ކޮވިޑް-19 އަށް އިތުރު މީހުން ޕޮޒިޓިވް ވާނެ ކަމަށް ބެލެވޭ: މިނިސްޓަރު އަމީން
ކޮވިޑް-19 އަށް އިތުރު މީހުން ޕޮޒިޓިވް ވާނެ ކަމަށް ބެލެވޭ: މިނިސްޓަރު އަމީން

ރާއްޖެ އިން މިހާތަނަށް ކޮވިޑް-19 އަށް 27 މީހުން ޕޮޒިޓިވް ވެފައިވާއިރު އަދިވެސް އިތުރު މީހުން އެ ބައްޔަށް ޕޮޒިޓިވް ވާނެ ކަމަށް މިހާރު ލަފާ ކުރެއްވޭ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

މިދިޔަ ބުދަ ދުވަހު، ފުރަތަމަ ފަހަރަށް މާލޭން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވި ފަހުން އެ ބައްޔަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. މާލެތެރެ އިން ކޮރޯނާވައިރަސް ޖެހިފައިވާ ހަތް މީހަކު މިހާތަނަށް ފެނިފައިވާއިރު، އެންމެ ފުރަތަމަ މީހާއާ ހިސާބަށް އެ ވައިރަސް އައި ގޮތެއް އަދި ހޯދިފައެއް ނުވެ އެވެ.

ޕީއެސްއެމްގެ ކޮވިޑް-19 ކަވަރޭޖަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު އަމީން ވިދާޅުވީ އަދިވެސް ލަފާ ކުރަނީ އިތުރު ކޭސްތައް ޕޮޒިޓިވް ވާނެ ކަމަށެވެ. އަދި ނޭނގި ވެސް ރަށުތެރޭގައި އެ ބަލި ޖެހިފައިވާ ބަޔަކު ތިބުމުގެ ފުރުސަތު އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

މިހާރު މި އޮތީ މުޖުތަމައަށް މިބަލި ފެތުރެން ފަށާފައި ކަމަށާއި ދެން އެންމެ އިސްކަން ދޭންޖެހޭ ކަމަކީ ބާރު ސްޕީޑްގައި ބަލި ފެތުރުން ހުއްޓުމަކަށް ގެނައުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ސިސްޓަމްތަކަށް އެކަށީގެން ނުވާ ވަރަށް ބާރުލާފައި ފެތުރިގެން ގޮސްފި ނަމަ ދުނިޔޭގެ އެހެން ގައުމުތަކުގައި ފެނުނު މަންޒަރު ފެނިގެން ދާނެ. އެހެންކަމުން އެގޮތަށް ފެތުރުން ހުއްޓުވުމަށް އެންމެ މުހިންމު ކަމަކީ ގޭގައި މަޑު ކުރުން،" އެންމެ ކުރިއްސުރެ ދެއްވަމުން އައި ނަސޭހަތް ތަކުރާރު ކުރައްވަމުން އަމީން ވިދާޅުވި އެވެ.

ވޭތުވެދިޔަ ތިން ވަރަކަށް މަސް ދުވަހުގެ ތެރޭގައި ތައްޔާރުވަމުން އައީ މި ހާލަތުގައި އަމަލު ކުރާނެ ގޮތްތަކަށް ކަމަށާއި ނަމަވެސް ކުރިއަށް ކުރަން ހުރީ އުނދަގޫ މަސައްކަތްތަކެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި ކުރިން ވެސް މަސައްކަތް ކުރައްވަމުން ގެންދެވީ މާލެ ތެރޭގައި ބަލި އުޅެދާނެކަން ގަބޫލު ކުރައްވައިގެން ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

ކުއްލިއަކަށް މުޅި މާލެ ލޮކްޑައުން ކުރުމާ އެކު، ޒަރޫރީ ބޭނުންތަކަށް ތަކެތި ނުލިބި އެތައް ބަޔަކު ގެންދަނީ ދަތިތަކާ ކުރިމަތި ލަމުންނެވެ. އަދި މަނާކޮށްފައި ވަނިކޮށް ބޭރަށް ނުކުމެ ވިޔަފާރި ކުރަން ވަނީ ފަށައިފަ އެވެ. ގިނަ ބަޔަކު އެގޮތަށް ނުކުންނަން ޖެހުނީ ޑިމާންޑް ބޮޑުވެ ފިހާރަތަކަށް ޑެލިވަރީ ނުކޮށްދެވުމުންނެވެ.

