16 އެޕްރީލް 2020 - 23:37

ކޮވިޑް-19 ފެތުރެމުންދާ މި ދަނޑިވަޅުގައި އެއްވުންތައް ބޭއްވި މީހުންނަށް ޖިނާއީ ދައުވާކުރަން ޖެހޭ ކަމަށް ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
މުއިއްޒު މިހެން ވިދާޅުވީ މާލެއިން ކޮވިޑް-19 ފެނި، އެބަލި ޖެހިފައިވާ މީހާއާ 200 އަށް ވުރެ ގިނަ މީހުން ކޮންޓެކްޓްވެފައިވާކަން ސަރުކާރުން ހާމަކޮށްފައިވަނިކޮށެވެ. އޭނާ ޕާޓީތަކާއި މަސް ދަތުރުތަކުގައި ވެސް ބައިވެރިވެފައި ކަމަށް ވަނީ ބުނެފަ އެވެ.
މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިހާރު ފެންނަމުން މި ދަނީ ސޯޝަލް ޑިސްޓަންސިން އަށް އެއްވެސް ވަރެއްގެ ސަމާލުކަމެއް ނުދިނުމުގެ ނަތީޖާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، މިސްކިތްތަކުގައި ނަމާދުކުރުން މަނާކޮށްފައިވަނިކޮށް ޕާޓީތަކާއި މަސްދަތުރުތައް ބޭއްވި މީހުންގެ މައްޗަށް ޖިނާއީ ދަައުވާ އުފުލަން ޖެހެ އެވެ.
މާލެ އިން ކޮވިޑް-19 އަށް ތިން މީހަކު ޕޮޒިޓިވް ވެފައިވާއިރު ތިން މީހުންނަކީ ވެސް އެއް އާއިލާއަކަށް ނިސްބަތްވާ ތިން މީހުންނެވެ. މީގެ ތެރެއިން ބަލި ފުރަތަމަ ޖެހިފައިވަނީ ކާކަކަށްކަން އަދި ވެސް ޔަގީން ނުވާއިރު އެމީހުންނަށް ބަލި ޖެހިފައިވަނީ ކާކުގެ ފަރާތުން ކަމެއް ވެސް އަދި ވެސް ނޭނގެ އެވެ.
މާލެއިން މިފެނުނު ފުރަތަމަ ކޭސްގެ ކޮންޓެކްޓްތައް އެޗްޕީއޭއިން ކުރިން ލަފާކުރި ވަރަށް ވުރެ މާ ގިނަ އެވެ. އަދި މިހެންވާން ޖެހުނީ ސޯޝަލް ޑިސްޓެންސިންގެ އިރުޝާދަށް ތަބާނުވެ އެއްވުންތަކުގައި ބައިވެރިވުމުން ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ..
ބަލި ޖެހިފައިވާ މީހުން ބޮޑެތި އެއްވުންތަކުގައި ބައިވެރިވެފައި ވާތީ އެ މީހުންނާ ސީދާ ކޮންޓެކްޓްވެފައިވާ މީހުން ހޯން ވަނީ ދަތިކަމަކަށް ވެފަ އެވެ. އަދި އެ އެންމެން ވެސް އަމިއްލައަށް ރިޕޯޓު ކުރުމަށް ވެސް ސަރުކާރުން ވަނީ އެދިފަ އެވެ.
މައުލޫމާތު ދޭން ގުޅާނީ އެޗްޕީއޭގެ ހޮޓްލައިން ނަމްބަރު 1676 އަށެވެ. އެ ނަމްބަރަށް ގުޅަން އުނދަގޫ ނަމަ މައުލޫމާތުު ދޭނެ އީމެއިލް އެޑްރެހަކީ[email protected]އެވެ.