ޗެލްސީ ސަޕޯޓަރުންނާ ކުރިމަތިލާން އުނދަގޫވި: ލުއިޒް
ޗެލްސީ ސަޕޯޓަރުންނާ ކުރިމަތިލާން އުނދަގޫވި: ލުއިޒް

ލަންޑަން (އޭޕްރީލް 17) - މި ސީޒަން ފެށުމުގެ ކުރިން އާސެނަލަށް ބަދަލުވުމަށް ފަހު އެ ޓީމުގެ ޖޯޒީގައި ކުރީގެ ކްލަބް ޗެލްސީގެ ސަޕޯޓަރުންނާ ކުރިމަތިލާން އުނދަގޫވި ކަމަށް ބްރެޒިލްގެ ޑިފެންޑަރު ޑޭވިޑް ލުއިޒް ބުނެފި އެވެ.

އުމުރުން 32 އަހަރުގެ ލުއިޒް ވަނީ އޭނާގެ ކެރިއަރުގައި ދެ ފަހަރެއްގެ މަތިން ޗެލްސީ އަށް ކުޅެފަ އެވެ. އެންމެ ފުރަތަމަ ބެންފިކާ ދޫކޮށް 2011 ވަނަ އަހަރު ލުއިޒް ޗެލްސީ އަށް ބަދަލުވެ، ތިން އަހަރު އެ ޓީމަށް ކުޅެދިނެވެ. ދެން ލުއިޒް ފެނުނީ ޕީއެސްޖީންނެވެ. އެ ޓީމު ދޫކޮށް ލުއިޒް، ޗެލްސީ އަށް ދެ ވަނަ ފަހަރަށް ބަދަލުވީ 2016 ވަނަ އަހަރު އެވެ. އޭނާ އާސެނަލަށް ބަދަލުވީ އަށް މިލިއަން ޕައުންޑުގެ ފީ އަކަށް މިދިޔަ އޮގަސްޓް މަހުގަ އެވެ.

އީއެސްޕީއެން ބްރެޒިލް އަށް ދިން އިންޓަވިއުއެއްގައި ލުއިޒް ބުނީ ޗެލްސީ ދޫކޮށްލެވުނީ އަވަސްއަރުވާލައިގެން ކަމަށެވެ. ޗެލްސީ އާއި އާސެނަލް މި ސީޒަނުގައި ކުޅުނު މެޗެއްގައި ލުއިޒަށް ވަނީ ރަތް ކާޑު ދައްކައިފަ އެވެ.

"ވަރަށް އުނދަގޫވި ފުރަތަމަ. އެއީ ކުޅުމުގެ ކަންތައްތަކާ މެދު އެއް ނޫން. އެއީ ޗެލްސީ ސަޕޯޓަރުންނާ ކުރިމަތިލަން ވެސް އުނދަގޫވި އާސެނަލްގެ ޖޯޒީގައި އެ ޓީމުގެ ކުޅުންތެރިއެއްގެ ގޮތުގައި ހުރެ. ފަހަރެއްގައި އެއީ އަހަރެންގެ މި ނިންމުމުގެ ފަހަތުގައި އޮތް ސަބަބެއް ސަޕޯޓަރުންނަށް ނުވިސްނެނީ. ނޫނީ އަހަންނަށް ވެސް މާ އަވަހަށް ގޮތްތަކެއް ނިންމުނީ،" ލުއިޒް ބުންޏެވެ.

އާސެނަލަށް ލުއިޒް ބަދަލުވުމުގެ އެންމެ ބޮޑު ސަބަބަކީ އޭނާއާ އެކު ޕީއެސްޖީގައި މަސައްކަތްކުރި ކޯޗު އުނާއި އެމެރީ އެވެ. އާސެނަލްގައި ނަތީޖާތަށް ދަށްވުމުގެ ސަބަބުން އެމެރީ ވަނީ ސީޒަންގެ މެދުތެރެއިން މަގާމުން ދުރުކޮށްފަ އެވެ. އާސެނަލްގެ މިހާރުގެ ކޯޗަކީ އެ ޓީމުގެ ކުރީގެ ކުޅުންތެރިޔާ މިކޭލް އާޓެޓާ އެވެ.

"އެމެރީ އަކީ މޮޅު ކޯޗެއް. އެކަމަކު ބައެއް ކަންތައްތަކުގައި އޭނާ އަށް ވެސް ފަސޭހަނުވީ. އެމެރީ ނެތި މިހާ އަަވަހަށް މަސައްކަތްކުރަން ޖެހުނީމަ އަހަންނަށް މި ޓީމަށް އާދެވުނީ ރަނގަޅަށްތޯ ވެސް ވިސްނޭ. އެކަމަކު ޕްރޮފެޝަނަލެއްގެ ވިސްނުމުގައި މި ޓީމު މޮޅުވާން އަހަރެން ހުރިހާ ކަމެއް ކޮށްދޭނަން،" ލުއިޒް ބުންޏެވެ.

ފުޓްބޯޅަ ކެރިއަރު ނިންމާލުމުގެ ކުރިން އަދި އެއް ފަހަރު ބްރެޒިލްގެ ޓީމަކަށް ކުޅެން ލުއިޒް ބޭނުންވެ އެވެ. ލުއިޒް ކެރިއަރު ފެށީ ބްރެޒިލްގެ ކްލަބް ވިޓޯރިއާ އިންނެވެ.