އެވަޓަން، ޔުނައިޓެޑް އަދި ނަޕޯލީގެ ލޯ ބެލޮއްޓީ އަށް
އެވަޓަން، ޔުނައިޓެޑް އަދި ނަޕޯލީގެ ލޯ ބެލޮއްޓީ އަށް

ޓިއުރިން، އިޓަލީ (އޭޕްރިލް 17) – ޓޮރިނޯގެ އިޓަލީ ފޯވާޑް އަންދްރޭ ބެލޮޓީ އަށް ޕްރިމިއާ ލީގުގެ މެންޗެސްޓާ ޔުނައިޓެޑާއި އެވަޓަން އަދި އިޓަލީގެ ނަޕޯލީން ބިޑްކޮށްފާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އުމުރުން 26 އަހަރުގެ ބެލޮޓީ އަކީ 2015 ވަނަ އަހަރު ޓޮރިނޯ އަށް ބަދަލުވެ ދައްކަން ފެށި ކުޅުމާ އެކު އިޓަލީގެ އެންމެ އުއްމީދީ އެއް ފޯވާޑުގެ ގޮތުގައި ބެލެވުނު ކުޅުންތެރިޔެކެވެ. އޭނާ ގަންނަން އޭސީ މިލާނުން މީގެ ދެ ސީޒަނެއް ކުރިން ބޮޑު އަގެއް ހުށަހެޅި ނަމަވެސް އެ އަގާ މެދު އެ ކްލަބުން އެއްބަސްނުވީ އެވެ. އަދި ޕްރިމިއާ ލީގުގެ ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑް އަދި އާސެނަލުން ވެސް އޭރު މަސައްކަތްކުރި އެވެ.

އޭގެ ފަހުން އަނިޔާގެ މައްސަލަތަކެއް ދިމާވެ ކޮންމެވެސް ވަރަކަށް ފޯމް ގެއްލުނެވެ. މި ސީޒަނުގައި އޭނާ ވަނީ 31 މެޗުން 15 ގޯލް ޖަހައިފަ އެވެ. އަދި މިހާތަނަށް އިޓަލީ ގައުމީ ޓީމަށް 27 މެޗުން ނުވަ ގޯލް ވަނީ ކާމިޔާބުކޮށްދީފަ އެވެ.

ބެލޮޓީ އަށް އެވަޓަން އިން ޝައުގުވެރިކަން ފާޅުކުރުމުގެ ފަހަތުގައި ހުރީ ކޯޗު ކާލޯ އަންޗެލޮޓީ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އޭނާ ވަނީ ބަޔާން މިއުނިކާއި ނަޕޯލީގައި ހުރި ދުވަސްވަރު ވެސް ބެލޮޓީ އަށް ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.

މެންޗެސްޓާ ޔުނައިޓެޑުން އެ ޓީމުގެ މައި ފޯވާޑް ރޮމެލޫ ލުކާކޫ މި ސީޒަނުގައި އިންޓަ މިލާނަށް ވިއްކާލާފައިވާތީވެ، އަންނަ ސީޒަނަށް ފޯވާޑެއް ހޯދާނެ އެވެ. ޒުވާން މާކަސް ރަޝްފޯޑަށް އެކަނި ބަރޯސާވެވެން ނެތުމާ އެކު އެވެ. އެއާ އެކު އެ ޓީމުގެ ނަޒަރު ވެސް ބެލޮޓީ އަށް ހުއްޓިފައިވާ ކަމަށްވެ އެވެ.

ބެލޮޓީ އަށް ޝައުގުވެރިވާ އިޓަލީގެ ނަޕޯލީން އޭނާ ގެންނަ ނަމަ ގެންނާނީ ޕޮލެންޑް ފޯވާޑް އަރެކް މިލިޗް ވިއްކާލުމަށް ފަހު އެވެ. މިލިޗް އަށް މިލާނުން ޝައުގުވެރިވެ އެވެ. ޒަލަޓާން އިބްރަހިމޮވިޗް ކޮންޓްރެކްޓް އާނުކުރާނެ ކަމަށް ބެލެވޭތީ އެ ޓީމަށް އޮތީ ފޯވާޑެއް ހޯދަން ޖެހިްފަ އެވެ. އެހެންވެ މިލާނުން ވެސް ބެލޮޓީ އަށް އަލުން މަސައްކަތްކުރުމުގެ ފުރުސަތު އެބައޮތެވެ.

ޓޮރިނޯއާ އެކު ބެލޮޓީ ހަދާފައިވާ އެއްބަސްވުން 100 މިލިއަން ޔޫރޯ ދައްކައިގެން އުވާލުމުގެ ފުރުސަތު އިޓަލީން ބޭރު ކްލަބްތަކަށް އެބައޮތެވެ. އިޓަލީ ކްލަބްތަކަށް ޖެހޭނީ ޓޮރިނޯއާ އެކު އަގަކާ މެދު އެއްބަސްވާށެވެ.

ބެލޮޓީ އަކީ އާޖެންޓީނާގެ ކުރީގެ ފޯވާޑް ގެބްރިއަލް ބަޓިސްޓޫޓާ އަށް ވުރެ މޮޅު ކުޅުންތެރިޔެއް ކަމަށް މަޝްހޫރު ކޯޗު ފަބިއޯ ކަޕެއްލޯ ވެސް ވަނީ ބުނެފަ އެވެ.

"އޭނާ އަށް އެނގޭ (އޭރިއާ ތެރޭގައި) ހަރަކާތްތެރިވާން. އޭނާ އަށް ކޮންމެ ކަމެއް ވެސް ކުރެވިދާނެ. އޭނާ އަކީ ވަރަށް ހަލުވި އަދި (ފިޒިކަލީ) ވަރުގަދަ ކުޅުންތެރިޔެއް. ޓެކްނިކަލީ އޭނާ އަކީ ބަޓިސްޓޫޓާ އަށް ވުރެ ވެސް މޮޅު ކުޅުންތެރިޔެއް،" ބަޓިސްޓޫޓާ އަށް ރޯމާގައި ކޯޗުކޮށްދީފައިވާ ކަޕެއްލޯ ބުންޏެވެ.