މިނިސްޓަރު ވިދާޅުވީ ލޮކްޑައުންގައި ތިބެން ޖެހުމުން ދިމާވާ ދަތިތައް ހައްލުކޮށްދޭން ކަމާބެހޭ ފަރާތްތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މި އުނދަގޫ ވަގުތުގައި ކެތްތެރިކަމާއެކު އެއްބާރުލުން ދިނުމަށް މިނިސްޓަރު އެދިވަޑައިގަތެވެ.

ކާބޯތަކެތި ރާއްޖެ ގެނައުމަށާއި އެތަކެތި ހޯލްސޭލް ކުރާ ފަރާތްތަކުން ރީޓެއިލް ކުރާ ވިޔަފާރިތަކާ ހަމައަށް ގެންދިއުމަށް އާ އިންތިޒާމް ތަކެއް ހަމަޖައްސަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ކާޑުގެ ބާވަތްތަކާއި ޒާރޫރީ ތަކެތި ހުސްނުވެ ލިބޭނެ އިންތިޒާމު އިރާދަކުރެއްވިއްޔާ ހަމަޖައްސާނަން. ނަމަވެސް މި ވަގުތު އުފެދޭ ހާސްކަމުގައި ހުރިހާ ފަރާތްތަކުން އެއްފަހަރާ ގޮސް އެކަށީގެން ނުވާވަރަށް ރައްކާ ކުރާ ކަމަށް ވާ ނަމަ އޭގެ ސަބަބުން ގޮންޖެހުންތަކެއް އަންނާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

"މި ވަގުތަކީ ނާޒުކު ވަގުތުކޮޅެއް. އުނދަގޫ ވަގުތު ކޮޅެއް. ގޮންޖެހުން ބޮޑު ވަގުތު ކޮޅެއް. އަދި ކުރިއަށް އޮތް ދުވަސް ތަކަކީ ފަސޭހަ ދުވަސްތަކެއް ކަމަށް ދެކިގެން ނުވާނެ. މިއީ އެއް ދުވަހަކުން ދެ ދުވަހަކުން ހައްލު ވާނެ ކަމެއް ނޫން."

ފިހާރަތަކުން ތަކެތި ޑެލިވަރީ ކުރަންދާ މީހުން ރައްކާތެރިވުމުގެ ގޮތުން އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އެޅުމަކީ ވަރަށް ސީރިއަސްކޮށް ކުރަން ޖެހޭނެ ކަމެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި ބާޒާރުކުރަން ލިބޭ ފުރުސަތުގައި ބޭރަށް ދާ މީހުން ވެސް ރައްކާތެރިވުމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް އަމީން އިލްތިމާސް ކުރެއްވި އެވެ.

އަމީން ވަނީ އަތޮޅުތެރޭގައި އުޅޭ މީހުން ވެސް ކަމާ ބެހޭ ފަރާތްތަކުގެ އިރުޝާދަށް އަމަލު ކުރުމަށް މިއަދު އިލްތިމާސް ކުރައްވައިފަ އެވެ. އެގޮތުން ކޮންމެހެން ދާން ޖެހިގެން ނޫނީ އެއް ރަށުން އަނެއް ރަށަށް ނުދިއުމަށާއި ބޭރު ތެރޭގައި ވެސް ނޫޅުމަށް އޭނާ އިލްތިމާސް ކުރެއްވި އެވެ.

އަތޮޅުތެރެއަށް ވެސް ކާބޯތަކެތި ގެންދިއުން ފަދަ ކަންކަން ކަމާ ބެހޭ ފަރާތްތަކުގެ ހުއްދައާ އެކު ކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.