18 އެޕްރީލް 2020 - 09:53

ބޮލީވުޑްގެ ބަތަލާ ޖެކްލިން ފެނަންޑޭޒް ނެޓްފްލިކްސް އަށް ކުޅުނު ފިލްމު "މިސިޒް ސީރިއަލް ކިލާ" ގެ ޓްރެއިލާ ދައްކާލައިފި އެވެ.
އަންނަ މަހުގެ 1 ގައ ސްޓްރީމްކުރަން ހަމަޖެހިފައިވާ މި ފިލްމަކީ މަޝްހޫރު ޑައިރެކްޓަރު/ކޮރިއޮގްރާފަރު ފަރާ ޚާންގެ ފިރިމީހާ ޝްރިޝް ކުންދަރު ޑައިރެކްޓްކޮށްފައިވާ ތުރިލާއެކެވެ. "މިސިޒް ސީރިއަލް" ކިލާގެ ބަތަލުންނަކީ މަނޯޖް ބަޖްޕާއި އާއި 2018 ގައި ގެނެސްދިން ފިލްމު "އުރީ: ދަ ސާޖިކަލް ސްޓްރައިކް" ގައި މުހިއްމު ރޯލެއް ކުޅުނު ޓީވީ އެކްޓަރު މޯހިތު ރައިނާ އެވެ.
ދެހާސް ސޯޅަ ވަނަ އަހަރު ޔޫޓިއުބަށް "ކްރިތީ" ކިޔާ ވަރަށް ވަރުގަދަ 18 މިނިޓްގެ ސައިކޮލޮޖިކަލް ތުރިލާއެއް ވެސް ޑައިރެކްޓްކުރި ޝްރިޝް އެންމެ ފަހުން ބޮޑު ސްކްރީނަށް ގެނެސްދިން ފިލްމަކީ 2012 ގައި އަކްޝޭ ކުމާރާއި ސޮނާކްޝި ސިންހާ ކުޅުނު "ޖޯކަރް" އެވެ.
"މިސިޒް ސީރިއަލް" ކިލާގައި ކިޔައިދޭނީ މަރުތަކެއްގެ ތުހުމަތުތަކެއްގައި ފިރިމީހާ ޖަލަށްލުމުން އެކަމާ ދެކޮޅަށް ކުރާ މަސައްކަތުގައި އަނބިމީހާ ސީރިއަލް ކިލާއެއް ހަރަކާތްތެރިވާނެ ގޮތް ދައްކުވައިދީގެން ފިރިމީހާ އަކީ މައުސޫމު މީހެއްކަން ސާބިތުކޮށްދޭން ކުރާ މަސައްކަތެވެ. މީގެ ވާހަކަ ޖެކްލިން އަށް ބިނާވެފައިވާ އިރު އޭނާ ފެނިގެންދާނީ ސޯނާ މުކަރްޖީ ކިޔާ ކެރެކްޓާއަކުންނެވެ.
"މިސިޒް ސީރިއަލް ކިލާ" އަކީ ނެޓްފްލިކްސް އިން ގެނެސްދޭ ޖެކްލިން ދެވަނަ ފިލްމެވެ، އެ ޕްލެޓްފޯމުން ގެނެސްދިން އޭނާގެ ފުރަތަމަ ފިލްމަކީ ރިލީޒްނުކުރެވި ދިގުލައިގެން ދިއުމުން ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަނުން މިދިޔަ އަހަރު ނެޓްފްލިކްސް އަށް ދޫކޮށްލި "ޑްރައިވް" އެވެ.
އެކަމަކު ތަރުން މަންސުޚާނީ ޑައިރެކްޓްކުރި އެ ފިލްމަކީ ބެލުންތެރިންނަށް އެއްގޮތަކަށް ވެސް ކަމުދިޔަ ފިލްމެއް ނޫނެވެ.