވާހަކަތަކެއް ކަަމަށާއި އެ ވާހަކަތަކަށް ރައްދު ދީ، "އެންޓަޓެއިން" ކުރައްވަން މިހާރު ބޭނުން ނުވާ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް މިއަދު ވިދާޅުވެއްޖެ އެވެ.

ކޮރޯނާވައިރަހާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ފަތުރާ ވާހަކަތަކާ މެދު މިއަދުގެ މީޑިއާ ބްރީފިންގައި ނޫސްވެރިން ސުވާލު ކުރަން ފެށުމުން މަބްރޫކް ވިދާޅުވީ، އެ ގޮތަށް ވާހަކަތަކައް ފަތުރަނީ "އެއްޗެއް އެނގިގެން" ނޫން ކަމަށެވެ.
އަދި ވަރަށް ހިތްހަމަޖެހިވަޑައިނުގެން މަބްރޫކް ވަނީ ވާހަކަ ދައްކަވައިފަ އެވެ. އޭނާގެ މައްސަލަ އަކީ ކޮވިޑް-19 އާ ގުޅިގެން އެކި ދާއިރާތަކުން ސައްހަ މައުލޫމާތު ދެމުން އަންނައިރު ވެސް ސޯޝަލް މީޑިއާގައި ދޮގު ވާހަކަތައް ފަތުރާތީ އެވެ.
"އެއްވެސް ހަގީގަތެއް ނެތް ވާހަކަތައް ދައުރުވާ އިރު ދެން ދޭތެރެ އަކުން ހުސް ބުޅި އެއްލީމާ މަސް ގަންނަހެން ކަމެއް ތެދުވަނީ. އެހެން ނަމަވެސް އެއްޗެއް އެނގިގެނެއް ނޫން ގިނަ ފަހަރަށް [ސޯޝަލް މީޑިއާގައި] ވާހަކަ ދައްކަނީ،" އެންއީއޯސީން ފުރަތަމަ ފަހަަރަށް އޮންލައިންކޮށް ބޭއްވި މީޑިއާ ބްރީފިންގައި ރައީސް އޮފީހުގެ މީޑިއާ ސެކްރެޓަރީ މަބްރޫކް ވިދާޅުވި އެވެ.
މަބްރޫކް ވިދާޅުވީި ގޮތުގައި، މިގޮތަށް ދޮގު ވާހަކަ ފަތުރަނީ ރައްޔިތުންގެ މެދުގައި ރުޅިވެރިކަމާއި ނަފްރަތު ފެތުރުމަށެވެ. އަދި މިއީ ވަކި ގޮތަކަށް ވިސްނާ ބަޔަކު ރާވައިގެން ކުރާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ސޯޝަލް މީޑިއާގައި ފަތުރާ ވާހަކަތަކަށް ބިނާކޮށް، ނޫސްވެރިން ވެސް ސުވާލު ނުކުރުމަށް މަބްރޫކް އެދިވަޑައިގަތެވެ. އެހެންވެ، ސޯޝަލް މީޑިއާގައި ފަތުރާ ވާހަކަތަކަށް ބިނާކޮށް ޚަބަރު ނުހެދުމަށް އޭނާ އެނދިވަޑައިގަތެވެ. ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވް ވެގެން އެ މައުލޫމާތު ހާމަނުކޮށް ނޯންނާނެ ކަމަށާއި އެކަން ސައްހަކަން ކަށަވަރު ކުރެވުނު ވަރަކުން އެ މައުލުމާތުތައް ދެމުން އަންނަ ކަމަށް ވިދާޅުވި އެވެ.
މިއީ، ހުރިހާ އެންމެންނަށް ވެސް އުނދަގޫ ވަގުތެއް ކަމުން، ސޯޝަލް މީޑިއާގައި ފެތުރޭ ވާހަކަތަކަށް ބަރޯސާ ނުވެ، ނޫސްތަކުން ކަވަރު ކުރާ ވާހަކަތައް ބެލުމަށް ރައްޔިތުންނަށް މަބްރޫކް އެދިވަޑައިގަތެވެ.
ރާއްޖޭގައި ކޮރޯނާވައިރަސްގެ ހާލަތު ގޯސްވީ، އެ ވައިރަސް ޖެހިފައިވާ އަށް މީހަކު މާލެ އިން ފެނުމުންނެވެ.