17 އެޕްރީލް 2020 - 17:35

ކޮވިޑް-19 އާ ގުޅިގެން މާލޭގެ ސަރަހައްދު ލޮކްޑައުންކޮށްފައި ވިޔަސް، ޓްރީޓޮޕް ހޮސްޕިޓަލުން ޑައެލަސިސް ހިދުމަތް ކުރިއަށް ދާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ. އެތަނުން ވަނީ އެ ހިދުމަތްތައް ލިބޭނެ ވަގުތުތައް ވެސް މިއަދު އާންމުކޮށްފަ އެވެ.
ޓްރީޓޮޕް އިން ބުނީ، ލޮކްޑައުން މުއްދަތުގައި ހުކުރު ދުވަސް ނޫން ކޮންމެ ދުވަހެއްގެ ދެ ވަގުތެއްގައި ޑައަލިސަސް ޔުނިޓުގެ ހިދުމަތް ލިބޭނެ ކަމަށެވެ. އެއީ ހެނދުނު 9:00 އިން މެންދުރު 12:00 އަށާއި މެންދުރު 2:00 އިން ރޭގަނޑު 7:00 އާ ހަމައަށެވެ.
އެ ހޮސްޕިޓަލުގެ ޑައެލަސިސް ޔުނިޓް ހަދާފައި ވަނީ އެންމެ ޒަމާނީ ވަސީލަތާ އެކު ކަމަށާއި ދުވާލަކު 21 މީހަކަށް އެ ޔުނިޓުން ހިދުމަތް ލިބޭނެ ކަމަށް އެތަނުން ބުނެފައި ވެ އެވެ. އެ މީހުންނަށް ފަރުވާ ދިނުމުގައި ތަޖުރިބާކާރު ސްޕެޝަލިސްޓް ކޮންސަލްޓަންޓް ނެޕްރޮލޮޖިސްޓުންގެ ޓީމަކާއި ކްލިނިކަލް ޓީމެއް އެ ހޮސްޕިޓަލުގައި މަސައްކަތް ކުރެ އެވެ.
އިތުރު މައުލޫމާތު ހޯދުމަށް 3351610 ގުޅުމަށް ޓްރީޓޮޕުން އެދެ އެވެ.
ލޮކްޑައުން ދުވަސްވަރު، އެ ހޮސްޕިޓަލްގެ އެހެން ސަރަހައްދަކަށް ނުދެވޭނެ ކަމަށް އެތަނުން ބުނެފައި ވެ އެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރުމުގެ ހާއްސަ އުސޫލެއް އެކުލަވާލާފައި ވެ އެވެ.