16 އެޕްރީލް 2020 - 22:29

ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންގެ އާއިލީ ބޭފުޅުން ކަރަންޓީން ނުކޮށް ދޫކޮށްލި ކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކައެއް ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް، އަލީ ޒާހިރު މިއަދު ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ، ޓޫރިސްޓް ވިސާގައި އަންނަ މީހުން ފިޔަވައި އެހެން އެންމެން 14 ދުވަހަށް ކަރަންޓީން ކުރަން ނިންމައި މިދިޔަ މަހުގެ 18 އިން ފެށިގެން އެގޮތަށް އަމަލުކުރަން ފަށައިފަ އެވެ.
ނަމަވެސް އެޗްޕީއޭގެ އެ އެންގުމަށްފަހު ވެސް ރާއްޖެ އައި މީހުންގެ ތެރެއިން އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންގެ އާއިލީ ބޭފުޅުން ކަރަންޓީން ނުކޮށް މާލެ ތެރެއަށް ދޫކޮށްލާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން އަންނަނީ ތުހުމަތުކުރަމުންނެވެ.
ތުހުމަތުތަކަށް ރައްދު ދެއްވައި އަލީ ޒާހިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ކޮވިޑް-19 އާ ގުޅިގެން އަޅަމުންދާ ފިޔަވަޅުތަކާ ގުޅިގެން 'މާލެ' ގެ ބޮޑުންނާއި ސަރުކާރު މަތީ މީހުންގެ އާއިލާތައް 'މާލެ' ތެރެއަށް ދޫކޮށްލިއޭ" ބުނެ ފަތުރަމުން ދަނީ 100 ޕަސެންޓް ދޮގު ވާހަކައެއް ކަމަށެވެ.
"އެންމެ މީހެއްގެ މައުލޫމާތު ދެއްވާ. ހަމަ ޔަގީން އެންމެ މީހެއްގެ މައުލޫމާތު ވެސް ނުދެވޭނެކަން،" ޓްވީޓުގައި ވެ އެވެ.
ކަރަންޓީން ފެސިލިޓީގެ ގޮތުގައި 12 ތަނެއް ބޭނުންކުރަމުން އަންނައިރު އެ ތަންތަނުގައި މިވަގުތު ވެސް 985 މީހުން އެބަތިއްބެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް-19 ޖެހިފައިވަނީ 23 މީހަކަށެވެ. އޭގެ ތެރެއިން 16 މީހަކު އެ ބަލިން މުޅިން ރަނގަޅުވެފައިވާއިރު މިހާރު ފަރުވާ ދެމުން އަންނަނީ ހަތް މީހަކަށެވެ. އޭގެ ތެރެއިން މާލެއިން ފުރަތަމަ ޕޮޒިޓިވްވި މީހަ އާއި އޭނާގެ ތުއްތު ދަރިފުޅު ހިމެނެ އެވެ.