މޮޓޯ ސައިކަލަކީ އެހާ ރައްކާތެރި އެއްޗެއް ނޫނެވެ. މި ވިސްނުން ބަހައްޓައިގެން ބީއެމްޑަބްލިޔު އިން އީޖާދުކުރާ ސައިކަލަކީ ހުއްޓާލައިގެން ހުއްޓަސް ފުރޮޅާނުލައި ދުއްވާއިރު ހެލްމެޓެއް އަދި ރައްކާތެރި ކަމުގެ ގޮތުން އިތުރު އެއްޗެއް ވެސް ބޭނުންކުރަން ނުޖެހޭނެ އެއްޗެކެވެ.

ދުއްވާ މީހުންގެ ރައްކާތެރިކަމަށް ވަރަށް ބޮޑަށް އިސްކަން ދީގެން ހަދާފައިވާ "މޮޓޮރެޑް ވިޝަން ނެކްސްޓް 100" އަކީ އާ ޓެކްނޮލޮޖީއާ ގުޅުވައިގެން ރައްކާތެރި ވެހިކަލް އުފެއްދުމަށް ބީއެމްޑަބްލިޔު އިން ފަށާފައިވާ ޕްރޮޖެކްޓުގެ ދަށުން ތަރައްގީކޮށްފައިވާ ކޮންސެޕްޓެކެވެ.

ބީއެމްޑަބްލިޔު އިން ބުނީ މި ސައިކަލްގައި އަމިއްލަ އަށް ބެލެންސްކުރާ ޓެކްނޮލޮޖީ ހިމަނާފައި ވާއިރު މަގުގައި ކުރިއަށް ދާން އޮތް އެންމެ ރައްކާތެރި ގޮތް ވެސް އެ ދުއްވަން އިންނަ މީހާ އަށް އަންގައިދޭނެ ކަމަށެވެ. އަދި އެކްސިޑެންޓްތަކުން ސަލާމަތްވުމަށް ސައިކަލް އޭގެ އަމިއްލަ ޒާތުގައި ވެސް މަސައްކަތް ކުރާނެ އެވެ.

މިއީ އަދި ހަގީގަތަކަށް ވުމާ އެހާ ކައިރީގައި އޮތް ކަމެއް ނޫނެވެ. އެކަމަކު މިއީ އުންމީދީ ކޮންސެޕްޓެކެވެ.