17 އެޕްރީލް 2020 - 13:45

ރިވެތި އަޚްލާޤާއި މާތް ސިފަތައް ލިބިގަތުމާއި ހުރިހާ ކަމެއްގައި ވެސް ހިކުމަތާއި ވިސްނުންތެރިކަން ބޭނުންކުރުމުގެ ގާބިލުކަން އިންސާނާ އަށް ﷲ ވަނީ ދެއްވައިފަ އެވެ. ހަމައެއާ އެކު މި ހުރިހާ ކަމަކުން ދުރުހެލިވެ ނުބައި ނުލަފާ މީހަކަށްވުމުގެ ގާބިލުކަން ވެސް ﷲ ވަނީ އިންސާނާ އަށް ދެއްވައިފަ އެވެ. މި ދެބައި ދެއްވާފައިވުމުގެ ބޭނުމަކީ މި ދިރިއުޅުމުގެ ހަޔާތަކީ އިމްތިހާނަކަށް ވުމެވެ. މި އިމްތިހާނުން ފާސްވާނީ ކުރިން ދެންނެވި ސިފަތައް އިންސާނާގެ ކިބައިގައި ހަރުލެވި އެއާ އެއްގޮތަށް ދިރިއުޅުން ބައްޓަން ކުރެވުމުންނެވެ. މިކަން ކުރުމަށްޓަކައި އިންސާނާގެ ޖިސްމާނީ އެދުންތައް ކޮންޓްރޯލުކޮށް ނަފްސުން ވަރަށް ވަރުގަދަ ޖިހާދެއް ކުރަން ޖެހެ އެވެ. މި ޖިހާދަށް ފަރިތަކުރަން ލިބޭ ފުރުސަތުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ފުރުސަތަކީ ބަރަކާތްތެރި ރަމަޟާން މަހު ހިފާ ރޯދަ އާއި އެ މަހުގެ ތެރޭގައި ކުރާ އެހެނިހެން އަޅުކަންތަކެވެ. މިއީ އިންސާނާގެ ނަފްސާނީ އަދި ޖިސްމާނީ އެދުންތައް ކޮންޓްރޯލުކޮށް ނަފްސުން ޖިހާދު ކުރުމަށް ތައްޔާރުވާން ލިބޭ ވަރަށް މުހިންމު ތަމްރީނެކެވެ.

މި ތަމްރީނުގައި އިންސާނުން އެކަކު އަނެކަކާ ތަފާތުވެ އެވެ. އެއީ މާތް ﷲ ގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ހެއްކެއްގެ ގޮތުގައި އެކަލާނގެ މަޚްލޫޤުންގެ މެދުގައި ތަފާތުވުން ލައްވަވާފައިވާތީ އެވެ. މިގޮތުން ވިސްނުމާއި ސުލޫކާއި އެދުންތަކާއި ބޭނުންތަކާއި މިފަދަ އެތައް ކަމެއްގައި އެކަކު އަނެކަކާ ތަފާތު ވެއެވެ. ތަފާތު މަސައްކަތްތައް ކުރުމުގަ އާއި އާ އުފެއްދުންތައް އުފެއްދުމުގައި ވެސް އެންމެން އެއްވަރެއް ނޫނެވެ. އެހެންނަމަވެސް މިފަދަ ކަންކަމުގައި އިންސާނާގެ ނަފްސާނީ އަދި ޖިސްމާނީ ބޭނުންތައް ކޮންޓްރޯލު ކުރެވޭނަމަ އަދި މިކަމުގައި އެއްކައުވަންތަ ﷲ އަށް އީމާންވުން އެކުލެވޭ ނަމަ އިންސާނާގެ ނަފްސު ތަހުޒީބުވެ ދުނިޔެ އާއި އާޚިރަތުގައި ކާމިޔާބު ހާސިލު ކުރެވޭނެ އެވެ.

