17 އެޕްރީލް 2020 - 12:00

ގުދުސް (އެޕްރީލް 17) - ކޮރޯނާވައިރަސް ފެތުރޭތީ އަޅާ ރައްކާތެރި ފިޔަވަޅެއްގެ ގޮތުން، ކުރިއަށް އޮތް ބަރަކާތްތެރި ރޯދަ މަހު ވެސް އަގްސާ މިސްކިތުގައި ނަމާދު ނުކުރަން ނިންމައިފި އެވެ.
މުސްލިމުންގެ ތިން ވަނަ އަށް އެންމެ މުގައްދަސް ބިނާގެ ކަންކަން ބަލަހައްޓާ ޖެރޫސަލް އިސްލާމިކް ވަގްފް އިން ބުނީ އެއީ "ވަރަށް ހިތަށް ދަތުވި" ނިންމުމެއް ކަމަށެވެ.
ވަގްފް ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ ރޯދަ މަހު އަގްސާ މިސްކިތް ބަންދުކުރަން ނިންމީ އިސްލާމީ ފަތުވާ އާއި ސިއްހީ ތަޖްރިބާކާރުންގެ ލަފާގެ މަތިން ކަމަށެވެ.
"އެންމެންގެ ވެސް ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ރޯދަ މަހު ނަމާދު ކުރާނީ ގޭގައި،" ކައުންސިލުން ބުނެފައިވެ އެވެ.
ވަގްފް ކައުންސިލުން ބުނީ އަގްސާ މިސްކިތުގައި ރޯދަ މަހު ޖަމާއަތުގައި ނަމާދު ނުކުރި ނަމަވެސް ފަސް ވަގުތު ބަންގި ގޮވާނެ ކަމަށެވެ. އަދި މިސްކިތުގެ މަސައްކަތު މީހުންނަށް މިސްކިތަށް ވަނުމުގެ ހުއްދަ އޮންނާނެ ކަމަށް ވަނީ ބުނެފަ އެވެ.
ކޮންމެ އަހަރެއްގެ ރޯދަ މަހުގެ ނަމާދުތަކަށާއި ތަރާވީހް ނަމާދަށް މަސްޖިދުލް އަގްސާ އަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން މީހުން ޖަމާވެ އެވެ.
ކޮރޯނާވައިރަސް ފެތުރޭތީ، އަގްސާ މިސްކިތް އާއްމުންނަށް ބަންދުކުރީ މާޗް 23 ވަނަ ދުވަހު އެވެ. މިސްކިތުގެ ޑައިރެކްޓަރު ޝެއިޚް އުމަރު އަލް ކިސްވާނީ ވިދާޅުވީ އެއީ 1967 ވަނަ އަހަރުގެ ފަހުން، ވަގްފް ކައުންސިލުން އަންގައިގެން އަގްސާ މިސްކިތް ބަންދުކުރި ފުރަތަމަ ފަހަރެވެ.
މުސްލިމުންގެ އެންމެ މާތް ދެ ހަރަމްފުޅު ކަމަށްވާ މައްކާގެ މަސްޖިދުލް ހަރާމް އާއި މަދީނާގެ މަސްޖިދުއްނަބަވީގައި ވެސް މިހާރު ވަނީ، ކޮރޯނާވައިރަހާ ގުޅިގެން، އާއްމުން ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލައިފަ އެވެ.
ފަލަސްތީނުގެ ގާޒާގެ މިސްކިތްތައް ވަނީ މާޗް 25 އަދި ހުޅަނގު އައްސޭރީގެ މިސްކިތްތައް ވަނީ މާޗް 14 އިން ފެށިގެން ބަންދުކޮށްފަ އެވެ.
ފަލަސްތީނުން ވަނީ 374 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ ދެ މީހުން މަރުވެފަ އެވެ. އިޒްރޭލުން ވަނީ 12،758 މީހުން ޕޮޒިޓިވްވެ 142 މީހުން މަރުވެފަ އެވެ.