ނަޑާލް: ވެއްޓުމަކަށް ފަހު ވެއްޓުމެއް!
ނަޑާލް: ވެއްޓުމަކަށް ފަހު ވެއްޓުމެއް!

ޝަންހާއީ، ޗައިނާ (އޮކްޓޯބަރު 13) - ޝަންހާއީ މާސްޓާސްގެ ފުރަތަމަ ބުރުން ކަޓައި މަޝްހޫރު ޓެނިސް ކުޅުންތެރިއާ ރަފައެލް ނަޑާލް ބޮޑުވެއްޓުމަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

ޝަންހާއީ އޯޕަންގެ ފުރަތަމަ ބުރުން ނަޑާލް ކެޓީ ދުނިޔޭގެ 31 ވަނައިގައި އޮތް ސާބިއާގެ ވިކްޓަ ޓްރޮއިކީ އަތުންނެވެ. ޓްރޮއިކީ މި މެޗުގެ ސެޓުތައް ގެންދިޔައީ 6-3 7-6 އިންނެވެ. މިއީ ޖެހިޖެހިގެން ހަތަރު މުބާރާތެއްގެ ސެމީ ފައިނަލުން ޖާގަ ނުލިބި ނަޑާލް ކެޓި ފުރަތަމަ ފަހަރެވެ.

ނަޑާލް މި ވަގުތު އޮތީ ދުނިޔޭގެ ފަސް ވަނައިގަ އެވެ. އެހެން ނަމަވެސް ޝަންހާއީ އޯޕަން އަށް ފަހު ނެރޭ ރޭންކިން އިން ނަޑާލް ގަދަ ފަހަކުން ވެއްޓުމުގެ ފުރުސަތު ބޮޑެވެ.

އުމުރުން 30 އަހަރުގެ ނަޑާލް ބުނީ އޭނާގެ ފޯމު ދަށްވަމުން އަންނަ ކަމަށާއި ކުޅުން ރަނގަޅު ނުކޮށްފިނަމަ ކުރިއަށްދާން އުނދަގޫވާނެ ކަމަށެވެ.

"އިދިކޮޅު ކުޅުންތެރިންނަށް އުނދަގޫވާ ވަރަށް އަހަރެންގެ ކުޅުން ރަނގަޅު ކުރަންވެއްޖެ. މިހާރު އިދިކޮޅަށް ނުކުންނަ ކޮންމެ ކުޅުންތެރިއަކަށް ވެސް އަހަރެންނާ އެއްކޮށް ކުޅެން ވަނީ ފަސޭހަ. އަހަރެންގެ ފެންވަރުގައި ކުޅެން މިހާރު އުނދަގޫ. މިކަން ރަނގަޅުކޮށްގެން ނޫނީ ކުރިއަށްދެވެން ނެތް،" ނަޑާލް ބުންޏެވެ.

އަތުގެ ކުޑަހުޅަށް މިދިޔަ އަހަރު ލިބުނު އަނިޔާ އިން ރިކަވާވެގެން އައި ފަހުން ނަޑާލްގެ ފޯމު ވަނީ ދަށަށް ގޮސްފަ އެވެ. އުމުރުން 30 އަހަރުގެ ނަޑާލް އެންމެ ފަހުން ކާމިޔާބުކުރި ޓެނިސް ގްރޭންޑް ސްލޭމް މުބާރާތަކީ 2014 ވަނަ އަހަރުގެ ފްރެންޗް އޯޕަން އެވެ. މި އަހަރު ނަޑާލަށް ކާމިޔާބު ކުރެވުނީ އެންމެ ދެ މުބާރާތެވެ. އެންމެ ފަހުން އޮތް ޗައިނާ އޯޕަން އިން ނަޑާލް ކެޓީ ކުއާޓާ ފައިނަލުންނެވެ.

މި އަހަރުގެ އޮލިމްޕިކްސްގެ ލޯ މެޑަލް މެޗުން ވެސް ނަޑާލް ވަނީ ބަލިވެފަ އެވެ.

އެންޑީ މަރޭ ވަނީ ޝަންހާއީ މާސްޓާސްގައި ކުޅުނު ފުރަތަމަ މެޗުން ފަސޭހަކަމާ އެކު އެމެރިކާގެ ސްޓީވް ޖޯންސަން ބަލިކޮށްފަ އެވެ.