އިންސާނާގެ ދިރިއުޅުމުގައި ހޯދައިގަންނަ ކޮންމެ ކާމިޔާބެއް ވެސް ލިބުމުގެ މައިގަނޑު އަސްލަކަށް ވެފައިވަނީ އިންސާނާ އެކަން ހޯދުމަށްޓަކައި ކުރާ ޖިހާދުގެ މައްޗަށެވެ. ބުރަ މަސައްކަތާއި ދާހިއްލުންތަކުގެ މައްޗަށެވެ. ވާ ގުރުބާނީތަކުގެ މައްޗަށެވެ. މިކަމުގައި ކެތްތެރިކަމުގެ ސިފައަކީ ވަރަށް މުހިންމު އެއްސިފަ އެވެ. ނަފްސާއި ޖިސްމުން ޖިހާދު ކުރުމަކީ ކެތްތެރިކަން ދަސްކޮށްދޭ ކަމެކެވެ. ކެތްތެރި ކަމާއި ތަޤުވާވެރިކަމަކީ އެކަންކަމުގެ މައްޗަށް އިންސާނާގެ ޢަޒުމާއި ސާބިތުކަން އަބަދުވެސް އޮތުން ލާޒިމުވާ ކަންކަމެވެ. (އާލް ޢިމްރާން 186) އަދި އެއީ އިންސާނާގެ ޖިސްމާނީ އަދި ނަފްސާނީ އެދުންތައް ވަކި ހަމައެއްގެ މަތީ ބަހައްޓައި ދިނުމަށް އެންމެ ބޮޑު އެހީ ލިބޭ ކަންކަމެވެ. ނުރަނގަޅު ނިޔަތްތަކާއި ނުބައި އާދަތައް ދުރުކޮށް ފަޟީލަތާއި ޢަދުލުވެރިކަމާއި އިޙުސާންތެރިކަން އިންސާނާގެ ކިބައިގައި އަށަގަންނުވައިދޭ ކަންކަމެވެ.
ކެތްތެރިކަމާއި ނަފްސާއި ޖިސްމުން ޖިހާދު ކުރުމުގެ މާތްކަން ކީރިތިރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، އިބްނު މަސްޢޫދަށް ސިފަކޮށްދެއްވަނީ މިފަދައިންނެވެ. "އެއީ މާތް ﷲ ގެ އަމުރުތަކަށް ކިޔަމަންވުމުގަ އާއި އެކަލާނގެ ނަހީތަކުން ދުރުހެލިވުމުގައި ކެތްތެރިވާ މީހުންނެވެ. އެމީހުންނަށް ހެޔޮ ރިޒުޤެއް ލިބިއްޖެ ނަމަ އެއިން އިޤުތިޞާދު ކުރާނެ އެވެ. އަދި ހެޔޮ ފޯރުވާނެ އެވެ. އެހެންކަމުން އެމީހުން ކާމިޔާބު ވާނެ އެވެ. އިބްނު މަސްޢޫދު އެވެ! އެމީހުންނަކީ ޚުޝޫޢަތްތެރި ބައެކެވެ. މަޑުމައިތިރި ބައެކެވެ. ކަންކަމާމެދު ވިސްނައި ފިކުރުކޮށް ކަންކަމުން ޢިބްރަތް ލިބިގަންނަ މީހުންނެވެ. އެއީ ޢަދުލުވެރި މީހުންނެވެ. އެއީ ތަޤުވާވެރި އިޙުސާންތެރިންނެވެ. ﷲ އަށް ޓަކައި ކަންކަމަށް ލޯބިކުރާ އަދި ﷲ އަށްޓަކައި ކަންކަމަށް ނަފްރަތު ކުރާ މީހުންނެވެ. އެއީ އަމާނާތްތެރިންނެވެ. ހައްގު ގޮތުގައި މީހުންނަށް އެހީ ފޯރުވާ މީހުންނެވެ. ޢަފޫ ކުރަން ދަންނަ މީހުންނެވެ. އޭ އިބްނު މަސްޢޫދު އެވެ! އެ މީހުންނަށް އިމްތިހާނު ކުރުމުގެ ގޮތުން މުސީބާތެއް ކުރިމަތިވާ ހިނދު ކެތް ކުރާނެ އެވެ. ނިޢުމަތެއް ލިބޭ ހިނދު ޝުކުރު ކުރާނެ އެވެ. އެ މީހުން ހުކުމެއް ކޮށްފި