16 އެޕްރީލް 2020 - 17:59

ނިއު ދިއްލީ (އެޕްރީލް 16) - އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ޕިއްޒާ ޑެލިވަރީކުރާ މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވުމާ ގުޅިގެން 70 އަށް ވުރެ ގިނަ އާއިލާ ކަރަންޓީންކޮށްފި އެވެ.
އިންޑިއަން އެކްސްޕްރެސް އިން ބުނީ ކަރަންޓީންކުރި 72 އާއިލާ ކޮރޯނާވައިރަހަށް އަދި ޓެސްޓްކޮށްފައި ނުވާ ކަމަށެވެ.
"އެންމެން ވެސް މިހާރު ތިބީ ގޭގައި ކަރަންޓީންކޮށްފައި. އެ މީހުން ޓެސްޓް ކުރާނީ ބަލީގެ އެއްވެސް އަލާމާތެއް ފެންނަ ނަމަ،" ދިއްލީގެ ސިއްހީ އޮފިޝަލަކު ވިދާޅުވި އެވެ.
ކަރަންޓީންކުރި އާއިލާތަކުގެ އިތުރުން ޑެލިވަރީކުރި މީހާއާ އެކު އުޅުނު 17 އެޖެންޓަކު ވެސް ވަނީ ކަރަންޓީންކޮށްފަ އެވެ.
އިންޑިއާ އިން މިހާރު ވަނީ ލޮކްޑައުން މުއްދަތު މެއި މަހު 3 ވަނަ ދުވަހަށް އިތުރުކޮށްފަ އެވެ. ނަމަވެސް ކާބޯތަކެއްޗާއި ބޭސް ހޯދަން ބޭރަށް ނުކުތުމަށް ހުއްދަ އޮވެ އެވެ.
އިންޑިއާ އިން މިހާތަނަށް ވަނީ 12،456 މީހުން ޕޮޒިޓިވްވެ 423 މީހުން މަރުވެފަ އެވެ.