ފަނޑިޔާރު ސުއޫދުގެ ދަރިކަނބަލުން ދޫކޮށްލީ ކަރަންޓީން ނިންމެވުމުން
ފަނޑިޔާރު ސުއޫދުގެ ދަރިކަނބަލުން ދޫކޮށްލީ ކަރަންޓީން ނިންމެވުމުން

ރާއްޖެއިން ބޭރުން އަންނަ ދިވެހިން ކަރަންޓީން ކުރުމުގެ އުސޫލާ ޚިލާފަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދުގެ ބޭފުޅަކު ކަރަންޓީން ނުކޮށް ދޫކޮށްލި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރާ ވާހަކައަކީ ދޮގެއް ކަން "މިހާރު" އަށް ކަށަވަރު ވެއްޖެ އެވެ.

ފަނޑިޔާރު ސުއޫދުގެ ދަރިކަނބަލުން ދޫކޮށްލީ ކަރަންޓީން ނިންމެވުމުން
ފަނޑިޔާރު ސުއޫދުގެ ދަރިކަނބަލުން ދޫކޮށްލީ ކަރަންޓީން ނިންމެވުމުން

ކޮވިޑް-19 އާ ގުޅިގެން އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ރާއްޖެއިން ބޭރުން އަންނަ ހުުރިހާ ދިވެހިން 14 ދުވަހަށް ކަރަންޓީންގައި މަޑުކުރަން ޖެހެ އެވެ. އެކަމަކު މާލެއިން އެ ބައްޔަށް އިއްޔެ ދިވެއްސަކު ޕޮޒިޓިވް ވެފައި ވަނިކޮށް ފަނޑިޔާރު ސުއޫދުގެ ބޭފުޅަކު ކަރަންޓީން ނުކޮށް ދޫކޮށްލި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ގެންދަނީ ވާހަކަ ފަތުރަމުންނެވެ.

ސުއޫދުގެ އާއިލާގެ ބޭފުޅަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވީ އެއީ ހަގީގަތާ ޚިލާފް ވާހަކަތަކެއް ކަމަށެވެ. އަދި ސުއޫދުގެ ދަރިކަނބަލަކު މިދިޔަ މަހު ރާއްޖެ ވަޑައިގެން 14 ދުވަހު ކަރަންޓީންގައި މަޑުކުރެއްވިކަމުގެ ރަސްމީ ލިއުން "މިހާރު"ގެ ނޫސްވެރިންނަށް ދެއްކި އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު ސޮއިކުރައްވާފައިވާ "އެކަހެރިކުރުމުން/ކަރަންޓީނުން ދޫކޮށްލިކަން އަންގާ ލިއުން" ގައި ވާ ގޮތުން ސުއޫދުގެ ދަރިކަނބަލަކުން މާޗު 28 ގައި ރާއްޖެ ވަޑައިގަތުމުން، ބިޔާދޫ ކަރަންޓީން ފެސިލިޓީގައި 14 ދުވަސް ހޭދަކުރެއްވި އެވެ. އޭނާ ދޫކޮށްލާފައި ވަނީ އެޕްރީލް 12ގަ އެވެ.

އެ ލިއުމުގައި ވާ ގޮތުން އޭނާ ދޫކޮށްލީ "ބަލަން ކަނޑައެޅުނު ކަންކަން ބެލުމަށް ފަހު އެކަހެރިކޮށްފައިވާ/ކަރަންޓީނުގެ ހާލަތު އިތުރަށް ދަމަހައްޓަން ޖެހޭ ސަބަބެއް މިވަގުތު ނެތުމުން"ނެވެ.

ސަރުކާރުގެ އިސް ފަރާތްތަކެއްގެ އާއިލީ ބޭފުޅުންތައް ކަރަންޓީން ނުކޮށް ދޫކޮށްލި ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއީ ދޮގެއް ކަމަށެވެ. އެފަދަ އެންމެ މީހަކު ވެސް ނުހުންނާނެ ކަމަށާއި އެގޮތަށް ދޫކޮށްލި އެންމެ މީހެއްގެ ނަން ވެސް ހާމަކޮށްދޭން އޭނާ ގޮވާލެއްވި އެވެ.

ކޮވިޑް-19 އަށް މާލެއިން އިއްޔެ ދިވެއްސަކު ޕޮޒިޓިވް ވެފައި ވަނިކޮށް ރޭ ކުޑަކުއްޖަކާއި އެހެން މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އެހެންވެ، މުޅި މާލެ ސަރަހައްދާއި ބައެއް ރަށްރަށުގެ ގެތައް ލޮކްޑައުންކޮށް، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ބާރަށް ދަނީ ކުރިއަށެވެ. އަދި ލޮކްޑައުންގެ މުއްދަތު އަނެއްކާވެސް ވަނީ 24 ގަޑިިއިރަށް އިތުރުކޮށްފަ އެވެ.