ޗެމްޕިއަންސް ލީގު ފައިނަލް އޮގަސްޓް 29 ގައި؟
ޗެމްޕިއަންސް ލީގު ފައިނަލް އޮގަސްޓް 29 ގައި؟

ލަންޑަން (އޭޕްރީލް 17) - ކޮރޯނާވައިރަސް ފެތުރޭތީ މުއްދަތެއް ނެތްގޮތަށް ފަސްކޮށްފައިވާ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު އޮގަސްޓް 29 ވަނަ ދުވަހު ކުޅެން ޔުއެފާ އިން މަސައްކަތްކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ހަލުވިކަމާ އެކު ޔޫރަޕްގައި ކޮވިޑް-19 ފެތުރޭތީ ޗެމްޕިއަންސް ލީގު މެދުކަނޑާލީ މާޗް މަހުގެ މެދުތެރޭގަ އެވެ. ރިޕޯޓްތައް ބުނާގޮތުން ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގު ކުރިއަށްގެންދާނެ ގޮތްތަކާ ބެހޭގޮތުން މެމްބަރުން އެސޯސިއޭޝަންތަކާ އަންނަ ހަފްތާގައި މަޝްވަރާކުރަން ޔުއެފާ އިން ވަނީ ނިންމައިފަ އެވެ. ވީޑިއޯ ކޮންފަރެންސްކޮށް ބާއްވާ އެ ބައްދަލުވުން ތާވަލުކޮށްފައިވަނީ އަންނަ ބުރާސްފަތި ދުވަހަށެވެ.

މެޗުތަށް ފަށަން ޔުއެފާ އިން ދެ ހިޔާލެއް ގެންގުޅެ އެވެ. ފުރަތަމަ ވިސްނުމަކީ ކުއާޓާ ފައިނަލާއި ސެމީ ފައިނަލް މެޗުތައް ކުރިން އޮންނަ ގޮތަށް ދެ ލެގުގެ އުސޫލުން ޖުލައި އާއި އޮގަސްޓް މަހު ކުރިއަށް ގެންދިއުމަށެވެ. ދެ ވަނަ ވިސްނުމަކީ އެއް ސަރަހައްދަކަށް ޓީމުތައް ގެންގޮސް އެއް ލެގުގެ އުސޫލުން ކުއާޓާ ފައިނަލާއި ޗެމްޕިއަންސް ލީގު މެޗުތައް ކުޅެ، މިނީ ޓޯނަމެންޓެއްގެ އުސޫލުން މުބާރާތް ނިންމާލުމަށެވެ. އެ ގޮތަށް ވިސްނާއިރު ހުރިހާ މެޗެއް ކުޅުން އެންމެ ގާތީ މި ފަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލް ކުޅެން ރާވާފައިވާ ތުރުކީގެ އިސްތަންބޫލްގަ އެވެ.

ޗެމްޕިއަންސް ލީގާ މެދު ގޮތްތަކެއް ކަނޑައެޅި ނަމަވެސް ޔޫރޮޕާ ލީގާ މެދު އަމަލުކުރާނެ ސީދާ ގޮތްތަކެއް އަދި މަޝްވަރާ ނުކުރެވެ އެވެ. އެއީ ޗެމްޕިއަންސް ލީގަށް ވުރެން ޔޫރޮޕާ ލީގުގައި ކުޅެން ހުރި މެޗުތައް ގިނަވުމުންނެވެ.

ކޮރޯނާވައިރަހާ ގުޅިގެން މެދުކަނޑާލާފައިވާ ޔޫރަޕްގެ ފުޓްބޯޅަ މުބާރާތްތަށް އަލުން ފަށަން ކަނޑައަޅާފައިވާ ޕްލޭނާ އެއްގޮތަށް ނުގޮސްފިނަމަ ފުޓްބޯޅަ ސީޒަން ގެއްލުމުގެ ބިރު އެބައޮތް ކަމަށް ޔުއެފާ ރައީސް ސްލޮވީނިއާގެ އަލެކްސަންޑަ ކެފެރިން ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ. އަދި ޔޫރަޕްގެ އެއްވެސް ގައުމެއްގެ ފުޓްބޯޅަ ސީޒަން ކެންސަލްކުރުމާ ޔުއެފާ އިން ދެކޮޅެވެ. ކްލަބްތަކަށް ލިބޭނެ މާލީ ގެއްލުންތަކުން ސަލާމަތްކުރުމުގެ ގޮތުން ކޮންމެ ގައުމެއްގެ ފުޓްބޯޅަ ސީޒަން ފުރިހަމަކުރަން ޔުއެފާ އިން ވަރަށް ބޮޑަށް ބާރު އަޅަ އެވެ. ޔުއެފާއާ މަޝްވަރާކުރުމެއް ނެތި ފުޓްބޯޅަ ސީޒަން ކެންސަލްކުރާ ގައުމުތަކަށް އަންނަ ސީޒަނުގައި ޔޫރަޕްގެ މުބާރާތްތަކުން ފުރުސަތު ނުދޭން ވަނީ ނިންމައިފަ އެވެ.