ޑެލިވަރީ އޯޑަރުތައް ނިންމަން ފުލުހުން ވަގުތު ދީފި
ޑެލިވަރީ އޯޑަރުތައް ނިންމަން ފުލުހުން ވަގުތު ދީފި

ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރަން މާލެ ސަރަހައްދު ލޮކްޑައުންކޮށްފައި ވާތީ، މުދާ ޑެލިވަރީ ކުރަން ހުއްދަ ދިން ފިހާރަތަކުން އެ މަސައްކަތް ކުރަން ދީފައިވާ ވަގުތު ފުލުހުން މިރޭ ވަގުތީ ގޮތުން އިތުރުކޮށްދީފި އެވެ.

ކޯބާތަކެއްޗާއި ފިހާރަކަތަކުން މުދާ ގެންގޮސް ދެވޭނީ ތިން ވަގުތެއްގައި ކަމަށް ފުލުހުން އިއްޔެ ވަނީ ކަނޑައަޅައިފަ އެވެ. އެއީ ހެނދުނު 9:00 އިން ފެށިގެން މެންދުރު 2:00 އާ ހަމައަށް އަދި މެންދުރު ފަހު 3:00 އިން ފެށިގެން އިރުއޮއްސި 6:00 އާ ހަމައަށް އަދި ރޭގަނޑު 8:00 އިން ފެށިގެން 11:00 އާ ހަމައަށެވެ..

އެކަމަކު ފުލުހުން މިރޭ ބުނީ މުދާ ޑެލިވަރީ ކޮށްދޭ ފިހާރަތަކުން ޑެލިވަރީ ކުރުމުގެ ފުރުސަތު މާދަމާ ހެނދުނު 10:00 އާ ހަަމައަށް ކުރިއަށް ގެންދަން ހުޅުވާލާފައިވާ ކަމަށެވެ. އަދި މި ވަގުތަށް ފަހު، ޑެލިވަރީކޮށްދެވޭނީ ކުރިން ކަނޑައަޅާފައިވާ ވަގުތުތަކުގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން މިހެން ބުނެފައި މިވަނީ ތަކެތި ޑެލިވަރީ ކޮށްދޭން ހުއްދަ ދީފައިވާ ފިހާރަތަކުން ފޯނު ނުނަގާ ކަމުގެ ޝަކުވާއާއި އޯޑަރުތައް ނެގުމަށް ފަހު ވެސް ޑެލިވަރީ ނުކުރެވޭ ކަމުގެ ޝަކުވާ އިތުރުވެފައި ވަނިކޮށެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި މިއަދު ބޭއްވި ޕްރެސް ބްރީފިން އެއްގައި މަލޭގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ ތަކެތި ޑެލިވަރީ ކޮށްދިނުމުގެ މަސައްކަތް ފުޅާ ކުުރުމަށް ޓަކައި އިތުރު ފިހާރަތަކަށް އެ ހުއްދަ ދެމުން އަންނަ ކަމަށެވެ.