18 އެޕްރީލް 2020 - 09:44

ކޮރޯނާވައިރަސް ފެތުރި، ބައްދަލުވުންތައް އުނދަގޫވުމާ އެކު ވީޑިއޯ ކޮންފަރެންސިން އެޕްތަކުގެ މަގުބޫލުކަން ބޮޑުވުމާ އެކު، ވަޓްސްއެޕުން ވީޑިއޯ ކޯލަށް ބަދަލެއް ގެންނަން ނިންމައިފި އެވެ.
ޓެކް ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނެފައިވާ ގޮތުގައި ފޭސްބުކްގެ ދަށުން ހިންގާ ވަޓްސްއެޕަށް ގެންނަ ބަދަލަކީ ވީޑިއޯ ކޮންފަރަންސް ކޯލްގައި މިހާރު ބައިވެރިވޭ ހަތަރު މީހުންގެ އަދަދު އިތުރުކުރުމެވެ. މި ބަދަލު ވަރަށް އަވަހަށް ގެންނާނެ ކަމަށް ބުންޏަސް، ކިތައް މީހުންނަށް ކޯލްގައި ބައިވެރިވެވޭނެ ކަމެއް އަދި މުޅިއަކުން ސާފެއް ނޫނެވެ. ބައެއް ނޫސްތަކުން ބުނާ ގޮތުގައި ފަހަރުގައި އެ އަދަދު އަށެކަށް ވުރެ މަދެއް ނުވާނެ އެވެ.
އޮންލައިން މީޓިން ނުވަތަ ވާޗުއަލް މީޓިންތަކަކީ ގިނަ ބަޔަކު މި ދަނޑިވަޅުގައި ލޮކްޑައުނެއްގެ ތެރޭގައި އުޅެން ޖެހިފައިވާތީ މިހާރު ގުޅުން ބަދަހިކުރުމާއި ރަސްމީ ބައްދަލުވުންތަކާއި އަދި އެ ނޫން ވެސް އެކި ބޭނުންތަކަށް މިހާރު އެންމެ ބޮޑަށް ހިފަމުން އަންނަ އެއް ގޮތެވެ.
ވަރަށް ގިނަ ބަޔަކު މިހާރު ބޭނުންކުރާ ވަޓްސްއެޕްގެ އަހުލުވެރިންނަށް ވެސް އެއްފަހަރާ ގިނަ ބަޔަކާ ވާޗުއަލް މީޓިއަންއަކުން ބައްދަލުވެވޭނެ ގޮތްވުމަކީ ވަރަށް ގިނަ ބަޔަކަށް ލިބޭނެ ބޮޑު ހިތްހަމަޖެހުމަކަށް ވާނެ އެވެ.
ވީޑިއޯ ކޮންފަރެންސް ހަދައިލެވޭ މަޝްހޫރު ބައެއް އެޕްތަކުގެ ތެރޭގައި ޒޫމާއި ސްކައިޕާއި މައިކްރޮސޮފްޓް ޓީމްސް ފަދަ އެއްޗެހީގެ މަގުބޫލުކަން މިހާރު ވަރަށް ބޮޑެވެ.
މީގެ 11 އަހަރު ކުރިން 2009 ގައި ވުޖޫދަށް އައި ވަޓްސްއެޕަކީ މިހާރު 180 ގައުމެއްގެ 1.5 ބިލިއަން މީހުން ބޭނުންކުރާ އެޕެކެވެ. މި އެޕް ފޭސްބުކްގެ ބެލެނިވެރިކަމުގެ ދަށަށް ދިޔައީ 2014 ގަ އެވެ. އޭގެ ފަހުން ވަޓްސްއެޕަށް އެކި ކަހަލަ ބަދަލުތައް ގެންނަމުން އަންނަކަން ފާހަގަކޮށްލެވެ އެވެ.