ކޮވިޑް-19: ޗައިނާއިން މަރުވި މީހުންގެ އަދަދު ކުއްލިއަކަށް މައްޗަށް!
ކޮވިޑް-19: ޗައިނާއިން މަރުވި މީހުންގެ އަދަދު ކުއްލިއަކަށް މައްޗަށް!

ވޫހާން (އެޕްރީލް 17) - ޗައިނާ އިން މަރުވި މީހުންގެ އަދަދު މިއަދާ ހަމައަށް ވެސް ހުރީ ގާތްގަނޑަކަށް 3،300 ގައި ހިފެހެއްޓިފަ އެވެ. ނަމަވެސް މިއަދު ކުއްލިއަކަށް އެ އަދަދު 4،600 އަށް ވުރެ މައްޗަށް ޖެހިއްޖެ އެވެ. މިވީ ކިހިނެއް ހެއްޔެވެ؟

އެކަންވީ ގޮތަކީ ޗައިނާ އިން އެންމެ ފުރަތަމަ ކޮރޯނާވައިރަސް ފެނުނު ވޫހާން ސިޓީން މަރުވި މީހުންގެ އަދަދު އަލުން މުރާޖައާ ކުރުމުން އެ އަދަދު ގާތްގަނޑަކަށް 50 ޕަސެންޓަށް އިތުރުވުމެވެ. ވޫހާން އިން މަރުވި ކަމަށް ފަހުން ވަނީ 1،290 ކޭސް ރިޕޯޓްކޮށްފަ އެވެ. ވޫހާން ސިޓީން ބުނީ މަރުވި މީހުންގެ އަދަދު އިތުރުވީ ހޮސްޕިޓަލްތަކުން ބޭރުން މަރުވި މީހުންގެ އަދަދު ހިމެނުމުން ކަމަށެވެ.

ޗައިނާ އިން މިހާތަނަށް ވަނީ ކޮރޯނާވައިރަހަށް 82,692 މީހުން ޕޮޒިޓިވްވެ 4،632 މީހުން މަރުވެފަ އެވެ.

ކޮރޯނާވައިރަހުގެ ހިސާބުތަކާ ގުޅޭ ގޮތުން ޗައިނާ އިން އާއްމުކުރާ އަދަދުތަކާ މެދު ބައެއް ފަރާތްތަކުން އަބަދުވެސް ޝައްކު އުފައްދަ އެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޗައިނާގެ ހިސާބުތައް ގޯސް ކަމަށް ވިދާޅުވެފަ އެވެ.

ފަހުގެ މައުލޫމާތު ހާމަކުރަމުން ވޫހާން ސިޓީގެ އޮފިޝަލުން ބުނެފައި ވަނީ އެއްވެސް ކަމެއް އޮޅުވާލާފައި ނުވާނެ ކަމަށެވެ. ވޫހާންގެ 11 މިލިއަން މީހުން ވޭތުވެދިޔަ 11 ހަފުތާ ތެރޭ ހޭދަކުރީ ލޮކްޑައުންގަ އެވެ. ހަތްދިހަ ހަ ދުވަހަށް ފަހު އެ ސިޓީ ހުޅުވާލީ މި މަހު 8 ވަނަ ދުވަހު އެވެ.