ނަމަ އަދުލުވެރި ވާނެ އެވެ. ބަހެއް ބުނެފި ނަމަ ތެދުވެރި ވާނެ އެވެ. ވަޢުދެއް ވެއްޖެ ނަމަ އެއަށް ވަފާތެރި ވާނެ އެވެ. ކުށެއް ކުރެވިއްޖެ ނަމަ އިސްތިޣުފާރު ކުރާނެ އެވެ. ހެޔޮ ކަމެއް ކުރެވިއްޖެ ނަމަ އުފާކޮށް ﷲ ގެ ހެޔޮ ދަރުމައަށް އިންތިޒާރު ކުރާނެ އެވެ. އެމީހުން ޖާހިލުންނާ ބައްދަލު ވެއްޖެ ނަމަ ސަލާމް އޭ ބުނާނެ އެވެ. ބޭކާރު ވާހަކަތަކުން ރިވެތި ގޮތުގައި ސަލާމަތް ވާނެ އެވެ. އެމީހުން އަބަދުވެސް ހެޔޮ ބަހުން މެނުވީ ވާހަކަ ނުދައްކާނެ އެވެ. އިބްނު މަސްޢޫދު އެވެ! މާތް ﷲ ގަންދީ ވިދާޅުވަމެވެ. ކާމިޔާބު މީހުންނަކީ އެއީއެވެ." އާދެ، އެހެންކަމުން މިފަދަ ސިފަތައް އިންސާނާގެ ކިބައިގައި ހަރުލެވިއްޖެ މީހަކީ އެ މީހެއްގެ ނަފްސުން ޖިހާދު ކުރުމުގެ ކުޅަދާނަކަން ލިބިފައިވާ މީހެކެވެ. މިފަދަ މީހަކަށް ޖިސްމާނީ އެދުންތަކާ ޖިހާދު ކުރުމުގެ ގާބިލުކަން ވެސް ލިބޭނެކަން ކަށަވަރެވެ.
ރޯދަ އަށް ހުރުމަކީ ޖިސްމާނީ އަދި ނަފްސާނީ އެދުންތައް ކޮންޓްރޯލު ކުރުމަށް ލިބޭ ވަރަށް މުހިންމު ފުރުސަތެކެވެ. ނަމަވެސް އެ ފައިދާ ހޯދައިގަތުމަށްޓަކައި އިންސާނާ ވަރަށް ބޮޑު ބުރައެއް އުފުލަން ޖެހެ އެވެ. ކެއިންބުއިމާއި އެނޫންވެސް ޖިސްމާނީ ބޭނުންތައް ފުއްދުމުގައި ވަކި ހަމަތަކެއް ގެންގުޅެން ޖެހެ އެވެ. ޤުރުއާނާއި ސުންނަތުގެ އިރުޝާދުތަކުގެ އަލީގައި ނޫނީ އެކަން ކުރާ ނަމަ ރޯދައިގެ އަސްލު މަގުސަދުތައް އެކީ ހާސިލު ނުކުރެވޭނެ އެވެ. ކެއުމުގެ އާދަތައް ރޯދަ މަހުގައި އާދަވެގެން އަޅުގަނޑުމެންނަށް ގެންގުޅެވެނީ ރަނގަޅަށް ނޫންކަން ހަނދާން ކުރަން ޖެހެ އެވެ. ރޯދަ އަށް ހުރުމަށްޓަކައި ހާރު ކެއުމަކީ އިސްލާމްދީން ވަރަށް ބޮޑަށް ބާރުއަޅާ ކަމެކެވެ. އެހެންނަމަވެސް ކެއުމުގައި ހަށިގަނޑަށް ފައިދާހުރި އެއްޗެތި ކެއުމާއި، ކެއުމުގެ މިންވަރު މަދު ކުރުމަކީ ނަބަވީ އިރުޝާދުގައިވާ ކަމެކެވެ. ހާރު ކެއުން ފަސްކުރުމަކީ ވެސް ސުންނަތެކެވެ. ހަމައެއާ އެކު ހާރުކައިގެން ވަގުތުން ނިދުމަކީ އިސްލާމީ ގޮތެއް ނޫނެވެ. ފަތިސް ނަމާދު ކުރުމަކީ ނަމާދުގައި އެކުލެވޭ މުހިންމު މަންފާތަކުގެ އިތުރުން ރޯދަ އަށް ހުރުމަށް ފަސްކޮށް ހާރު ކެއި މީހަކަށް ހަށިގަނޑަށް ލިބޭނެ ވަރަށް އެދެވޭ ކަސްރަތަކަށް ވެސް ވެގެންދާނެ އެވެ.
