ދިވެހިން ބަހެއް ނޭހި!
ދިވެހިން ބަހެއް ނޭހި!

އަހަރެމެން ހަމަ ހަގީގަތުގައި ވެސް ސިއްހީ މާހިރުންގެ ބަހެއް ނޭހި އެވެ. ގިނަ ވަގުތު ގޭގައި ތިބުމަށާއި ބޭރުގައި އުޅޭ އިރު ވެސް ސޯޝަލް ޑިސްޓެންސިން އަށް ސަމާލުވުމަށް އެދި އެ މީހުން ކުރި އާދޭހަށް ދިނީ ބީރު ކަންފަތެކެވެ. ބައެއް މީހުން އެ ވާހަކަތައް ބޭނުންކުރީ ސައިމޭޒުތަކާއި ކޮފީތަކުގައި މީހުން ހެއްވައިލުމަށެވެ. އިއްޔެ ވެސް ކިއޫއެއްގައި ތިން ފޫޓު ދުރުގައި ހުރުމަށް ބިދޭސީ ޑޮކްޓަރަކު ދިވެއްސެއްގެ ކައިރީ އެދުމުން އޭނާ އަށް ދިނީ ހަމަލަ އެވެ. މިއީ އަހަރެމެންގެ ދިވެހިންގެ ހާލަތެވެ.

ދިވެހިން ބަހެއް ނޭހި!
ދިވެހިން ބަހެއް ނޭހި!

ކޮރޯނާވައިރަސްގެ ނުރައްކާތެރިކަން ދިވެހިންނަށް ވުރެ ބޮޑަށް އެނގޭނެ ބަޔަކު ތިބޭނެހެން ހިއެއް ނުވެ އެވެ. އެހާ ވަރަށް، އެ ވައިރަހުން ފެތުރޭ ކޮވިޑް-19 ބަލީގެ ވާހަކަ ދިވެހިންގެ ތެރޭގައި އާންމެވެ. އިންޓަނެޓުގެ މި ޒަމާނުގައި ސޯޝަލް މީޑިއާގައި ފުރާފައި އޮތީ ޗައިނާ އާއި އިޓަލީ އާއި އެމެރިކާ ފަދަ ގައުމުތަކަށް ދިމާވި ވާހަކަތަކެވެ. ދިވެހިންނަކީ ފޭސްބުކާއި ޓުވިޓާ އަށް ދެވިހިފާފައި ތިބި ބައެކެވެ. ގައިމު ހޭލުންތެރިވާނެ އެވެ. ރާއްޖޭގެ މީޑިއާތަކުގައި މި ނޫން ވާހަކައެއް މި ދުވަސްވަރު ނެތެވެ.

ދިވެހިން ބަހެއް ނޭހި!
ދިވެހިން ބަހެއް ނޭހި!

ދިވެހި މީޑިއާތަކުގެ 90 ޕަސެންޓް ކޮންޓެންޓަކީ ކޮރޯނާވައިރަހާ ގުޅޭ އެކި ވާހަކަތަކެވެ. އެތައް ބައެއްގެ މަގްބޫލުކަން ހޯދި، ކޮވިޑް-19ގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ކޮންމެ ދުވަހެއްގެ ދެ އިރު އަދި ފަހުން ދުވާލަކު އެއްފަހަރު މީޑިއާ ބްރީފިން ބާއްވައި ދެއްކެވީ ހަމަ ކޮވިޑް-19 ގެ ވާހަކަ އެވެ. ބޭރުގައި ނޫޅުމަށް އެދި މަބްރޫކް އާދޭސްކުރެއްވި އެވެ. ދިވެހިންގެ ހިތްތައް އަތުލައިގަނެވޭ ގޮތަށް، އެ ވަގުތަކަށް ފައްތާލައްވައިގެން އޭނާ ވާހަކަތައް ގެނެސްދެއްވި އެވެ. ބަލީގެ ނާޒުކް ކަމާއި ރާއްޖެ އަށް މި ބަލި ފެތުރިއްޖެ ނަމަ ވާނެ ގޮތް އިހުސާސް ކުރެއްވޭތީ އެވެ.

ދިވެހިން ބަހެއް ނޭހި!
ދިވެހިން ބަހެއް ނޭހި!

މި ބަލި ދެ މިލިއަނަށް ވުރެ ގިނަ މީހުންނަށް ޖެހި 126،000 އަށް ވުރެ ގިނަ މީހުން މިހާތަނަށް މަރުވެއްޖެ އެވެ. ހަތަރު ލައްކަ އަށް ވުރެ ގިނަ މީހުން ބަލިން ރަނގަޅު ވިޔަސް އެއްވެސް ފަރުވާއެއް މިހާތަނަށް ހޯދިފައި ނެތުމަކީ މީގެ ނުރައްކާތެރިކަން އެންމެ ބޮޑު ސަބަބެވެ.

