17 އެޕްރީލް 2020 - 12:30

ސިންގަޕޫރު (އެޕްރީލް 17) - ރެކޯޑް އަދަދަކަށް ސިންގަޕޫރުގައި ކޮރޯނާވައިރަހަށް މީހުން އިއްޔެ ޕޮޒިޓިވްވެފައިވާ އިރު ރައްކާތެރިކަމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުން ސިންގަޕޫރު މީހުން ބޭރަށް ދާނަމަ މާސްކް އެޅުން މަޖްބޫރުކޮށް މާސްކް ނާޅާ މީހުން 300 ސިންގަޕޫރު ޑޮލަރު (200 އެމެރިކާ ޑޮލަރު) އިން ޖޫރިމަނާކުރަން ނިންމައިފި އެވެ.

ހެލްތު މިނިސްޓްރީން ބުނީ މާސްކް ނާޅައި ތަކްރާރުކޮށް ބޭރުގައި އުޅޭ މީހުންގެ މައްޗަށް ދައުވާކޮށް، ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރާނެ ކަމަށެވެ. ޖޫރިމަނާ އިން އިސްތިސްނާ ވާނީ ޚާއްސަ އެހީއަށް ބޭނުންވާ މީހުންނާއި ދެ އަހަރުން ދަށުގެ ކުޑަކުދިންނެވެ.
ވޭތުވެދިޔަ ދެތިން ދުވަސްތެރޭ ސިންގަޕޫރުގައި ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ ބޮޑުތަނުން އިތުރުވާން ފަށައިފަ އެވެ. ހޯމަ ދުވަހު 386 މީހުން ޕޮޒިޓިވްވިއިރު އަންގާރަ ދުވަހު ވަނީ 334 މީހުން ޕޮޒިޓިވްވެފަ އެވެ. އަދި ބުދަ ދުވަހު ވަނީ 447 މީހުން ޕޮޒިޓިވްވެފަ އެވެ. ހެލްތު މިނިސްޓްރީން ބުނީ އިއްޔެ ވަނީ ރެކޯޑް އަދަދެއް ކަމަށްވާ 728 މީހުން ޕޮޒިޓިވްވެފައި ކަމަށެވެ.
ސިންގަޕޫރުގައި ކޮރޯނާވައިރަހަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެފައި މިވަނީ ބިދޭސީ މަސައްކަތު މީހުން އުޅޭ ޑޯމިޓަރީތަކުންނެވެ.
ސިންގަޕޫރުން މިހާތަނަށް ވަނީ 4,427 މީހުން ޕޮޒިޓިވްވެ 10 މީހުން މަރުވެފަ އެވެ.