އަޅުގަނޑުމެންނަށް ކިތަންމެ ބޮޑަށް އާދަވެވިފައި ވިއަސް އިރު އޮއްސޭ ވަގުތު ގިނައިން ކެއުމަކީ ވެސް އިސްލާމީ ގޮތެއް ނޫނެވެ. މަޣްރިބު ނަމާދުގެ ކުރިން ރޯދަވީއްލުން އެއީ ސުންނަތެކޭ ބުނާ ބަހުގެ މުރާދަކީ ބަނޑު ފުރެންދެން އެވަގުތު ކެއުމެއް ނޫނެވެ. އެ ވަގުތު ބޭނުންވާނީ ހަމައެކަނި ރޯދަ ވީއްލުމެވެ. ކަދުރު ނުވަތަ ދިޔާ އެއްޗެއްސަކީ އެ ވަގުތަށް އެންމެ ބޭނުންވާ އެއްޗެއްސެވެ. ފިނި ބުއިމަށް ވުރެ ފިނި ނޫން ބުއިން އެ ވަގުތު ރަނގަޅު ވާނެކަމަށް ޑޮކްޓަރުން އިރުޝާދު ދެ އެވެ. އިތުރަށް ކާން އެދޭ މީހަކު ނަމަ ކެއުން ރަނގަޅީ އެފަދަ ލުއި ގޮތަކަށް ރޯދަވީއްލުމަށް ފަހު ގަޑިއެއް ނުވަތަ ދެ ގަޑިއެއްހާ އިރު ފަހުންނެވެ. މިފަހަރުވެސް ރަސޫލާގެ އިރުޝާދުގެ މަތިން ހަނދާން ނައްތާލައިގެން ނުވާނެ އެވެ. އާދެ، ގިނައިން ނުކެއުމާއި ފައިދާހުރި ކެއުން ކެއުމެވެ.
މި ކަންކަމަކީ ފަށައިގަންނަ މީހަކަށް އެހާ ފަސޭހަ ކަމަކަށް ނުވެދާނެ އެވެ. އެހެންނަމަވެސް މާތް ﷲ އިންސާނާގެ ހަށިގަނޑު ހައްދަވާފައިވަނީ ވަރަށް ވެސް އަޖައިބު އަދި އެހާމެ ފުރިހަމަ ގޮތެއްގަ އެވެ. އެހެންކަމުން ދީނީ އިރުޝާދުތަކަށް މިކަމުގައި އިންސާނާ ތަބާވުމުން އެއްވެސް ގެއްލުމެއް ނުލިބޭނެކަން ހަނދާން ކުރަން ޖެހޭނެ އެވެ. އެގޮތަށް ހަށިގަނޑު އާދަ ކުރުވުމަކީ ކުޑަ ހިތްވަރަކާ އަޒުމަކާ އެކު ކުރެވިދާނެ ކަމެކެވެ. ވީމާ ޖިސްމާނީ އަދި ނަފްސާނީ އެދުންތައް ކޮންޓްރޯލު ކުރަން މިހާރުއްސުރެ އަޒުމް ކަނޑައަޅަން ވެއްޖެ އެވެ. އަދި އެކަމަށް ތައްޔާރުވުމުގެ ގޮތުން މިހާރު ވެސް މަދުމަދުން ރޯދަ ހިފަމުން ދިއުން ބުއްދިވެރިއެވެ. ޝަޢުބާން މަހަކީ ކީރިތި ރަސޫލާ ވަރަށް ގިނައިން ރޯދައަށް ހިއްޕަވާ މަހެކެވެ. ރޯދައިގެ އިތުރުން ނަމާދާއި އެހެން އަޅުކަންތަކުގައި މަޝްޣޫލުވުން ވެސް ގިނަ ކުރަން ޖެހެ އެވެ. އުނގެނުމާއި ދަސްކުރުމަކީ ވެސް އަޅުކަމެކެވެ. މިގޮތުން މިދަނޑިވަޅުގައި ރޯދައިގެ ހުކުމްތަކާ ބެހޭ ވީހާވެސް ގިނަ މަޢުލޫމާތު ހޯދުމަކީވެސް ނަފްސުގެ ޖިހާދަށް ފަރިތަކުރާ މައްސަރަށް ތައްޔާރުވުމުގެ ގޮތުން ކުރެވިދާނެ ވަރަށް މުހިންމު ކަމެކެވެ.