މަސްދޯނިތައް މަހަށް ފުރުމުގެ ހުއްދަ ދޭން ނިންމައިފި
މަސްދޯނިތައް މަހަށް ފުރުމުގެ ހުއްދަ ދޭން ނިންމައިފި

އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ވަގުތީ ގޮތުން އެޗްޕީއޭ އިން މަނާ ކޮށްފައި އޮތް ނަަވެސް މަސް ދޯނިތަކަށް މަހަށް ފުރުމުގެ ހުއްދަ ދޭން ނިންމައިފައިވާ ކަމަށް ފިޝަރީޒް މިިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނީ މަސް ދޯނިތަކަށް ހުއްދަ ދިނަސް މަސް ކިރުވަން ލަފާ ރަށްރަށަށް ފަޅުވެރިން ފޭބުމަކީ މަނާ ކަމެއް ކަމަށެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ ދަތުރުފަތުރު ނުކުރުމަށް ސަރުކާރުން އެންގުމުން މަސްވެރިންގެ ފަރާތުން ޝަކުވާތައް ލިބެމުންދާ ކަމަށެވެ. އެހެންކަމުން ވީހާ ވެސް އަވަހަށް ދޯނިތަކަށް މަހަށް ފުރޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް އެޗްޕީއޭއާ ގުޅިގެން ކުރަމުން އަންނަ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މަސް ދޯނިތަކަށް ފުރުމުގެ ހުއްދަ ލިބޭނެ ގޮތާއި އިތުރު ތަފްސީލު އެޗްޕީއޭ އިން މިއަދު ބާއްވާ މީޑިއާ ބްރީފިންގައި ދޭނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެ އެވެ.

މާލެ އިން މިހާތަނަށް ހަ މީހަކު ކޮވިޑް-19އަށް ޕޮޒިޓީވް ވެފައިވާއިރު، މާލެ ސަރަހައްދުގައި މިދިޔަ ބުދަ ދުވަހުގެ މެންދުރު 2:30 ގައި އިއުލާން ކުރި ލޮކްޑައުންގެ މުއްދަތު އިއްޔެ ވަނީ 48 ގަޑިއިރަށް ދަންމައިފަ އެވެ. އެ މުއްދަތު ހަމަވާނީ މިއަދު މެންދުރު 2:30 އަށެވެ. އެކަމަކު، ބެލެވޭ ގޮތުގައި ލޮކްޑައުންގެ މުއްދަތު އިތުރު ކުރާނެ އެވެ.

އަދި ރާއްޖޭގެ އެއްވެސް ރަށަކުން އަނެއް ރަށަށް ދަތުރު ކުރުން ވެސް ވަނީ މަނާ ކޮށްފަ އެވެ. މިއީ ކޮވިޑް-19 މުޅި ގައުމުގައި ހަލުވި ކަމާއެކު ފެތުރިދާނެތީ އެޗްޕީއޭއިން އަޅާފައިވާއިވާ ފިޔަވަޅުތަކެކެވެ.