ދިވެހިން ބަހެއް ނޭހި!
ދިވެހިން ބަހެއް ނޭހި!

އަހަރެމެން ކަހަލަ ނިކަމެތި، އަމިއްލަ ހާލައިގެން ނޫޅެވޭ ގައުމެއްގައި އެންމެ މީހަކަށް މިފަދަ ބައްޔެއް ޖެހި، އެ ފެތުރެން ފަށައިފި ނަމަ ވާނެ ގޮތް އިހުސާސްވީ ކިތައް މީހުންނަށް ބާވަ އެވެ؟ މާލެ އިން ކޮވިޑް-19 އަށް އިއްޔެ ފުރަތަމަ ފަހަރަށް މީހަކު ޕޮޒިޓިވްވެ، ހާލަތު ބަލައިލިއިރު ކަމުދާކަށް ނެތެވެ. ރާއްޖޭގެ ސިއްހީ ދާއިރާގެ އޮފިޝަލުން ކެނޑިނޭޅި ދެއްކި އެއްވެސް ވާހަކައެއް އަޑު އެހިހެނެއް ހިއެއް ނުވެ އެވެ. ނަތީޖާ އިން ދައްކަނީ ދިވެހިން ބަސް ނޭހިކަމެވެ.

ދިވެހިން ބަހެއް ނޭހި!
ދިވެހިން ބަހެއް ނޭހި!

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން މިއަދު ބޭއްވި މީޑިއާ ބްރީފިންގައި އެޗްޕީއޭގެ ޑރ. އިބްރާހިމް އަފްޒަލް ހާމަކުރެއްވި މައުލޫމާތުތަކަށް ބަލާއިރު އަހަރެމެންގެ ހާލަތު ވަރަށް ގޯހެވެ. މިދިޔަ ދުވަސްތަކުގައި ސަރުކާރުގެ އޮފީސްތަކާއި ސްކޫލްތަކާއި މިސްކިތްތައް ބަންދުކޮށްގެން އަހަރެމެން ކުރި ކަންތައްތައް ދިޔައީ ހަމަ ތޮޅިއަށް ދޯއޭ އެ ވާހަކަތައް އަހާފައި ހިތަށްއަރަ އެވެ.

ދިވެހިން ބަހެއް ނޭހި!
ދިވެހިން ބަހެއް ނޭހި!

ޑރ. އަފްޒްލް ވިދާޅުވީ މާލެ އިން ފުރަތަމަ ޕޮޒިޓިވްވި މީހާއާ އެންމެ ފަސް ދުވަހުގެ ތެރޭގައި 200 އަށް ވުރެ ގިނަ މީހުން ކޮންޓެކްޓް ވެފައިވާ ކަމަށެވެ. އެ ގުރޫޕްގެ ގިނަ ބަޔަކު ވަނީ މަސް ދަތުރާއި ޕާޓީ ވެސް ބާއްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި، ސަރުކާރުން ބޮޑެތި ފިޔަވަޅުތަކެއް އަޅައި، ބޭރުތެރޭގައި ނޫޅުމަށް އިލްތިމާސް ކުރަމުން އަންނަނިކޮށް، މިހާ ގިނަ ބަޔަކު ކޮންޓެކްޓް ވާނެ ކަމަށް ހީނުކުރައްވާ ކަމަށެވެ. އޭނާ އެހެން ވިދާޅުވީ، ކަމުގެ ބޮޑުކަމާއި ސިއްހީ އޮފިޝަލުންނާއި ސަރުކާރުގެ އާދޭސްތަކަށް ގިނަ ދިވެހިން ކިޔަމަން ނުވިކަން އަންގައި ދިނުމަށް ކަމަށް ބެލެވެ އެވެ.

ދިވެހިން ބަހެއް ނޭހި!
ދިވެހިން ބަހެއް ނޭހި!

ކޮންޓެކްޓް ޓްރޭސިން ހެދުން އަދިވެސް އޮތީ ކުރިއަށެވެ. އަދި 22 ތަނެއް ބަންދުކޮށް ފިޔަވަޅުތައް އަންނަނީ އަޅަމުންނެވެ.

ދިވެހިން ބަހެއް ނޭހި!
ދިވެހިން ބަހެއް ނޭހި!

މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ފުރަތަމަ ކޭސް އަށް އެކަނި ބެލިޔަސް އަހަރެމެން ދިވެހިން ތިބީ ބޯހަރުކަން މަތީގައިކަން އެނގެ އެވެ. ފަރުދީ ޒިންމާ ނެގުމެއް ނެތެވެ. ބައެއް މީހުން ކަންކަން ނެގީ މަޖަލަކަށެވެ. ކެފޭތަކާއި ރެސްޓޯރަންޓުތައް ބަންދު ކުރުމުން މަގުމަތީގައި އެކަކު އަނެކަކާ ޖެހި ތިބެ، ކޮފީ ބުއިން އާދައަކަށް ހެދީ އެވެ. މާލޭގައި ހަފުތާއެއް ވަންދެން ކޮންމެ ދުވަހެއްގެ ހަވީރު 5 އިން ރޭގަނޑު 8 އަށް ކާފިއު އިއުލާން ކުރީމާ ވެސް އެ ގަޑީގައި ބޭރުތެރޭގައި އުޅުމުން ކޮންމެ ދުވަހަކު އެވްރެޖްކޮށް 150 އަށް ވުރެ ގިނަ މީހުންނާ ފުލުހުން ސުވާލު ކުރަން ޖެހުނެވެ. މާލޭގައި ދިރިއުޅޭ މީހުން އެ ހަފުތާގައި ތިބެނީ ރޭގަނޑު އަށެއް ނުޖަހައިގެންނެވެ. ހަމަ އަށެއް ޖެހުމާ އެކު، ކޮޅުކޮޅަށް އެއްފަހަރާ އެތައް ބަޔަކު ދުއްވައި ގަންނަނީ އެވެ.

މާލެ ކަހަލަ ތޮއްޖެހިފައިވާ ތަނެއްގައި ކޮވިޑް-19 ފެތުރިއްޖެ ނަމަ ހާލަތު މެދުވެރިވާނެ ދަތި ގޮތްތައް ލޮކްޑައުންގައި މި އޮތް 24 ގަޑިއިރަށް ވުރެ ގިނަ ވަގުތު އަހަރެމެން ތަޖުރިބާ ކޮށްފީމެވެ. މިދިޔަ 24 ގަޑިއިރު ދިޔައީ ޑެލިވަރީ ނިޒާމު ހަމަޔަކަށް ނޭޅުވި ތިއްބަ އެވެ. ޑެލިވަރީ ކުރި ތަކެތި ނުލިބި ބައެއް މީހުން ތިބޭތާ 24 ގަޑިއިރު ވީ އެވެ. މިއީ އަދި އެންމެ ކަމެކެވެ. ނަމަވެސް އެތައް ސަތޭކަ ބަޔަކަށް މި ބަލި ޖެހި، ސިއްހީ ނިޒާމަށް ނުތަކާ ވަރަށް ހިނގައްޖެ ނަމަ ވާނެ ގޮތް އިހުސާސް ކޮށްބަލާށެވެ. މި އުޅެނީ އަދިވެސް ވެންޓިލޭޓަރު ހަމަނުކުރެވިގެންނެވެ.

އަހަރެމެން ދިވެހިން، މީހުން ދައްކާ ވާހަކައާ ގުޅުވައިގެން މަޖާ ވާހަކަތައް ފަތުރަން ވަރަށް މޮޅުވާނެ އެވެ. ޖޯކް ޖަހަން ވެސް މޮޅުވާނެ އެވެ. މި ފަހަރު ވެސް މަބްރޫކް ދެއްކެވި ވާހަކަތަކުން، ބޭނުންވާ ތަންތަންކޮޅު ހަދައިގެން މަޖާކުރީ އެވެ. އެކަމަކު މަބްރޫކާއި އެހެން އޮފިޝަލުން ދެއްކެވި ވާހަކަ އިން އިބްރަތް ހާސިލްކުރީ ކިތައް މީހުން ބާވަ އެވެ؟ ޑޮކްޓަރުން ކެނޑިނޭޅި ދެއްކެވި ވާހަކަތަކާ މެދު ފުންކޮށް ވިސްނައި، ދުނިޔޭގެ ތަޖުރިބާ އިން ފިލާވަޅު ލިބިގަތް ބަޔަކު އެބަ ތިބި ހެއްޔެވެ؟ މިއަދު ވެސް ލޮކްޑައުން އުވައިލައިފި ނަމަ އަހަރެމެން ދިވެހިން ދުއްވައި ގަންނާނީ ގުރޫޕް ހަދާފައި ކޮފީ އަށާއި ސަޔަށެވެ. އަނގަތަޅާށެވެ. މުޅި ދުނިޔެ އަށް ކުރިމަތިވެގެން މި އުޅެނީ ކިހާ ބޮޑު ކަމެއް ކަން ވިސްނާލުމެއް ނެތި އެވެ.